"ހުވަފެނުގައި މީހަކަށް ގައިޑެންސް ލިބިދާނެތަ؟ އަހަންނަށް ފެނުނީ ތަފާތު ހުވަފެނެއް. ވަރަށް ތަފާތު. ހޭލެވުނުއިރު އަތުގައި ގޫޒްބަމްޕްސް ހިލިފައި ހުރީ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔަ. އެހެން ހިތަށް އެރީމަވެސް މިވާގޮތެއް ބުނެދޭކަށް ނޭގޭ..............." އެލީން އޭނައަށް ފެނުނު ހުވަފެން ކިޔައިދިންއިރު ކޮންމެވެސް ވަރަކަށް ލޯ ފެންކަޅިވިއެވެ.
ހަޔާތީގެ ގައިންވެސް ހީބިހިނެގިއެވެ. ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ބަޔާން ކުރަން ދަތި އިހުސާސްތަކުން ހިތް ގެނބުނެވެ.
އެލީންއަށް ފެނުނީ ހަގީގަތުގައި ތަފާތު ހުވަފެނެކެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އިސްލާމްދީނެވެ. އަދި ހިދާޔަތް ލިބުމެވެ. އޭނަ އެރޭވެސް ނިދިއިރު އިލާހެއް ވާކަމާއިމެދު ޝައްކު އުފެދުނެވެ. ނަމަވެސް އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ. ބޮޑުކަމެއްވާ ހިނދު އަބަދުވެސް "ގޯޑް"އޭ ކިޔައިގެން އެފަރާތަށް ގޮވައިލެވެނީ ނޫނީ އެހީއަށް އެދެވެނީ ކީއްވެހެއްޔެވެ؟ ޑިޒައިނަރަކާއި ނުލާ މިއޮތް ބޮޑު ކާއިނާތުގައިވާހާ އެއްޗެއް މިހާ ފުރިހަމައަށް އުފެދުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއްވެސް ނޫނެވެ. ދުނިޔޭގައި ލެއްވި ކޮންމެއެއްޗަކާއިމެދު ވިސްނާލައިފިއްޔާ މުޅި ކައުނު ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަން ހާމަވާނެއެވެ. ބަދުނަސީބުކަމުން ހިދާޔަތް ނުލިބި ގެއްލި ހަލާކުވެގެން ދަނީ އެމީހަކު އަމިއްލައަށެވެ. އެކިކަހަލަ ފިކުރުގައި އޮވެފައި އެލީންއަށް ނިދީގައި ހުވަފެނެއް ފެނުނީކަމެއް ނޫނީ ދެބަދޭތެރޭގައި އޮވެފައި ލޯމައްޗަށް ސިފަވީ ކަންތައް ކަމެއް ނޭގުނެވެ. ހުވަފެނުގައި އޭނަ އަތުގައި އޮތީ ތަފާތު ފޯނެކެވެ. އެފޯނަށް މެސެޖެއް އައުމުން ބަލައިލިއިރު އޮތީ އެންމެ ޖުމްލައެކެވެ.
"ދިސް އިޒް ޔޯ ލާސްޓް ޗާންސް"
އެލީން ބަލައިލީ އެ މެސެޖް ފޮނުވި ފަރާތަށެވެ. އެމެސެޖް ފޮނުވި ފަރާތަކަށް އޮތީ " ގޯޑް" އެވެ. ވަގުތުން ގައިން ހީބިހި ނަގާ ރޮވުނެވެ. އެ މެސެޖުގައި ހުރި ބާރަކުން ވަށައިގެންވާހާ ހުރިހާ އެއްޗެއް ހުއްޓުމަކަށް އައިހެން ހީވިއެވެ.
އެލީންއަށް ވަގުތުން ތެދުވެ އެނދު ފަޑީގައި ލެނގިލާފައި އަވަހަށް އޭނަގެ ފޯނަށް ބަލައިލިއެވެ. ހަގީގަތެއްހެން ހީވިވަރުން ފޯނުގައި އެމެސެޖް އޮންނާނެކަމަށް ހީކުރެވުނެވެ. ނަމަވެސް އަތުގައި އޮތީ އޭނަ ގެންގުޅޭ އައި ފޯނެވެ. ހުވަފެނުގައި ފެނުނު ތަފާތު ފޯނެއް ނޫނެވެ. އެ އަގުހުރި މެސެޖެއް ނެތެވެ. އެއަށްފަހު އެލީން ނިދަން އުޅެއުޅެ ލޮލަށް ނިންޖެއްނައެވެ. ކާކޮޓަރިއަށް ވަދެ ކަޅުކޮފީއެއް ހަދައިގެންގޮސް އޭނަވަނީ ލައިބްރަރީއަށެވެ. ސޯފާއަކަށް ދެފައި އަރުވައިގެން ރަޖާއަކުން ނިވާކޮށްލުމަށްފަހު ތައުހީދު ފޮތެއް ބަލަންފެށިއެވެ.
ދޭތެރެއަކުން ސިކުނޑިތެރޭ އެނބުރެނީ ހަމަ އެމެސެޖެވެ.
މިއީ އެންމެފަހު ފުރުސަތުކަމަށް އިންޒާރު އެއައީ ކީއްވެހެއްޔެވެ. އެލީންއަށް ދިރިއުޅުމުގައި ލިބޭނެ އެންމެ ފަހު ފުރުސަތުބާވައެވެ. އޭގެ މާނައަކީ ކޮބާހެއްޔެވެ؟ ދިރިއުޅުމަކީ ކުރު އެއްޗެކެވެ. ނިދާ ހޭލާއިރު މަރުނުވާނެކަމުގެ ޔަގީންކަމެއް އެއްވެސް މީހަކަށް ނޯވެއެވެ. ނުނިދިގެން އޭނަ އެފްބީ ހުޅުވިއެވެ. ހަޔާތީގެ ޕޭޖަށްވަދެ ހާވާލުމަށްފަހު ގުރުއާން އަޑުއަހާލާހިތްވިއެވެ. ހަޔާތީ އަޕްލޯޑުކޮށްފައިވާ މަރްޔަމް ލާމް މަސްއޫދުގެ ހަޝްރު ސޫރަތް ޖެއްސުމުން ހިތަށް ލިބުނީ ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެކެވެ. ސިކުނޑި އެއްކޮށް ލުއިވެއްޖެއެވެ. ދެތިންފަހަރު އެއަޑު އަހާލުމަށްފަހު ހަޝްރު ސޫރަތުގެ މާނަވެސް ބަލައިލަން ބޭނުންވިއެވެ. ގުރުއާން އެޕެއް އަޅާލައިގެން އޭނަ އެ ސޫރަތުގެ މާނައާއިމެދު ފިކުރުކޮށް ވިސްނި ވަރަކަށް އިތުރަށް އޮޅުން ފިލުވާހިތްވިއެވެ. ދީނީ ފޮތްތައް ބެލުމުން ދީނަށް ދެވުނު ޝައުގުވެރިކަން އިތުރުވީ މި ފެނުނު ހުވަފެނަކުންނެވެ.
"އަސްލުވެސް ތިއީ އެލީންއަށް ލިބުނު އެންމެ ފަހު ފުރުސަތުކަމަށް ވެދާނެ. އެހާ ވެސް މަރު ކައިރި. އިލާހަކު ވާކަމަށް އެލީން ގަބޫލުނުކުރަނީތަ؟ "
"އައި ޔޫޒްޑް ޓު ބީ ސޯ ޑަމްބް.........." އެލީން އަމިއްލަ ނަފުސަށް ބުނެލި އެއްޗެއް ފަދައެވެ. ނިޔަފަތިތައް ކާލަ ކާލާ އޭނަ އިނީ ފުން ޚިޔާލެއްގައެވެ. ހަޔާތީއަށް އެލީން އަށް ބަލައިލެވުނީ ހަމަ ހަގީގަތުގައިވެސް ހެއްޔޭ އަހާފަދަ ގޮތަކަށް ބުމަ އަރުވައިލަމުންނެވެ.
"އޯކޭ. އޯލްރައިޓް. އައި ގެސް އައި ސްޓިލް އޭމް....ޑަމްބް...ވަޓް މޭ ބީ ނޮޓް ޑަމްބް. އައި ތިންކް އައި ވޯޒް ބީން އިގްނޮރަންޓް......." އެލީން ކުޑަ ހުނުމަކާއިއެކު ބުނެލިގޮތުން ހަޔާތީއަށްވެސް މަޖާވެފައި ބަލަން އިނދެވުނެވެ.
"ހަޔާ. އެތިއެސްޓުން ދައްކާ ވާހަކަތައް އިވުނީމަ ދެން ވިސްނާލުމެއްނެތި ގަބޫލުކުރެވުނީ. އެހެން އެވީ ކުޑައިރުއްސުރެ ދީނާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭގުނީމަ. ކިހިނެއް ހަޔާތީފަދަ ކުއްޖަކަށް ވާނީ. ކިހިނެއް ދީން ދަސްކުރާނީ. މިއީ އަނދިރިކަމުގެ ތެރެއިން އަލިކަމަށް ނުކުމެވެގެން ވެގެން ލިބުނު ޗާންސެއް." އެލީން މަޑުމަޑުން ބުނެލިއެވެ.
"މިހާރުވެސް ތައުބާވެ އަލުން ފާފައަކަށް އަރައިނުގަނެ އާފެށުމަކުން ފަށާ. އަހަރެމެން އިންސާނުންވީމަ ޝައިތާނާ ވަސްވާސްދީ ފާފަތަކަށް ހުށަހަޅަން މަސައްކަތްކުރާނެ. ޝައިތާނާގެ ޖޮބަކީ އެއީ ދޯ. އަހަރެމެން އިންސާނުން ސަތޭކަ ޕަސެންޓް ފުރިހަމައެއް ނުވާނެ އެލީން. އަހަންނަށްވެސް ކުރިން އުޅެވުނީ ރަގަޅަކަށް ނޫން. އަދި ކިރިޔާ ދީނީ ކަންތައްތައް އުގެނި ފުރަތަމަ ފިޔަވަޅު މިއެޅީ. އަދިވެސް ފާފަކުރެވޭ. އެކަމާ ހިތާމަވެސް ކުރަން. ނަމަވެސް އަބަދުވެސް ދުޢާކުރަނީ ތެދުމަގު ދެއްކެވުމަށް. ރަހުމަތް ލެއްވުމަށް......." ހަޔާތީ ހިއްސާނުކުރީ އޭނައަށް ދިމާވެ ހައްލުނުކުރެވޭ "ދެ ލޯބިވެރިން" ގެ މައްސަލައެވެ. ދެމީހުންނަށްޓަކާ ހިތުގައި ޚާއްސަ މަގާމެއް ދެވި ހޮވާނީ ކާކުކަން ނޭގޭ ހާލަތަށް ދިޔުމުން ވާނީ މިހެން ނޫންހެއްޔެވެ. އެކަމާއި ހިތާމަކޮށް އެތައް ފަހަރު އޭނަ ދުޢާކޮށްފިއެވެ. އެންމެ ދެރަވަނީ ރަގަޅު މުސްލިމަކަށް ވުމަށްޓަކާ އޭނަ ޖިހާދެއް ކުރަމުން ދާއިރު ލާދީނީކަމަށް މަޝްހޫރު މީހަކުދެކެ ލޯބިވެގެން އެފަދަ މީހެއްގެ އަންބެއްގެ ގޮތުގައި ހުންނަން ހިތް އެދޭތީއެވެ. އެފަދަ ކައިވެންޏެއް ހުއްދަ ނުވާނެއޭ ކިޔައިގެން ސޯޝަލް މީޑިއާގައި ކުރެވެމުންދާ ބަހުސްތަކަށް އޭނަ ޖަވާބުދާރީވާން ނޭގޭތީ އެކަމާއި ހިމޭންކަން ޚިޔާރުކޮށްފައިވެއެވެ.
ހަޔާތީ ދީނީ އަދި ސިޔާސީ ވާހަކަތައް އެލީންއާއި ހިއްސާކުރިއެވެ. ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ބާއްވަން ބޭނުންވާ މީހުން ގިނަވިޔަސް ދީން ގަބޫލުނުކުރާ މީހުން އިތުރުވަމުންދާ ކަމީ ހިތި ހަގީގަތެވެ. ހަޔާތީ ގަބޫލުކުރާގޮތުން އެހެން އެވަނީ ތައުހީދު ކިޔަވާނުދެވޭތީއެވެ. މައިންބަފައިންނަށް އިސްލާމީ މާހައުލެއްގައި ދަރިން ތަރުބިއްޔަތު ނުކުރެވެނީއެވެ. އެކިމީހުންގެ ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެލީން ބުނީ ކާބަފައިންގެ ޒަމާނުގައިވެސް އެފަދަ ލާދީނީމީހުން އުޅޭ ކަމަށާއި މުސްކުޅިފުރައިގެ މީހުން ބައެއްފަހަރު މެޓާ އެއްޗެހި ދީގެން ކުދިންނަށް ގޯނާކުރާ ވާހަކަ އޭނަ އަހާފައިވާކަމުގައެވެ. ހަޔާތީ ބުނީ އެއީ ތަފާތު ދެ މައްސަލަކަމުގައެވެ. ފާފަކުރިޔަސް ކާބަފައިން ކަލަކު ވޮޑިގެންވާކަން ގަބޫލުކުރިކަމަށާއި މިހާރު ދިމާވެގެން މިއުޅެނީ އެއަށްވުރެ ނުރައްކާތެރި ކަމެއް ކަމަށެވެ. މިހާރު ދީން ގަބޫލުނުކުރަނީއެވެ. އިލާހަކު ވާ ކަމަށްގަބޫލުކުރުމަށް ފަހު ފާފައެއް ކުރެވުނަސް ފާފަ ފުއްސަވާފާނެކަމުގެ އުއްމީދު އޮންނާނެތާއެވެ. އިލާހަކު ނުވާކަން ގަބޫލުކުރުމަށްފަހު މީހާގެ އާޚިރަތް ނެތިދިޔައީއެވެ. އެލީންމެން ފަދަ ކުދިން ބޭރު ގައުމުތަކުގައި އުޅެ ބޮޑުވުމުން އިސްލާމީ އެއްވެސް ކުލައެއް ޖެހިފައި ނުވާކަމަށާއި އަގީދާ ބަލިކަށިވީ މައިންބަފައިންގެ އިހުމާލުންކަމަށް ހަޔާތީ ދެކޭކަމުގައެވެ.
ހަޔާތީ އެލީންއަށް އިސްލާމްދީނުގައި ހުރި ފުރިހަމަކަން ވިސްނައިދޭން މަސައްކަތްކުރިއެވެ. އޭނައާއިއެކު ގަވާއިދުން ނަމާދުކުރަން ދައުވަތު ދިނެވެ.
މިއުޒިކްގެ ބަދަލުގައި ގުރުއާނެވެ. ޑްރާމާތަކާއި ފިލްމުތަކުގެ ބަދަލުގައި ލެކްޗަރުތަކެވެ. ފިފްޓީޝޭޑްސް އޮފް ގްރޭފަދަ ފާހިޝްއަމަލުތަކުން ފުރިފައިވާ ފޮތްތަކުން ސިކުނޑިގަޑުބަޑުވެ ފާފަތަކަށް އަރައިގަނެވޭނީއެވެ. އެފަދަ ކަންތައްތަކުގައި ތިމާގެ އަގުހުރި ވަގުތުތައް ބޭކާރު އަމަލުތަކުގައި ދުއްވާނުލާ ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުކުރަންވީއެވެ. އެ ފޮތްތައް އެއްލާލާފައި ހިފަންވީ ގުރުއާނާއި ތަފްސީރު އަދި އިސްލާމީ ފޮތްތަކުގައެވެ. ކުޅިވަރުތަކުގައި ޣާފިލުވުމަށްވުރެ އެންމެ ތާޒާވެ އުފާވެރިކަން ލިބޭނީ ނަމާދުންނެވެ. ހަޔާތީ ދެއްކި ވާހަކަތައް އެލީން ކަނުލާ އެހިއެވެ. އޭނަ އެހުރިހާކަމަކަށް މަސައްކަތްކުރަން ވައުދުވިއެވެ. ނަމަވެސް ހަމަ ކުއްލިއަކަށް އޭނަ އެންމެ ގަޔާވާ ކޮރެއަން ޑްރާމާތަކާއި އިނގިރޭސި ލަވަތައް ހުއްޓާލެވޭނެ ހެއްޔެވެ؟ ރިޒޯޓްތަކާއި ޕާޓީތަކަށް ނުގޮސް ވާހަކަފޮތްތައް ނުކިޔާ ހުރެވޭނެކަމާއިމެދު ޝައްކެވެ. މީހާގެ ހުރިހާ އުފާތަކަކީ އެއީ ނޫންހެއްޔެވެ؟ އެލީން ހަޔާތީއާއިއެކު ނަމާދުކުރިއިރު ނަމާދުގައި ކިޔާނެ އެއްޗެހި އެހާވަރަކަށް ނޭގުނެވެ. ހަޔާތީގެ ފަހަތުގައި ހުއްޓިލައިގެންހުރެ އޭނަ ކުރި ހަރަކާތްތައް ކުރިއިރު އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ. ގަސްތުކުރީ ނަމާދުގައި ކިޔަވާދުޢާތައް މާނައާއިއެކު ދަސްކުރާށެވެ. މިހާތަނަށް އެމީހެއްގެ ސޫރަ ފެނުނަސް ރުޅި އަންނަ ހަޔާތީއާއިމެދު ހިތުގައި ގަދަރާއި އިހުތިރާމް ދެވިއްޖެއެވެ.
ރަޖަބު އަދި ޝައުބާންމަހަކީ ރަމަޟާންއަށް ތައްޔާރުވުމުގެ ގޮތުން ތިމާގެ ނަފުސް ތައްޔާރުކޮށް މުންކަރާތްތަކާއި ދުރުވެ އަޅުކަމާއި ކައިރިވާންވީ މައްސަރެވެ. މި މާތް މައްސަރުތައް ލިބޭ އެންމެފަހު އަހަރުކަމުގައި ވެދާނެތީއެވެ. މަރު ކައިރީގައި ހަނާ އަޅައަޅާ އޮތީމައެވެ.
އަމްރާންއާއި އަޒިކިއެލް ރާޒުވާ ކުޅެން ތިބިއިރު އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ކާޒިމް ފަޅުރަށަކަށް ދަތުރުދާން ރާވާ ވާހަކަ އަޒިކިއަލް ބުނެލިއެވެ.
"ރެން. ކާޒްއާއި މިކާ މާ ގާތްކޮށް އުޅެނީ ކީއްވެތަ؟ މިކާ ރެންދެކެ ހޭޓްކުރާއިރު އޭނަ ބައިވެރިވާން ޖެހޭތަ؟ އަހަންނަށް ހީވޭ މިކާލްގެ ކޮންމެވެސް ކަހަލަ އެޖެންޑާއެއް އޮތްހެން. ކާޒްއާއިއެކު އެގޮތަށް އޯޓަމްބްލޭޒަށް ވަދެ ބޭނުންގޮތަކަށް އުޅޭއިރު ހިތަށް އަރާ ކާޒްވެސް ރެންގެ ސަލަމާތާއިމެދު ނުވިސްނަނީބާވައޭ. ކާޒްއައި މިކާގެ އެއޮތީ ކޮން ގުޅުމެއް؟ ވަރަށް ސުވާލު އުފެދޭ. މިކާލްއަކީ ކުރީގެ ސިކްރެޓް އެޖެންޓަކަށްވިޔަސް ފަހުން އޭނަ އެކްސްޓްރީމިސްޓަކަށް ވެގެން ސީރިޔާއަށް ދިޔަކަން އެނގުނު. ޑަބަލް އެޖެންޓަކަށްވީމަ އޭނަ އައިއެސްއަށް ސަޕޯޓް އޮންނަކަމަށް އެމީހުންނަށް ދައްކައިގެން އުޅެނީޔޯ. މިކާލް ސީމްސް އެމިސްޓީރިއަސް ގައި...ސަސްޕިޝަސް އުޅޭ ގޮތަކުން...ރެން ބީ ކެއާފުލް....."
"އައި ޓްރަސްޓް ޔޫ އެންޑް ލާވީ. އިފް ދެއާސް ރިއަލީ އެ ޕްލޭސް ކޯލްޑް ހެލް މިކާލްދާނީ އެތަނަށް............." އަމްރާންގެ ހިތުގައި މިކާލްއަށްޓަކާ އުފެދިފައިވަނީ ލޯބި ނޫންކަން އެ ޖުމްލަ އެކަނިވެސް ހެކިދިނެވެ.
"ލާވީއާއިމެދުވެސް ޝައްކު. އަހަރެން ދެކުނިން މިކާއާއި ކާޒް އަދި ލާވީ އެކީ މިސްކިތަށް ވަންތަން. އެދެމީހުން މިކާލްއާއެކު އުޅުމުގެ މާނައެއް ނެތް. ޚާއްސަކޮށް ލާވީ ހާ އަންފްރެންޑްލީ ސީރިއަސް ކުއްޖެއް އެހެން އުޅުނީމަ. ....."
