ހުމާމް ދޫކޮށްލުމަށް އދ. އިން އެންގި އެންގުމަށް ޖަވާބު ދާރީވުމަށް މިދަނީ މަސައްކަތް ކުރަމުން: ފޮރިން މިނިސްޓްރީ

ހ. ލޮބީ ހުސައިން ހުމާމް: އޭނާ ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ނޫން ކަމަށް ހުމާމްގެ ވަކީލު ވަނީ ބުނެފައި -- ސަންފައި ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ، ހުސައިން ހުމާމް އަހްމަދު ދޫކޮށްލުމަށް އދ. އިން އެންގި އެންގުމަށް ޖަވާބު ދާރީވުމުމަށް މަސައްކަތް ކުރަމުންދާ ކަަމށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަގައި އދ. އަށް ޖަވާބުދާރީވުމުގެ ގޮތުން ސަރުކާރުގެ އެކި މުވައްސަސާތަކާ މިހާރު މަޝްވަރާތައް ފަށައިފައިވާ ކަމަށެވެ. އަދި އެކަމުގައި އދ. އަށް ފުރިހަމައަށް އެއްބާރުުން ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުމާމް ދޫކޮށްލައި އޭނާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް އދ. އިން ރާއްޖޭގެ ސަރުކާރަށް އަންގައިފައިވާ ކަމަށް އެޖަމިއްޔާގެ ދީނީ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދުވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ޝަހީދު ވަނީ އދ. ގެ އެންގުންތަކަށް ބޯ ލަނބައި ހުމާމް ވަގުތުން ދޫކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ގޮވާލައްވައިފައެވެ.

އދ. އިން ޝަހީދު އަށް ފޮނުވާފައިވާ ކަމަށް ބުނެ އޭނާ އާންމުކުރި ލިޔުމުގައި ބުނީ ހުމާމްއަށް ލިބެން ޖެހޭ ހަައްގުތައް ސަރުކާރުން ނިގުޅައިގެންފައިވާ ކަަމަށެވެ.

އެހެންކަމުން ހުމާމްއަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އޭނާއަށް ބަދަލުދިނުމަށްވެސް އެ ބަޔާނުގައި ގޮވާލާފައި ވެެއެވެ. އަދި އޭގެ އިތުރުން އަލުން ހުމްމާގެ މައްޗަށް ޝަރީއަތް ހިންގަން ގޮވާލާފައި ވާއިރު އެ ޝަރީއަތް ހިންގުމުގެ ކުރިން އޭނާއަކީ ބުއްދިި ހަމަޖެހޭ މީހެއްތޯވެސް ބެލުމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ސިކުނޑީގެ މައްސަލަތައް ހުންނަ މީހެއްގެ މައްޗަށް މަރުގެ ހުކުމް ނީއްވޭނެ ކަަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ބަޔާނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރިގޮތް ހަމަސް ދުވަހުގެ ތެރޭގައި ސަރުކާރުން ބަޔާންކޮށް އދ އަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ އެމަނިކުފާނު ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިމަތިންނެވެ. އެގެ ހުންނަނީ ސްޓެލްކޯ ކައިރިއެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން ހުމާމްއާއެކު އިތުރު ބަޔަކު ހައްޔަރުކުރި ނަމަވެސް ހުމާމް ފިޔަވައި އެންމެން ވަނީ ދޫކޮށްލައިފައެވެ. ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ބަލަން ކޮމިޝަނެއް އެކުލަވާލައިފައިވާއިރު، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ބަަލަން އެ ކޮމެޓީން މިހާރު ވަނީ ފަށައިފައެވެ.

comment ކޮމެންޓް