ބާޣޫޒް (މާޗް 21) : ނުރައްކާތެރި އައިއެސް ޖަމާއަތުގެ ވަކިތަކުގެ ދަށުގައި އޮތް ސީރިއާގައިވާ އެންމެ ފަހުގެ ސަރަހައްދު ކަމަށްވާ ބާޣޫޒް މިނިވަން ކުރިކަން އެޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިން އިއުލާންކޮށްފިއެވެ.
ސީރިއާގެ ކުރުދީ ހަނގުރާމަވެރިންގެ އެންމެ ބޮޑު ޖަމާއަތްކަމަށްވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް)އިން ބުނީ ބާޣޫޒް އަވަށް މިހާރުވަނީ އައިއެސްގެ އަތްދަށުން މިނިވަންވެފައި ކަމަށާ އެއަވަށުގައި ފައިހަރުކޮށްލައިގެންތިބި އައިއެސް ހަނގުރާމަވެރިންގެ ގިނަ ބަޔަކު މަރާލާފައިވާ ކަމަށާ ބާކީ ތިބި މީހުންގެ އެއްބަޔަކު ވަނީ އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައި ކަމަށެވެ. އަދި އަނެއް ބަޔަކު ވަނީ ފުރާތު ކޯރުގެ އިރުމަތީ ފަރާތުގައިވާ ފަރުބަދަތަކެއްގެ ތެރެއަށްވަދެ ފިލައިފައެވެ.
ނަމަވެސް ފިލައިގެން ދެވުނީ އައިއެސްގެ މަދުބަޔަކަށް ކަމަށްވެސް އެސްޑީއެފްއިން ބުނެއެވެ. އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު އެސްޑީއެފްއިން ބާޣޫޒް އަވަށް މިނިވަން ކޮށްފައިމިވަނީ އެސްޑީއެފް އާ ދެކޮޅަށް ހަރުކަށި ގޮތެއްގައި ބަދަލު ހިފާނެކަމުގެ އިންޒާރު އައިއެސްގެ ކޮމާންޑަރެއް ކަމަށްވާ އަބުލްހަސަނުލް މުހާޖިރު ދީފައިވަނިކޮށެވެ. އަބުލްޙަސަންވަނީ އައިއެސްއަށް ލިބިގެންވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން އެސްޑީއެފްގެ ހަނގުރާމަވެރިންގެ ކަރު ބުރިކޮށް އެމީހުން ގެ ހަށިތައް ކުދިކޮށް ކޮށާލާނެކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އައިއެސްގެ ހާލަތު ސޫރިޔާގައި މިހާރުވަނީ އެސްޑީއެފް އާ ދެކޮޅަށް ބަދަލުހިފޭފަދަ ޙާލަތެއްގައި ނޫންކަމަށް މުރާސިލުން ބުނެއެވެ.
ބާޣޫޒްއަށް އެސްޑީއެފްގެ ހަނގުރާމަވެރިން ވަންއިރު މަރުވެފައިވާ އައިއެސްގެ ހަނގުރާމަވެރިންގެ ހަށިތަކުގެ ފުނިވަރުތައް އެ ރަށުގެ ތެރޭގައި ކުނިވެފައިވާ ކަމަށާ އެ ފުނިވަރުތަކުގެ ކައިރީގައި އައިއެސްގެ ހަނގުރާމަވެރިންގެ އަނބިންނާއި ދަރިން ރޯން ތިބިކަން މަންޒަރު ދުށް މީހުން ވަނީ ކަށަވަރުކޮށްދީފައެވެ. މިހާ ބޮޑު ނާކާމިޔާބީ އެއް ބާޣޫޒްގައި އައިއެސްގެ ހަނގުޜާމަވެރިންނަށް ލިބުނީ އެމީހުން ގޮތްދޫކޮށް އަމާން ދިނުމަށް ދެކޮޅުހެދުމުގެ ސަބަބުންކަމަށް އެސްޑީއެފް އިން ބުނެއެވެ. އަމާންދިނުމަށް އެސްޑީއެފްއިން އައިއެސްގެ ހަނގުރާމަވެރިންނަށް ގޮވަމުންދާތާ ތިން ހަފްތާވެފައިވާއިރު އައިއެސް ގެ ކޮމާންޑަރުން ވަނީ އެންމެން މަރުވާން ޖެހުނު ނަމަވެސް އަމާން ނުދިނުމަށް އައިއެސްގެ ހަނގުރާމަވެރިންނަށް ގޮވާލާފައެވެ.
ނަތީޖާއެއްގެ ގޮތުން ހަ ހަފްތާއަށްފަހު އެސްޑީއެފްއަށް ބާޣޫޒްގައި އައިއެސް ބަލިކުރެވުނީ އެރަށް އެއްކޮށް ފުނޑުފުނޑުކޮށްލައި އައިއެސްގެ ގިނަ ބަޔަކު މަރާލައިގެންނެވެ.
މިހާރު އެސްޑީއެފްއިން ގެންދަނީ މަރުވެފައިވާ އައިއެސްގެ ހަނގުރާމަވެރިންގެ އަނބިންނާއި ދަރިންނާމެދު މުއާމަލާތް ކުރާނެ ގޮތަކާމެދު ވިސްނަމުންނެވެ. އައިއެސްގެ ހަނގުރާމަވެރިންގެ އަނބިންނާއި ދަރިންނަކީވެސް އެމީހުން ފަދަ ހަރުކަށި ފިކުރުގެ ބަޔަކަށް ވާއިރު އެ މީހުންގެ ސިކުނޑި އިސްލާހުނުކޮށް އެހެން ރެފިއުޖީންނާއެކު ގެންގުޅުމަކީ މުސްތަހީލު ކަމެއް ކަމަށް އެސްޑީއެފްއިން ބުނެއެވެ.
އައިއެސްގެ ހަނގުރާމަވެރިންގެ ބައެއް އަނބިންނަކީ އެމީހުންނާއެކު އުޅޭ އައިއެސް ފިކުރުގެ ނޫން އަންހެނުންނަށް ހަމަލާ ދިނުމާއި އަމިއްލައަށް މަރުވެގެން އެހެން މީހުންގެ ފުރާނަ ދުއްވާލުމުން ސުވަރުގެ ދެވޭނެކަމުގެ ހަރުކަށި ފިކުރު ގެންގުޅޭ އަންހެނުންކަމަށް އެސްޑީއެފްއިން ބުނެއެވެ.