"ރިއަލީ؟" އަމްރާން ބުމަކައިރިކޮށްލި ގޮތުން އެކަމާއި ނުރުހުނުކަން އެނގުނެވެ.
"ޔެސް ރެން. ލާވީގެ ދިރިއުޅުމުގައި ދިމާވެފައި ހުރި ކަންތައްތަކަށް ބަލާއިރު ލާވީގެ މެންޓަލް ސްޓެބިލިޓީއާއިމެދު ޝައްކުކުރުމުގެ ޗާންސް އެބައިން. ލާވީހާ ފެއިތްފުލް މީހެއް ނުހުންނާނެކަމަށް އެއްއިރެއްގައި ހީކުރިން އެކަމަކު މިކާއާއިއެކު އުޅޭތަން ފެނުނީމަ ކާންޓް ޓްރަސްޓް ހިމް އެނީ މޯ. ލާވީ ހުއްޓާ ދޯ އޭނަ ރެންއާއި ދިމާލަށް ލާދީނީއޭ ކިޔާފައި އެހުރިހާ އިންޒާރެއް އެކުރީ. ސޯ ލާވީ އެކުރީ ކުށެއް. އަހަންނަށް ދެން ފެންނަނީ ރެން ރިޔާސީ ގަނޑުވަރަށް ބަދަލުވާން. އޭރުން ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭނެ. ކާޒްގެ އެކުވެރިއެއްގެ ނަމުގައި މިކާލް ހިތަށް އަރާއިރަށް މިގެއަށް ވަދެ އުޅެންޏާ އެކަން ހުއްޓުވެން އެބަޖެހޭ............." އަޒިކިއަލް ލަފާދިނެވެ.
"ނޫން. އަމިއްލަ ގެ ހާ މިނިވަން އަރާމުތަނެއް ނުވާނެ." އަމްރާން ހީލުމަކުން ފުއްދާލިނަމަވެސް ލާވީއާއިމެދު ހިތުގައި ޝަކުވާ އުފެދުނެވެ.
ލާވީ ހަގީގަތުގައި އޭނައާއި އިދިކޮޅު ޕާޓީއާއި ގުޅެން އުޅެނީހެއްޔެވެ؟ އެންމެ ގާތް އެކަކު ކަމަށް ހީކުރި ކާޒިމްވެސް ބަޣާވާތަކަށް ތައްޔާރުވަނީހެއްޔެވެ؟ ވެރިކަމުގެ ރާހަތު ލިބުމުން އެކުވެރިންނާއި އާއިލާވެސް ހަދާން ނައްތައިލެވެނީއެވެ. އޭނަ ލާވީއާއި ވާހަކަދައްކާނެއެވެ. ލާވީގެ ޚިޔާލު ހުރިގޮތް ދެނެގަންނާނެއެވެ. އޭގެ ކުރިން މިކާލްއަށް އޭނަގެ އަތުންދެން ހަޔާތީ ޖަހައިނުގަނެވޭނެކަން ސާބިތުކޮށްދޭން ޖެހޭނެއެވެ.
އަމްރާން މިސްކިތެއްގެ ބިންގާ އަޅަން ލިބުނު ދައުވަތަކަށް އެއްބަސްވީ ހަޔާތީ ވަރަށް ކިޔައިގެންނެވެ. އަމްރާންގެ ހުންނަ ގޮތްދޫނުކުރާ ބޮޑާކަމުގެ މިންވަރެއް ފެނުމުން ހަޔާތީ ހައްތަހާ މިކާލް މަތިން ހަދާންވާގޮތްވިއެވެ. އެންމެންގެ ކުރިމަތީ މިކާލް ދެރަކޮށްލާ އެގެއިން ނެރެލި ދުވަސްހަދާންވެ މިކާލް އުޅެނި ކޮން ހާލެއްގައި ބާވައޭ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އަމްރާން އެ ޕްރޮގްރާމް ނިމުމަށްފަހު ހަޔާތީ ގޮވައިގެން ރިޒޯޓަކަށް ދިޔައީ ކުރިއްސުރެ ރާވާފައިވާ ގޮތަށެވެ. ލާވީ ވަނީ ކާޒިމްއާއި މިކާލްއަށް ދައުވަތު ދީފައެވެ. އަބުދުލްއަޒީޒުގެ ހިއްސާ އޮންނަ ރިޒޯޓެއްގެ އަމިއްލަ ވިލާގައި ދެމީހުންނަށް އެކަނިވެލާނެ ފުރުސަތު ލިބުނެވެ. ނަމަވެސް ހަޔާތީ އަމްރާންއާއިއެކު އެކަނިވެލަން ބިރުގަނެއެވެ. ކޮޓަރީގެ ބަންދުކަމުގައި ހުންނާކަށް ބޭނުމެއްނުވިއެވެ. ހަޔާތީ ގިނަވަގުތު ފޯނު ހިފައިގެން ފޮޓޯ ނެގުމުގައި އަވަދިނެތިއެވެ. ހަވީރު ސަޔަށް އޯޑަރުދީފައި ބީޗްގައިވާ ގޮނޑިތަކުގައި އަރާމްކުރަން ޖައްސާލިއިރު ހަޔާތީ އެހުދުހުދު ދޮންވެލިގަނޑަށް ފައިތިލަ ގަންބާލައިގެން އެތެތް ފިނިކަމުން އުފާ ލިބިގަންނަމުން ދިޔައެވެ. ކޮފީއައިއެކު ގެނެއްސަ ހުރި އާވިއަރާ ކާތަކެތީގެ މީރުވަހުން ކުޅުދިޔާވެ އަމްރާންގާތު ބީޗް ޗެއާގައި އިށީންނަން ޖެހުނެވެ.
މިއަދުވެސް އިސްވެ ދީނީ ބަހުސެއް ފެށީ ހަޔާތީއެވެ. ސެކިއުލާ ސަރުކާރެއް ނުއުފައްދާ މެދުމިނުގެ އިސްލާމީ ސަރުކާރެއް ހެދުމުން ގިނަ ރައްޔިތުންގެ ލޯބި ލިބޭނެކަމުގައި ހަޔާތީ ބުނެލިއެވެ. އަމްރާން ބުނީ ގިނަ މީހުންގެ ތާއީދު އޮތީ އޭނަގެ ސިޔާސަތަށް ކަމަށެވެ. ރާއްޖެވާނީ ވަކި ދީނެއް ތަމްސީލު ނުކުރާ ދައުލަތަކަށެވެ. މިއީ ދީނީ މިނިވަންކަން އޮތް ސެކިއުލާ ގައުމަކަށް ހަދާފައި ނޫނީ އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެއެވެ. އޭނަގެ ގާތް އެކުވެރިޔާ ޝައުން އެންމެ ޒުވާން އުމުރުގައި ދުނިޔެއާއި ވަކިވެގެން ދިޔައީ ހަޔާތީ ތާއީދުކުރާ ހަރުކަށި ފިކުރުގެ މީހުންނާއިހެދިއެވެ. އަމްރާންގެ ވާހަކަތައް ހުރިގޮތުން ކުރި ނުލިބޭނެކަން އެނގި ހަޔާތީ އެވަގުތަށް މައުޟޫ ބަދަލުކޮށްލިއެވެ.
