ފަލަސްތީނުގެ ހައްގުތަކަށް ގޮވާލަމުން އަރަބި އިސްވެރިންގެ ސަމިޓް ނިންނާލައިފި

އަރަބި ސަމިޓް

ތޫނިސް (އެޕްރީލް 1) : ފަލަސްތީނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް އެކުލަވާލުމާއި ފަލަސްތީނުގެ ހައްގުތަކަށް ގޮވާލަމުން އަރަބި އިސްވެރިންގެ ސަމިޓް ތޫނިސްގައި ނިންމާލައިފި އެވެ.

މިސަމިޓްގައި އަރަބި ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާ އިރު ސަމިޓުން މުހިއްމު ނިންމުންތަކެއް ވެސް ނިންމާފައިވެ އެވެ. "ޓިއުނިސް ޑެކްލަރޭޝަން"ގެ ނަމުގައި ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި އަރަބި ދުނިޔޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ފޯރުވުމަށް މަސައްކަތްކުރާ ބާރާއި ނުފޫޒާތަކާ ދެކޮޅު ހެދުމާއި ބޭރުގެ ވަދެގަތުންތަކާ ކުރިމަތިލުމަށް އަރަބި ގައުމުތައް އެއްބައިވަންތަކުގައި ތިބިކަން ބަޔާންކޮށްފައިވެ އެވެ.

ފަލަސްތީނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން އެކުލަވާލި ނިޒާމުގެ ދަށުން ފަލަސްތީނަށް މަހަކު ސަތޭކަ މިލިޔަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދިނުމަށް އަރަބި ސަމިޓުން ނިންމާފައިވެ އެވެ. އަރަބި ގައުމުތަކުން ފަލަސްތީނުގެ ސަރުކާރާ ހަވާލުކުރާ މިފައިސާ ފަލަސްތީނުގެ ސަރުކާރު ހިންގުމަށް ބޭނުން ކުރުމުގެ އިތުރުން އިސްރާއީލުން ހިންގާ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށްވާ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިވުމަށް ބޭނުންކުރުން ވެސް މި ނިޒާމުގައި ހިމެނެ އެވެ.

އަރަބި ސަމިޓުން ނެރުނު "ޓިއުނިސް ޑެކްލަރޭޝަން"ގައި 1967ގައި އިސްރާއީލުން ހިފި ފަލަސްތީނުގެ ބިންތަކާއި އަރަބި އެހެން ހުރިހާ ބިންތަކުން އިސްރާއީލު ފާބައި އެބިންތައް މިނިވަން ކުރަންޖެހޭކަން ބަޔާންކޮށްފައިވެ އެވެ. އަދި ގުދްސުގެ އިރުމަތީބައި ހިމެނޭ ގޮތަށް ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި ފަލަސްތީނުގެ ރެފިއުޖީން އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫއަވުން ނޫން އެހެން ހައްލެއް އަރަބި ގައުމުތަކުން ގަބޫލު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ސޫރިޔާގެ ގޯލާންގެ ބިންތަކަކީ ވެސް ސޫރިޔާގެ ބިންތަކެއް ކަން ކަށަވަރުކޮށް ބިންތަކުގެ މިލްކުވެރިކަމާދެކޮޅަށް އިސްރާއީލާއި އެމެރިކާ ނިންމާފައިވާ ނިންމުން ތައް ގަބޫލުނުކުރާނެ ކަމަށް ބުނެފައިވެ އެވެ.

"ޓިއުނިސް ޑެކްލަރޭޝަން"ގައި ސޫރިޔާ، ލީބިޔާ ޔަމަން އަދި ސޮމާލިޔާގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް އަރަބި ލީޑަރުން އެއްބަސްވެ ވަޑައިގެންފައިވެ އެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް އެއްގައުމު އަނެއް ގައުމުން ވާގިވެރިވުމަށް ވެސް ނިންމާފައިވެ އެވެ. ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު އަނބުރައި އެގައުމުގެ ވެރިކަމަށް ގެނައުމަށް ތާއީދުކުރާކަން ވެސް ހާމަކޮށްފައިވެ އެވެ.

މީގެ އިތުރުން އަރަބި މުއްސަނދި ގައުމުތަކުން އަރަބި ފަގީރު ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަރަބި ގައުމުތަކުގެ އިގްތިސާދު ވަރުގަދަކޮށް ދާޚިލީ ވިޔަފާރި ކުރިއެރުވުމަށް ވެސް ގޮވާލާފައިވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް