ޝިމާގެ ކޮއްކޮއާއެކު ފިލަން އުޅުނު ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް

ގެއްލުނު ޝިމާ ގޮވައިގެން ދިޔަ ޑިންޑީ ދުއްވަން އިން ފަޒީލް: ޝިމާގެ ކޮށްކޮ ގޮވައިގެން ދަނިކޮށް އޭނާގެ އިތުރުން ހައްޔަރު ކުރި ތިން މީހުން މިއަދު ވަނީ ދޫކޮށްލާފައި --

ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ކަމަށް ގެއްލުނީ ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ 16 އަހަރުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި އިއްޔެ ދަނިކޮށް ކަނޑުމަތިން ހުއްޓުވައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ.

ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރިން ދަނިކޮށް އެ ތިން މީހުން ފުރަތަމަ ހައްޔަރުކުރީ މިމަހުގެ 11 ވަނަ ދުވަހު ގައެވެ. އޭގެ ފަހުން ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. އަދި އެ މުއްދަތު ހަމަވީ މިއަދުއެވެ.

ޝިމާ ގެއްލުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދިވެސް މިއަދާ ހަމައަށް އޭނާގެ ހިލަމެއް ނުވެ އެވެ. އަދި އޭނާ ދަތުރުކުރި ޑިންގީ ވެސް ފެނިފައެއް ނުވެ އެވެ. ޑިންގީ ދުއްވަން އިން ފަޒީލްގެ މައްޗަށް އާއިލާއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ޝިމާ ގެއްލުނީ ނޫން ކަމަށް ގެއްލުވާލީ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

ފަޒީލް ބުނާ ގޮތުން ޑިންގީ ބަންޑުން ޖަހާލުމުން އޭނާ ސިކްސް ސެންސް ރިސޯޓަށް އެރީ ފަތާފަ އެވެ. އަދި ޝިމާ ގެއްލުމުން ދެރަވާ ކަމަށް އޭނާ މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝިމާ ގޮވައިގެން ދަތުރުކުރި އިބްރާހިމް ފަޒީލް ވެސް ހިމެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރާއި 24 އަހަރު އަދި 26 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު ބުނީ ޝިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ގޮވައިގެން އެ ތިން މީހުން މާމެންދޫއިން ޑިންގީއެއްގައި ފުރީ މޫނު ނިވާކޮށްގެން ކަމަށެވެ.

comment ކޮމެންޓް