"މިސްކިތުގެ ބިންގާ އެޅިގޮތަށް އެހާ ބިޒީކޮށް މިސްޓަރ ޕްރެޒިޑެންޓް އުޅުއްވީ. އެންމެ ފައިވް މިނިޓްސް ޕްރެޔާއަށް ދެއްވިނަމަ.................." ހަޔާތީ ގެ ފިކުރު ދޭތެރެއަކުން ދަތުރުކުރީ އޭނަގެ ސިކުނޑިއަށް ހަމަނުޖެހުން ގެނުވާ އެދިމާލަށެވެ. ނަމާދުނުކުރާ މީހާ ކާފަރަކަށް ވަންޏާ މިކައިވެނި ހުއްދަވާނެހެއްޔެވެ.
"އޭރުއްސުރެން ހަޔާތީއާއި އަހަރެން އަދި މިނިޓަކަށްވެސް ވަކިނުވެ އެކީ މިއުޅެނީ. ހިތުންތަ ނަމާދު ކުރީ؟ " އަމްރާން ބުމަ އަރުވައިލިއެވެ.
"އޯ......އެއީ.....އަމް....." ހަޔާތީ ރަކިވާގޮތްވިއެވެ.
އޭނަ ނަމާދު ޗުއްޓީކަމުގައި ބުނަން ނުކެރުނެވެ. އަމްރާންއަށް ދީނާއި ބެހޭގޮތުން އެވަރު ކުޑައެއްޗެއް ނޭގެނީ ހެއްޔެވެ؟ ނޫނީ ގަސްތުގައި ނޭގޭކަމަށް ހެދުނީއެވެ. އަންހެންކުދިންނަށް ނަމާދާއި ރޯދަ ނުހިފޭ ދުވަސްކޮޅެއް އޮތްކަން އަމްރާންއަށް ނޭގެންޏާ އަޖައިބެކެވެ. އެހެން ބުނަން ދޫ ނުކުޅެދުނެވެ. އާގަނެ ގަނެފައި އެންމެފަހުން އޭނަ އާފަލު ޗީޒްކޭކު ގަނޑެއް އަނގައިގާ ޖެހިއެވެ. އަނގަފުރެންދެން ލައިގެން އިނދެ ހަފަންފެށިއެވެ.
އަމްރާންގެ ޓޭންވެފައިވާ މޫނަށް އިރުގެ ރަންއަލި އެޅިފައިވާއިރު ފެންނަލެއް ހިތްގައިމުކަމުން ދުރުބަލާކަށް ހަޔާތީ ބޭނުމެއްނޫނަސް އެހާ ގިނައިރުވަންދެން ނަޒަރު ދުރުކޮށްނުލާ އިންނާކަށް ޟަމީރު ތަނެއްނުދިނެވެ. ސައި ނިމުމަށްފަހު އިރުއޮއްސޭ މަންޒަރު ބަލައިލަން އެކީ ހިގާލާފައި ދޮންވެލިގަނޑުމަތީ ފިޔަވަޅުތަކުގެ ނިޝާން ދޫކުރަމުންގޮސް އަމްރާން ސަކަރާތެއް ޖަހާހިތްވިއެވެ. ހަޔާތީ ހިތަށް ނާރާ ހުއްޓާ މޫދަށް ލުމުން ހަޔާތީގެ ތޫނު އަޑު ފަޒާގައި ގުގުމައިލިއެވެ. މޫދުގައި އެކަކު އަނެކަކަށް އަތްގޮށިން ފެންޖަހާ އެހެން އުޅުނުއިރު ތަންކޮޅެއް ގައިގޯޅިވާން ހެދުމުން ހަޔާތީ ދުރަށް ދާން އުޅުނަސް އަމްރާންގެ އަތުގެ ހިމާޔަތަކުން ބޭރަށް ނުދެވުނެވެ.
"އެކްޓްކުރިޔަސް އޯކޭ ވާނެއޭ ހަޔާތީ. މީހުން އެބަ ބަލައޭ. ޕަޕަރާޒީއިންނަށް އެއްފަހަރު ޗާންސެއް ދިނަސް އަހަރެމެންނަށް މަދުވާނެ އެއްޗެއް ނުހުންނާނެ. ޔަގީނުންވެސް މި ފޮޓޯތައް ވައިރަލް ވާނެ......" އަމްރާން ހަޔާތީގެ މޫނުގައި އަތުން ފިރުމައިލިއެވެ. އެމަންޒަރު ކިތަންމެ ރަގަޅަށްވެސް އެހެންލާފައި އައި ކާޒިމްއާއި މިކާލްއަށް ފެނުނެވެ. ވާރޭގެ ތެރޭގައި އަމްރާންއާއި ހަޔާތީ އުޅުނުލެއް "ރޮމެންޓިކް"ކަމުން މިކާލްގެ ހިތަށް އެތައް ހާސް ތީރުތަކެއް ހެރިއްޖެއެވެ. ފިޔަވަޅުތައް މަޑުކޮށްލެވިއްޖެއެވެ. ވާރޭވެހެމުން ދިޔަކަން ނަސީބެކެވެ. ކަރުނަތައް ނުހިފެހެއްޓިގެން ފައިބައިގަތަސް އެންމެ ކައިރީގައި ހުރި ކާޒިމްއަކަށްވެސް ނުފެންނާނެ ކަން ޔަގީންވާތީއެވެ. ވާރެއަކީ ކަރުނަތައް ފޮރުވައިދޭ މަދަދުގާރެކެވެ. ކަރުނައާއި ވާރޭ ވަކިކުރާކަށް ކާޒިމްއަށް ވެސް ނޭގޭނެއެވެ. މިކާލްއަށް ނޭގުނީ މިއީ އަމްރާން ގަސްތުގައި ދިން ނަފްސާނީ ހަމަލާއެއްކަމެވެ. ލާވީ ގާތު ބުނެގެން މިގަޑިއަށް މިކާލް ގެނައީ އެފަދަ މަންޒަރެއްދައްކައިގެން މިކާލް ނަފުސާނީގޮތުން ބަލިކަށިކޮށްލަން ކަމަށް ހިތަކަށް ނޭރިއެވެ.
"ވައި އާ ޔޫ ލެޓިން ހިމް ވިން...." ކާޒިމްއަށް މިކާލްގެ ހިތުގެ ހާލު އެނގުނީ އެލޮލަށް ބަލާފައެވެ. ކަރުނައާއި ވާރޭ ވަކި ކުރަން ނޭގުނަސް އެ ރިހުން ފޮރުވައެއް ނުލެވޭނެއެވެ.
"ލެޓް ހިމް ވިން.......ފޯ ނައު.." މިކާލްއަށް ބުނެވުނެވެ.
