ބަންގްލަދޭޝް މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދޭނަން: ނައިބު ރައީސް

ބަންގަލަދޭޝްގެ 48 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި މިރޭ ބޭއްވެވި ހަފުލާގައި ނައިބުރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މަސައްކަތްކުރަ ބަންގްލަދޭޝް ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަސް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބަންގަލަދޭޝްގެ 48 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި މިރޭ ބޭއްވެވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އެންމެ ބޮޑު ބައެއް ނިސްބަތްވަނީ ބަންގްލަދޭޝްއަށް ކަމަށާއި ރާއްޖޭގެ އުމްރާނީ ތަރައްގީއާއި، އިގްތިސޯދީ ކުރިއެރުމުގައިވެސް ބިދޭސީ މަސައްކަތްތެރިންގެ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއްދޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ހައްގުތައްރައްކާތެރިކޮށް އިންސާނީ ވަގުފާރިއާ ދެކޮޅަށްވެސް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި ބަންގްލަދޭޝްގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް އެ ޤައުމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަނީ މަރުހަބާ ދަންނަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ ސަރުކާރުން ގެންގުޅޭ "ބަންގްލަދޭޝް ވިޒަން 2021" އާއި "ވިޒަން 2041" ގެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ތަރައްގީއަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކު ހާސިލްކުވާނެ ކަމާމެދު ޔަގީންކަން އެބައޮތް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ބަންގްލަދޭޝްއާއެކު އޮތް ޒަމާންވީ ގުޅުމަކީ ރާއްޖެއަށް އަބަދުވެސް ވަރަށް ހާއްސަ ގުޅުމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް