ހާޝުގްޖީގެ މަރާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ސައުދީ މުޝީރު ޝަރީއަތަށް ހާޒިރު ނުކުރޭ

ޖަމާލް ހާޝުގްޖީގެ މަރާ ގުޅިގެން މަގާމުން ދުރު ކުރި ޝާހީ މުޝީރު ސައުދު އަލް ގަހުތާނީ -- ފޮޓޯ: އަލްޖަޒީރާ

ރިޔާޒު (މާޗް 25): ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރާ ގުޅިގެން މަގާމުން ދުރުކުރި އެގައުމުގެ ޝާހީ މުޝީރު ސައުދު އަލް ގަހުތާނީ އެމައްސަލައިގެ ޝަރީއަތަށް ހާޒިރު ނުކުރާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހާޝުގްޖީ މަރާލުމާ ގުޅިގެން ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ފަސް މީހަކު މަރަން ހުކުމް ކުރަން ޕްރޮސެކިޓަރުން ވަނީ އެދިފަ އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އާއި ބައެއް ހުޅަނގުގެ ގައުމުތަކުން ގަބޫލު ކުރާ ގޮތުގައި ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. ނަމަވެސް ސައުދީން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

ހާޝުގްޖީގެ މަރުގެ ޝަރީއަތާ ގުޅުން ހުރި ހަތް މީހަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އެމައްސަލައިގައި އަލް ގަހުތާނީ އަދި ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

އިންޓެލިޖެންސް އޮފިސަރުންނާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން ގަހުތާނީ ވަނީ ހާޝުގްޖީ މަރާލި މީހުންނަށް، އެކަން ކުރާނެ ގޮތުގެ އިރުޝާދު ސްކައިޕް މެދުވެރިކޮށް ދީފަ އެވެ. އަދި ހާޝުގްޖީ މަރާލި ދުވަހު ވަލީއަހުދު ވަނީ ގަހުތާނީއަށް 11 ފަހަރު މެސެޖު ކުރައްވާފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ސައުދީ ޕަބްލިކް ޕްރޮސެކިއުޓަރު ވިދާޅުވި ގޮތުގައި ހާޝުގްޖީ މަރާލުމުގެ ކުރިން، އޭނާ ސައުދީއަށް ގެންދިޔުމަށް ގަހުތާނީ ވަނީ އެގައުމުގެ އިންޓެލިޖެންސް ޗީފް އަހުމަދު އަލް އަސީރީއާ ގުޅިގެން މަސައްކަތްކޮށްފަ އެވެ.

ޕްރޮސެކިއުޓަރު ވިދާޅުވި ގޮތުގައި ހާޝުގްޖީ ސައުދީއަށް ގެންދަން ތުރުކީއަށް ފޮނުވި ޓީމު އެގައުމަށް ދިޔުމުގެ ކުރިން، ގަހުތާނީ އެޓީމާ ބައްދަލު ކުރި އެވެ. އަދި ހާޝުގްޖީ ސައުދީއަށް ދާން ދެކޮޅު ހެދުމުން އޭނަ މަރާލަން ޓީމުގެ ލީޑަރު ނިންމީ އެވެ.

އެމައްސަލައިގެ ޝަރީއަތަށް އަސީރީ ހާޒިރު ކުރާ ކަމަށް ރޮއިޓާސްގައިވެ އެވެ. އަދި ތުރުކީއަށް ދިޔަ ޓީމުގައި އިސްކޮށް ހުރި، މާހިރު މުތުރިބް އާއި އެޓީމުގައި ހިމެނުނު ފޮރެންސިކް ސްޕެޝަލިސްޓު ސަލާހު އަލް ތުބައިޖީވެސް ޝަރީއަތަށް ހާޒިރު ކުރެ އެވެ.

ހާޝުގްޖީގެ ހަށިގަނޑަށްވީ ގޮތެއް ސައުދީ އަރަބިއާއިން ހާމަ ނުކުރެ އެވެ. ނަމަވެސް ހާޝުގްޖީގެ މަރާ ބެހޭ ގޮތުން އަލްޖަޒީރާއިން ދެއްކި ޑޮކިއުމެންޓަރީއެއްގައިވާ ގޮތުން އޭނާގެ ހަށިގަނޑު ވަނީ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސުލްގެ ގޭގައި އަންދާލާފަ އެވެ.

ވަލީއަހުދަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ހާޝުގްޖީ ދިރިއުޅެމުން ދިޔައީ އަމިއްލައަށް އަރުވާލެވިގެން އެމެރިކާގަ އެވެ. އަދި އޭނާ ތުރުކީއަށް ދިޔައީ އެގައުމުގެ އަންހެނަކާ ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކެއް، އިސްތަންބޫލުގައި ހުންނަ ސައުދީ އެމްބަސީން ހޯދުމަށެވެ.

comment ކޮމެންޓް