ކޮންމެ ދިވެއްސަކަށް ހިލޭ ބިމެއް ލިބެން ޖެހޭ: ސިޔާމް

މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ރަފިއްޔާގެ ކެމްޕެއިން ޖަލްސާގައި ސިޔާމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮންމެ ދިވެހި ރައްޔިތަކަށް ސަރުކާރުން ހިލޭ ބިމެއް ދޭން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާފަންނު ހުޅަނގު ދާއިރާއަށް އެމްޑީއޭގެ ޓިކެޓްގައިމ ވާދަކުރައްވާ އައިޝަތު ރަފިއްޔާގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަމުން ސިޔާމް ވިދާޅުވީ، މީގެ ކުރިން މީހަކާ އިނދެ ޒަވާޖީ ހަޔާތެއް ފަށާއިރު އަމިއްލަ ގޯޗެއް ނުވަތަ ގެއެއް ލިބޭ ކަމަށާއި ނަމަވެސް މިހާރު އެކަންތައް އެގޮތަށް ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑުމެން ގަބޫލު ކުރަނީ ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ ބިމެއް ލިބެން ޖެހޭނެ ކަމަށް،"

މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ރަފިއްޔާގެ ކެމްޕެއިން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އެހެންވީމާ ޒުވާނުން ދެރަ ނުވޭ. ކޮންމެ ޒުވާނަކަށް ގެދޮރު ލިބޭނެ އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން މަސައްކަތް ކުރާނީ އެބީދައިން،"

ގެދުރުވެރިކަމަކީ އަސާސީ ހައްގެއްކަން ފާހަގަކޮށް ސިޔާމް ވިދާޅުވީ، ރައްޔިތުންގެ ބިމުން ވިޔަފާރީކޮށް އެބިން އަލުން އަނބުރާ ރައްޔިތުންނަށް ވިއްކުމަކީ، ވެން މަސް ވެނަށް ކާންދިނުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ކެމްޕެއިން ކުރާ ފަދައިން މަޖިލީހަށް ހޮވުމަށް ފަހު ރައްޔިތުންގެ ހާލު ބަލަން ޖެހޭނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ކަމެއް ދިމާވާ އިރު އޭނާ ހުންނަން ޖެހޭނެ ކައިރީގައި. ރައްޔިތުންނެއް ނޫން އޭނާ ކައިރިއަށް ދާން ޖެހޭނީކީ އެއް،" ސިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް