އިސްލާމިކް ބޭންކުގެ ހިއްސާ އާންމުންނަށް ވިއްކަން އެއްބަސްވެއްޖެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ އާންމުންނަށް ވިއްކުމަށް އެއްބަސްވުން --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ އާންމުންނަށް ވިއްކުމަށް އެ ބޭންކުގެ ހިއްސާދާރުން އެއްބަސްވެއްޖެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ 70 ޕަސެންޓް ހިއްސާ އާއި، ރާއްޖޭގެ ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އަދި އަމާނާ ތަކަފުލްގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ބޭންކް އެކެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އައިސީޑީ އާއި އަމާނާތަކަފުލް އަދި ދިވެހި ސަރުކާރުން ވަނީ ހިއްސާ ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސަރުކަރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އެމްއައިބީގެ ހިއްސާ އާންމުންނަށް ވިއްކުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އާންމުންނަށް ވިއްކާނީ ކިހާ ހިއްސާއެއްކަންވެސް ވަރަށް އަވަހަށް އާންމު ކުރާނެކަމަށް އެ ބޭންކުން ބުންޏެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރުވެސް ނުވަ ކުންފުންޏެއް ލިސްޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގު، އަމާނާ ތަކަފުލް، އެމްޓީސީސީ، އެމްޓީޑީސީ، އެސްޓީއޯ، ސެންޗޫރިއަން، އުރީދޫ އަދި އެޗްޑީއެފްސީ އެވެ.

comment ކޮމެންޓް