"ހިގާ ދާން..ފަސްޓް ލޭޑީއަށް ޕްރައިވެސީ ދޭންވާނެ ދޯ....." ކާޒިމް އަނބުރާލާފައި ދާން ހިނގައިގަތުމުން މިކާލް ވެސް ފަހަތުން ހިނގައިގަތީ ހަލާކުވެފައިވާ ހިތަކާއިއެކުގައެވެ. އަޒިކިއަލްއާއި ލާވީ އެއިން ކޮންމެ ހަރަކާތަކަށް ފާރަލައިގެން ތަންކޮޅެއް ދުރުގައި ބަލަން ތިބިއިރު މިކާލްއާއިމެދު ޝައްކުތައް އެތައް ގުނަ އިތުރުވެއްޖެއެވެ. ކާޒިމްއާއި މިކާލްގެ އެކުވެރިކަމާއިމެދުވެސް ކަންބޮޑުވާ ހިސާބަށް ހިގައްޖެއެވެ. އެދޭތެރޭގައިވަނީ ކޮން ގުޅުމެއްހެއްޔެވެ؟
އެދެމީހުން ދުރަށް ދިޔަކަން އެގުމާއިއެކު އަމްރާން ހަޔާތީގެ ގައިން ދޫކޮށްލާފައި ކުޑަކޮށް ދުރަށް ޖެހުނެވެ. ހަޔާތީގެ ފަރާތުން އަދިވެސް ފެންނަނީ ހަމަ ދުރުކަމެވެ. އޭނަގެ އެއްވެސް އަމަލަކަށް ހަޔާތީ ރުހޭހެނެއް ހިޔެއްނުވެއެވެ. ހަޔާތީ އޭނަދެކެ ބިރުން އުޅޭފަދައެވެ. ނޫނީ އަތްލާން ނޭދެނީއެވެ. މިކާލްދެކެ އަދިވެސް ލޯބިވަނީކަން ނޭގެއެވެ. އަމްރާން ބުމަ ކައިރިކޮށްލަމުން ހަޔާތީގެ އަތުގައި ހިފެހެއްޓިއެވެ.
"އަހަރެންވެސް ނޫޅެން ގަދަކަމުން ކަމެއް ކުރާކަށް. ހަމަޖެހިބަލަ....."
"އެހެނެއްނޫން. ޖަސްޓް...." ހަޔާތީ އެއްޗެކޭ ބުނަން އުޅުނެވެ. އަމްރާންއާއިއެކު އަތުގުޅުވާލައިގެން ވާރޭތެރޭ ހިގާފައި ދިޔައިރު ދުރުން ބަލާ މީހަކަށް އެދޭތެރޭ މައްސަލައެއް އޮތްހެނެއް ހިޔެއްނުވާނެއެވެ. ދެލޯބިވެރިން ފަދައިން އަތު ގުޅުވާލައިގެން ވާހަކަދައްކަމުން މޫދުން އަރައިގެން އަންނަނީކަމުގައި ނޫނީ ހިޔެއްނުކުރެވޭނެއެވެ.
"ހޫމް. ކޮންމެފަހަރަކު ބަހަނާ ދައްކާނެ ކަމެއްނެތް އިނގޭ. "
"ވައި އާ ޔޫ އެކްޓިން ލައިކް ދިސް...." ހަޔާތީ އެހިއެވެ. އެ ސުވާލަށް ޖަވާބުދިނުން ބޭނުންކަމަކަށް ނުވިއެވެ. ކޮޓަރިއާއި ހަމައިން އަތުން ދޫކޮށްލާފައި ކުރިންގޮސް ފާޚާނާއަށްވަދެ ދޮރު ބާރަކަށް ޖެހިއެވެ. އިރުކޮޅަކުން ފެންވަރާ ތާޒާވެލައިގެން ނުކުތްއިރު ރުޅީގެ އަސަރެއް ނެތެވެ. ކޮފީއެއް ހިފައިގެންގޮސް ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ވާރޭ ވެހޭ މަންޒަރު ބަލަން ހުރިއިރު އެއް އަތުގައި ސިގްރެޓެވެ. ލާވީއާއި އަޒިކިއަލް އާއި ހީހީފައި ވާހަކަދައްކަން ހުރިއިރު އެހާ ހަމަޖެހޭ މީހެއް ނެތްފަދައެވެ.
އަމްރާންގެ ފޯނަށް މަންމަ ގުޅަންފެށުމުން ނުނަގަން އިނދެފައިވެސް ފޯނަށް ޖަވާބުދިނެވެ.
"ރެން ސްވީޓްހާޓް މަންމަ އެޑްމިޓްކޮށްފައި މިއޮތީ......." މަންމަ ބުނެލިއެވެ.
މަންމަދެކެ ނަފްރަތުކުރާކަމަށް ހިތަށް އެންގިޔަސް މަންމަ ބަލިހާލުގައި އޮތްކަން އެނގުމުން ހާލު ބަލަންނުގޮސް ރިޒޯޓުގައި ހުންނާކަށް ހިތެއް ނޭދުނެވެ. މަންމަވާނީ މަންމައަށެވެ.
އަމްރާން މަޑުނޫކުލައިގެ އަތްދިގު ގަމީހަކާއި ޑެނިމް ޖިންސެއްގައި ހުރިއިރު އެހާ ރަސްމީ ނޫނަސް ޝަޚުސިއްޔަތުގެ ވަރުގަދަކަން ހާމައަށް ހުއްޓެވެ. ސިކިއުރިޓީގާޑުން ދޮރުމަތީ މަޑުކޮށްލިއެވެ. ރައީސްވަޑައިގަންނަވާތީ ހޮސްޕިޓަލްގައި ފުލުހުން ހަރަކާތްތެރިވާތަން ފެނެއެވެ. ހަޔާތީ ހުރީ ލަދުން ވިރިވިއެވެ. ހޮސްޕިޓަލަށް ވަދެގެން އައިއިރުވެސް އެންމެން ތެދުވެ ދެފަރާތުގައި އެތުރިގެންނެވެ. ރައީސް ވަޑައިގަތީ މަންމާފުޅުގެ ހާލުކޮޅު ބެއްލެވުމަށެވެ. ނަމަވެސް އަންހެންވެރިން އުޅުނީ ސެލްފީތައް ނުނެގިގެންނެވެ. މީހުން ބަލާވަރުން ބިންފަޅާފައި އަޑިއަށް ވަންނާނެނަމައޭ ހިތަށްއެރިއެވެ.
ޕްރައިވެޓް ވާޑުގެ އެނދެއްގައި އެޑްމިޓްކޮށްފައި އޮތް އަލްޔާނާގެ މޫނުމަތިން ވަރުބަލިކަން ފައުޅުވެއެވެ. އަތަށް ގުޅާފައިވާ އައިވީއިން ތިއްކަކަށްފަހު ތިއްކެއް ޖަހަމުންދަނީ ކަންނެތްކޮށެވެ.
"މަންމަ ބޮލުގައި ދޭތެރެއަކުން ރިއްސާ. މިއަދު ބްލެކްއައުޓްވީ. ލޭގެ ޕްރެޝާ މަތި.. އަދިވެސް އެހެން އުދަގޫތައް ވާތީ ޑޮކްޓަރ ލަފާދެއްވީ ސީޓީ ސްކޭނެއް ހަދަން. ޓިއުމަރެއްކަމަށް ޝައްކުކުރޭ....." އަލްޔާނާ ކިޔައިދިނެވެ.
"ޑޯންޓް ވޮރީ މަމް. ޔޫ ވިލް ބީ ފައިން. ރިޒޯޓުގައި ހުރީމަ ތަންކޮޅެއް ލަސްވީ. މިހާރު ކިހިނެއްތޯ؟ " އަމްރާން އެހިއެވެ.
"އިންޖެކްޝަންތައް އަޅަންފެށީމަ ތަންކޮޅެއް ލުއިކަމަށް ދައްކާ."
އަމްރާންގެ ޒިޔާރަތް ކުރުކޮށްލާފައި ދާންޖެހުނީ މިރޭ އޮތް ޖަލްސާއަކަށެވެ. އަމްރާންގެ އެދުމުގެ މަތިން ހަޔާތީ މަންމަ ގާތުގައި މަޑުކޮށްލުމުން ހިތާމައާއި މޮޅިވެރިކަމާއިއެކު ބައެއް ހިތާމަތައް ހިއްސާކޮށްލިއެވެ. ސޯޝަލްމީޑިއާއަށް ވަނުމުން ސްޓްރެސް ބޮޑުވެ ހިތަށް ދަތިވާ ކަމަށާއި މީހުން އަމްރާންއާއި ދިމާލަށް ގޮވާ އެއްޗެހި ފެނިފަ ހިތްފަޅައިގެން ދާވަރުވާކަމުގައެވެ. އަމްރާންއާއި ދިމާލަށް ލާދީނީ އަދި މުރުތައްދު ކިޔުމުން އަމިއްލަ ނަފުސް ކުށްވެރިކުރެވޭ ކަމަށެވެ.
"ހަޔާއަށް ނޭގޭނެ. ކުށްވެރިއަކީ އަހަރެމެން މައިންބަފައިން. ރެންގެ ކުށެއްނެތް. އެދަރިފުޅު ބޮޑުކުރެވުނީ އިސްލާމްދީނާއި ދުރުން ހުޅަގުގެ މާހައުލުގައި. ހެޔޮނުބައި ވަކިކޮށްނުދެވުނީ. އެކަމުގެ ސަބަބުން ރެން ހެއްދެވި ފަރާތެއް ވާކަމަށް ގަބޫލުނުކޮށް އެތިއެސްޓެއްގެ ގޮތުގައި ނަން ވީ. އޭނަ ދީނަށް ކޮމެންޓެއް ނުކުރާތީ . އާއެކޭ ނުވަތަ ނޫނެކޭވެސް ނުބުނޭ. ސެކިއުލާ ވެރިކަމެއް ގެންނަން ފާޅުގައި އެދަރިފުޅު މަސައްކަތް އެކުރަނީ. ހެއްދެވިފަރާތަށް ސަޖިދަ ޖަހާނުލާ މައިންބަފައިން އުޅުނުއިރު ދަރިފުޅަށް ކޮށްފާނެ ނުބައި އަސަރެއް ވިސްނާނުލެވުނު. އަހަރެމެން ދިން ތަރުބިއްޔަތުގައި މުޅިންވެސް ކުށްވީ. އާޚިރު ނަތީޖާ މިހާ ހިތިވެދާނެކަމަކަށް ހިޔެއްނުކުރަން. އެދަރިފުޅު އިލާހަކު ނުވާކަމަށް ގަބޫލުނުކޮށް ހުރެ މަރުވެދާނެތީ ބިރުގަނޭ. ހީ ވުޑް ބީ އެމަންގް ދަ ލޫޒާސް. އެހެންވާކަށް ބޭނުމެއްނޫން. ހަޔާ ޕްލީޒް ހެލްޕް މައި ސަން....." އަލްޔާނާގެ ލޮލުން ކަރުނަ ހިލުނެވެ.
"އިރާދަކުރެއްވިއްޔާ އަމްރާންއަށް ހިދާޔަތް ލިބޭނެ. މައިންބަފައިން ދަރިންނަށްޓަކާ ކުރާ ދުޢާ ރުވާފައި ދޫކޮށްލި ދުނިދަނޑިއެއްހެން ޖެހޭނެކަމަށް ވާރިދުވެފައިވޭ. މަންމަ ދުޢާކޮށް ދެއްޗޭ....." ހަޔާތީ އަލްޔާނާގެ އަތުގައި ހިފެހެއްޓިއެވެ.
ހަޔާތީގެ ޚިޔާލަށް ދޭތެރެއަކުން އަމްރާން ވެރިވެގަނެއެވެ. ރިޒޯޓް ގޮނޑުދޮށުގައި ބޯ ވާރޭގެ ހިމާޔަތުގައި އަމްރާންއާއި ތަންކޮޅެއް ގާތްކޮށް އުޅެވުނު ހަދާންވުމުން އެކަނި އިދެވެސް ރަކިވެގެން މޫނަށް ރަތްކުލަވެރިވެދެއެވެ. ހަމައެއާއެކު މިކާލްގެ ލޯތްބަށް ބޭވަފާތެރިވެ މިކާލްގެ ހިތް ހަލާކުކޮށްލެވުނީކަމަށް ވިސްނުމާއިއެކު ހުރިހާ އުފާތަކެއް ސައިބޯނި ބޮތްކެއް ފަޅައިގެންދާހާ އަވަހަށް ނެތި މާޔޫސްކަން ވަށާލައެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ސިކުނޑިއާއި ހިތަށް ދެމީހުންނަށް ވަދެވިގެންއުޅެނީ އޭނަގެ ނަފުސްގެ ނުބައިކަމުން ބާވައެވެ. އެހެންއެއްވެސް އަންހެނަކު ދެލޯބިވެރިންނާއިހެދި ނޫނީ ހޮވާނެމީހެއް ނޭގިގެން ހިތާއި ހަގުރާމަކުރަންޖެހޭނެ ބާވައެވެ. އަދިވެސް ގިނަގިނައިން ދުޢާކުރަންވީއެވެ.
