ރެޑްބުލް ވިނިންގް ފައިވް: މިފަހަރު ބާއްވަނީ މުޅި ރާއްޖެއަށް ބަހާލައިގެން

މިދިޔަ އަހަރު ބޭއްވުނު ނޭމާ ޖޫނިއާސް ފައިވްގެ މުބާރާތުގެ ތެރެއިން --- ފޮޓޯ/ ރެޑްބުލް

ރެޑްބުލްއިން އިންތިޒާމު ކޮށްގެން ބާއްވާ ވިނިންގް ފައިވް ފުޅާކޮށް މިއަހަރު މުޅި ރާއްޖެއަށް ބަހާލައިގެން ބާއްވަން ނިންމައިފި އެވެ.

ވޭތުވެ ދިޔަ ދެ އަހަރު މި މުބާރާތް ބޭއްވީ ނޭމާ ޖޫނިއާސް ފައިވްގެ ނަމުގައެވެ. ކޮންމެ ގައުމަކުން ވެސް އެއްވަނަ ހޯދާ ޓީމުތައް ބްރެޒިލްއަށް ގޮސް އެހެން ގައުމުތަކާ ވާދަ ކުރާ ގޮތަށް މިދިޔަ ދެ އަހަރު އެ މުބާރާތް ބޭއްވި ނަމަވެސް ބްރެޒިލްގެ ވިސާ އެކޮމޮޑޭޝަންގެ ކަންކަން އުނދަގޫވުމާއި ގުޅިގެން މިއަހަރުގެ އަމާޒެއްގެ ގޮތުގައި ރެޑްބުލް އިން ކަނޑަ އަޅާފައި ވަނީ ކޮންމެ ގައުމެއްގައި ވެސް މުބާރާތް އިތުރަށް ފޯރި ގަދަ ކުރުމުގެ ގޮތުން ސަރަހައްދުތަކަށް ބަހާލައިގެން ކުރިއަށް ގެންދާށެވެ.

ރެޑްބުލްއިން 2015 ވަނަ އަހަރުން ފެށިގެން މި މުބާރާތް ފޯރިއާ އެކު ބާއްވަމުން އަންނަ އިރު މި މުބާރާތަށް ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ތަފާތު ގޮތަކަށް ކުޅެވިގެންދާ މި މުބާރާތުގައި ކޮންމެ ޓީމެއްގައި ވެސް ތިބޭނީ ފަސް ކުޅުންތެރިންނެވެ. މުބާރާތުގެ ގަވާއިދުގައި ވާ ގޮތުން ކޮންމެ މެޗެއް ވެސް ކުރިއަށް ދާނީ 10 މިނަޓުގެ ވަގުތަކަށެވެ. ކޮންމެ ގޯލަކާ އެކު އިދިކޮޅު ޓީމުގެ އެއް ކުޅުންތެރިޔަކު ދަނޑުން ފައިބަން ޖެހޭ އިރު މެޗުން މޮޅުވާނީ އެންމެ އަވަހަށް ގޯލު ޖަހައި އިދިކޮޅު ޓީމު ކުޅުންތެރިން ދަނޑުން ބާލުވަމުން ގޮސް ހުސްކޮށްލާ ޓީމެވެ.

ޗެމްޕިއަނާއި ރަނަރަޕަށް ބޮޑެތި އިނާމުތަކެއް ލިބިގެންދާ މި މުބާރާތުގައި މިފަހަރު 20 ރައުންޑެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭގައި ނުވަ ރައުންޑެއް ކުޅޭ އިރު ރާއްޖޭ ތެރޭގައި 10 ރައުންޑް ކުޅޭނެ އެވެ. ބާކީ އޮތް ރައުންޑް ކުޅެވިގެންދާނީ ރިސޯޓްގަ އެވެ.

އޭޕްރިލް މަހުގެ 11 ވަނަ ދުވަހު މާލޭގައި ފުރަތަމަ ރައުންޑް ކުޅެވިގެންދާ އިރު ބާކީ ހުރި ރައުންޑްތައް ކުޅޭނެ އިތުރު ރަށްރަށަކީ ހއ. އިހަވަންދޫ، އައްޑޫ ސިޓީ (ފޭދޫ)، ގދ. ތިނަދޫ، ފުވައްމުލަކު ސިޓީ، ހއ. ހޯރަފުށި، ވިލިމާލެ، ލ. ގަން، ތ. ހިރިލަންދޫ ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ބ. އޭދަފުށީގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓް އެވެ.

ސަރަހައްދުތަކުން ޗެމްޕިއަންއަށް ދާ ޓީމުތަކުގެ މެދުގައި ފައިނަލް ރައުންޑް ކުޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ޔޫތު ޕާކުގަ އެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ 21 ޖޫންގަ އެވެ

comment ކޮމެންޓް