ޒައިނުއްދީން ޒިދާން އަނބުރާ ރެއާލް މެޑްރިޑް ގެ ކޯޗުކަމާ ހަވާލުވުމަށްފަހު ކުޅުނު ދެވަނަ މެޗުން ތާވަލުގެ ފުލުގައި އޮތް ހުއެސްކާ ގާތުން މޮޅު ވެއްޖެ އެވެ.
އެންމެ ފަހުން ތިން އަހަރުގެ ވެސް ޔޫރަޕުގެ ޗެމްޕިއަން، ރެއާލް ރޭގެ މެޗުން މޮޅުވެފައި ވަނީ 2-3 ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު ރެއާލް މިވަގުތު ތާވަލުގެ ތިންވަނައިގައި އޮތީ 29 މެޗު ކުޅެ 57 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްއަށް 29 މެޗު ކުޅެގެން 59 ޕޮއިންޓް ލިބިފައި ވާ އިރު އެއްވަނައިގައި އޮތް ބާސެލޯނާ ވަނީ 29 މެޗު ކުޅެގެން 69 ޕޮއިންޓް ހޯދާފަ އެވެ.

ރެއާލް މެޑްރިޑްގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ކޯޗު، ޒައިނުއްދީން ޒިދާން --- ފޮޓޯ/ ޖޯ ރައިޓް
ރެއާލް މެޑްރިޑް ސްކޮޑުގެ މުހިއްމު ކުޅުންތެރިންތަކެއް ރޭގެ މެޗުގައި ހިމަނާފައެއް ނުވެއެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ލޫކާ މޮޑްރިޗް، ޓޯނީ ކްރޫސް، ރަފައެލް ވެރޭން، މާކޯ އެސެންސިއޯ އަދި ވިނިޝަސް ޖޫނިއާގެ އިތުރުން ޑެނީ ކާވަހާލް ވެސް ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ.
ނަމަވެސް އެ މެޗުގައި ދެ ކުޅުންތެރިއަކަށް ވަނީ ސްޕެނިޝް ލީގުގެ ފުލް ޑެބިއުޓް ދެއްކުމުގެ ފުރުސަތު ދީފަ އެވެ. އެއީ ރެއާލްގެ ކޯޗުގެ ދަރި ލޫކާ ޒިދާން އަދި ބްރަހިމް ޑިއަޒް އެވެ.
ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ހުއެސްކާއިންނެވެ. ފުރަތަމަ ހާފުގެ ތިން ވަނަ މިނަޓުގައި ޖުއަން ކެމީލޯ ހަނަންޑެޒް ހުއެސްކާއަށް ލީޑު ނަގައިދިން ނަމަވެސް އެ ހާފުގެ 25 ވަނަ މިނަޓުގައި ރެއާލްގެ ހުނަރުވެރި މިޑްފީލްޑަރު އިސްކޯ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފު ދެ ޓީމު އެއްވަރުގަ އޮވެގެން ނިންމާލި ނަމަވެސް ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ދިޔައެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ރެއާލް މެޑްރިޑްއިން ދިޔައީ ހުއެސްކާގެ ގޯލަށް އިހުނަށް ވުރެން ނުރައްކާ ކުރަމުންނެވެ. އެގޮތުގައި މާ ގިނައިރު ތަކެއް ނުވަނީސް ޑެނީ ކެބަލޮސް ވަނީ ގޯލެއް ޖަހައި ރެއާލްއަށް ލީޑު ނަގައިދީފަ އެވެ. އެ ގޯލާ އެކު ހުއެސްކާ ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް އަނެއްކާ ވެސް ނުރައްކާކޮށް ގޯލެއް ޖެހި އެވެ. މެޗުގެ 74 ވަނަ މިނަޓުގައި ޒަބިއާ އެޝެއިޓާ ޖެހި ގޯލާ އެކު ހުއެސްކާގެ އުންމީދުތައް އައު ވެގެން ދިޔަ ނަމަވެސް އެ ޓީމުގެ ހިތްތައް ފުނޑުފުނޑު ކޮށްލީ މެޗު ނިމެން މިނަޓަކަށް ވެފައި ވަނިކޮށް ރެއާލްގެ ފޯވާޑް ކަރިމް ބެންޒީމާ ޖެހި ގޯލުންނެވެ.