މަންމަގެ ބޮލުގައި ޓިއުމަރެއް ހުރިކަމަށް ޝައްކުކޮށް ސީޓީ ސްކޭން ހަދަން އެޑްމިޓްކޮށްފައިވާ ޚަބަރު އަމްރާންގެ ފަރާތުން ލިބުމާއިއެކު އަބުދުލްއަޒީޒު ހުރިތަނަށް ތިރިވެވުނެވެ. ސޯފާގައި އިށީންގޮތަށް ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. އަމްރާންއަށް އޮޅުވާލައިގެން އަމްރާންގެ ހިތުގައި މަންމައަށްޓަކާ ނަފްރަތު އުފެއްދިއްޖެއެވެ. ނަފްރަތުގެ މޫތައް މުޅިހަށިގަނޑުގެ ހުރިހާތަނަކަށް ފެތުރިފައިވާފަދައެވެ. އަމްރާން އެހާވެސް ބޮޑަށް މަންމަދެކެ ނަފްރަތުކުރާކަން އޭނަގެ ވާހަކަތަކުންނާއި އަމަލުން ހާމަވެއެވެ. ނަމަވެސް މަންމަ އެހާ ބަލިކަން އެނގުމުން ޒިޔާރަތްކޮށްލީއެވެ. މަންމަގެ ބޮލުގައި ހުރީ މެލިގްނެންޓް ޓިއުމަރެއްކަން ޔަގީންވެއްޖެއްޔާ އެމަންމަ ދުނިޔެއާއި ވަކިވެގެންދާނީ އަމްރާން ހިތްހެޔޮނުކޮށެވެ. އަމްރާންއަށް ހަގީގަތް އެނގެން ޖެހޭނެއެވެ. ކުށްވެރިއަކީ ކާކުކަން އެނގެން ޖެހޭނެއެވެ. ވަރަށް ދުވަސްވާންދެން އަމްރާން އަނދިރީގެ ތެރޭ ބެހެއްޓިއްޖެއެވެ.
ހަޔާތީއާއި ސަޖަލް އެޗްއެމްއޮފީހުގެ ކޮންފެރެންސްރޫމްގައި ތިބިއިރު މަސައްކަތައިމެދު މަޝްވަރާކުރިއެވެ. އެންމެފަހު ފައިލްތައް ލައްޕާލާފައި ކޮފީ ހަދައިގެންގޮސް މޭޒުކައިރި ޖައްސާލިތަނާހެން މެހުމާނަކު ހަޔާތީއާއި ބައްދަލުކުރަން އައިސްފާ ހުރިކަން އެނގުނެވެ. ހަޔާތީ ނުކުތްއިރު ދޮރުމަތީ ހުރީ އޭނަގެ ކޮއްކޮ އިޝްކަންއެވެ. ސަޖަލް ފާޑަކަށް ހަޅޭއްލަވައިގަތެވެ.
"ހޭއި ސްވީޓްހާޓް. މިސްޑް ޔޫ......މަޗް....ކޮބާ މަންމަ........." ހަޔާތީއަށް ކޮއްކޮގެ ގައިގާ ބައްދައިލެވުނީ ބާރަކަށެވެ. ސަޖަލް މަޖާވެލާފައި އިޝްކަން ޒުވާންވާ ވަރަކަށް ރީތިވަނީ ކީއްވެހެއްޔޭ ސުވާލުކޮށްލުމުން އިޝްކަން އެއްލޯ މަރައިލިއެވެ.
"އަނހަ. އައިއެސް ކުދިން ތިހާ ގޯސްކޮށް އުޅޭކަށް ނުވާނެ. އަންހެންކުދިންނަށް ވިންކުކުރުން ހުއްޓާލީކަމަށް ހީކުރީ. ކީއްކުރަން ސިސްއަށް ސަޕްރައިޒް ވިޒިޓެއް ދިނީ. ގޯސްޓެއްކަމަށް ހީކޮށް ފުރަތަމަ ހަޅޭއްލަވައިގަނެވުނީ......." ސަޖަލް ހިނިގަނޑެއް ޖަހައިލިއިރު ހަޔާތީވެސް ހުރީ އިޝްކަންގެ ޖަވާބަކަށް އިންތިޒާރުކުރާފަދަ ގޮތަކަށް ސަމާލުކަންދީގެންނެވެ.
"މިޝަންއެއްގަ...." އިޝްކަން ކުރު ޖަވާބެއް ދިނެވެ. ހަޔާތީގެ ހިތަށް ނުބައިގޮތެއްވިއެވެ. އިޝްކަންގެ ވާހަކަ ހުންނަގޮތުން ހިތް ފިނިވެ ބިރުގަންނަން ޖެހެނީ ކީއްވެކަމެއް އޭނައަކަށް ނޭގެއެވެ. އެއިން ކޮންމެ ޖުމްލައެއްގައި ފުންމާނައެއް އެކުލެވެނީއޭ ހިތަށް އަރާފައި ކޮއްކޮ އިސްލާމިކް ސްޓޭޓްގެ ވަކިތަކުން ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރެވުނެވެ. ނަމަވެސް ހިތް ބުނަނީ މިކާލްއާއި އެއްވަރަށް އިޝްކަންވެސް މިހާރު ސިއްރުވެރިވެ އޭނައަށް ނާންގާ ބޮޑުކަންތައް ގަނޑެއް ހިންގަން އުޅޭކަމެވެ. އެއީ ކިހާވަރެއްގެ ކަމެއްކަމެއް އޭރު ހަޔާތީގެ ވިސްނުމަކަށް ނާދެއެވެ.
އަބުދުލްއަޒީޒު އެކޮޓަރިއަށް އަންނަން އަމްރާން ގާތު އެދޭނީ ކޮންމެވެސް މުހިއްމު ވާހަކައެއް ދައްކަން ޔަގީންވެ އަމްރާން ވަގުތެއް ހުސްކޮށްލައިގެން ގޮސް އެކޮޓަރިއަށް ވަނުމުގެ އިޒުނަ ހޯދައިގެން ވަނެވެ. ބައްޕަ އިނީ ބޮޑު އެނދުގައި އޮށޯވެލައިގެންނެވެ. ރަސްކަލުންގެ ދާނެއްފަދަ އަރާމު އެނދަކާއި އިރާންގެ މޮޅު ދޫލަ އަދި ބޯ މަތީ އެލުވާފައިވާ ބޮޑު ޗާންދަލިޔާގެ ސަބަބުން ގަނޑުވަރެއްގެ ކޮޓަރިކޮޅަކާއި ތަފާތެއްނެތެވެ. އަމްރާން އެނދުގައި އިށީންނަން އިޝާރާތްކޮށްލުމުން އަމްރާންގެ ހިތް ކޮންމެވެސް ވަރަކަށް އަވަސްވިއެވެ. އަބުދުލްއަޒީޒު އެންމެ ފުރަތަމަ ސުވާލުކޮށްލީ މަންމަގެ ހާލާއިމެދުގައެވެ.
"އަޅުގަނޑަށް އަދި ސީޓީ ސްކޭންގެ ޚަބަރެއްނުލިބޭ. ޕޮޒިޓިވްކޮށް މިވިސްނަނީ...." އަމްރާން ދެއަތްތިލަ ގުޅުވާލައިގެން އިނީ އަދަބުވެރިކޮށެވެ.
"ދަރިފުޅާ ބައްޕައަށް މާފުކުރޭ....."
އަމްރާން އޭނަގެ ބައްޕަ އިން ފަޅިއަށް މޫނު އަނބުރައިލީ ބައްޕަ މާފަށް އެދޭކަމެއް ނޭގި ހައިރާންކަމުން ފުރިގެންވީ ގޮތަކަށެވެ.
"ބައްޕަވަނީ ވަރަށް ބޮޑު ކުށެއްކޮށްފައި....." އަބުދުލްއަޒީޒު ނިތްކުރީގެ ދެފަރާތް މަސާޖުކޮށްލީ ބޮލުގައި ރިއްސާތީ އުޅޭފަދައަކުންނެވެ.
(ނުނިމޭ...)