އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް އާތު އަވާ ފަހާގަކުރުމުގެ ހަރަކާތްތައް ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.
މި އަހަރު އާތުއަވާ ރާއްޖޭގައި އާތު އަވާގެ ރަސްމީ އިވެންޓް އޮންނާނީ ކުޅުދުއްފުށީގައެވެ.
އެ ހަރަކާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ކުޅުދުއްފުށީގެ ބިލީފް މޫމަންޓްގެ ފައުންޑާ އަފާ ހަސަން "ސަން" އަށް ވިދާޅުވީ މިރޭ ބާއްވާ ރަސްމީ ސްވިޗް އިވެންޓް 8:30 އިން 09:30 އަށް އޮންނާނީ އެރަށުގެ ޒޯން ސްޓޭޑިއަމްގައި ކަމަށެވެ.
އާތު އަވާ ފާހަގަކުރުމުގެ ގޮތުން މިރޭ އެރަށުގެ ބޮޑު މަގު (އަމީނީ މަގު)ވެސް އެ ގަޑީގައި ނިއްވާލުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާތު އަވާ ފާހަގަކުރުމަށް ކުޅުދުއްފުށި ތައްޔާރުވެފައި-- ފޮޓޯ: އަފާ ހަސަން
އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ބެރާއި މިއުޒިކްގެ ސްޓޯލް ކުރިއަށް ގެންދިއުމަށް ނިންމާފަިއވާ ކަމަށްވެސް އަފާ ވިދާޅުވިއެވެ.
އާތުއަވާ ސްވިވް އިވެންޓް މާލޭގައިވެސް މިރޭ 08:30 އިން 09:30 އަށް ކުރިއަށް ދާނެއެވެ.
އާތް އަވާ އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއިމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޑަބްލިއުޑަބްލިއުއެފުން 2007 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި ރާއްޖެއިން ބައިވެރިވާން ފަށާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ.