ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް ރާއްޖޭގައި ވަޒީފާތައް ދިން ނަމަވެސް، ޑައުންސިންޑްރޮމް ހުންނަ އެއްވެސް ކުއްޖަކަށް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދީފައިނުވާ ކަމަށް ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ވަޒީފާތައް ދޭން ފެށީ 2015 ވަނަ އަހަރު އެވެ. އެގޮތުން ފެނަކަ އާއި އެސްޓީއޯ އަދި އާސަންދަ އޮފީހުން ވަނީ އެފަދަ 100 އެއްހާ ކުދިންނަށް ވަޒީފާ ދީފަ އެވެ.
ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފައުންޑާ އަހުމަދު އަންސާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިންއިރު ވަޒީފާ ދީފައިވަނީވެސް އަވަސް އަރުވާލައިގެން ކަމަށެވެ.
"މިދިޔަ އަހަރާ މި އަހަރު އެމްބެސެޑަރަކަށް އުޅޭނީ މަށާއި [އަންސާމް]، ޒިހުނަތާ. އެއީ ދެން އޭރު އެމްބެސެޑަރަކު ހުރި އިރު ދިޔައިން ހުރިހާ އޮފީހަކަށް ވެސް. ނުކުޅެދޭ ކުދިންނަށް ވަޒީފާ ދިން 30 އަކަށް ތަނަށް ދިޔައިން. އެކަމަކު ޑައުންސިންޑްރޮމް ކުއްޖެއް ނެތް އެއްވެސް ތާކު. އެ ފަހަރު އެއޮތީ ހަމަ އިއުލާންކޮށްލީމާ ހަމަ ދީފައި. ދެން ދިން ތަނުގައި ހަމަ ބޭބީ ސިޓްކުރަނީ. ދެން އިމީހުން އޯކޭ ލަހުން އަޔަސް. އެމީހުން އޯކޭ ގެއަށް ދާން ބޭނުންވީމަ ދިޔަޔަސް،" އަންސާމް ވިދާޅުވި އެވެ.
އަންސާމް ވިދާޅުވީ ވަޒީފާއަކަށް އެފަދަ ކުދިން ނަގާއިރު ވަޒީފާ ދޭ މީހުންނަށް ވެސް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ވާން ޖެހޭނެ ކަމަށެވެ. އަދި އެ ކުދިން އެފަދަ ވަޒީފާތަކަށް ޓްރެއިން ކުރެވިފައިނުވާ ކަަންވެސް އަންސާމް ފާހަގަކުރެއްވި އެވެ. އެގޮތުން ވޮކޭޝަނަލް ޓްރެއިނިންތައް އެކުދިންނަށް ކުރިއަށް ގެންދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިސްއެބިލިޓީ ހުންނަ ކުދިންނަށް ވެސް އެކަހަލަ ކަމެއް އިންނަން ޖެހޭ. މިސާލަށް ކޮންމެވެސް ހަތަރު ދާއިރާއަކުން. މިސާލަކަށް ފިހާރައެއްގައި އިނުން. އެ ދާއިރާތަކަށް ޓްރެއިންކޮށްފައި ދެން ޖޮބަށް ނެރެން ޖެހޭނީ. މިސާލަކަށް ޑައުންސިންޑްރޮމް ހުންނަ ކުއްޖަަކަށް ފިހާރައެއްގައި އެއްޗެތި ކޮތަޅަށް އަޅަންވެސް އިނދެވިދާނެ،" އަންސާމް ވިދާޅުވި އެވެ.
ރާއްޖޭގައި ޑައުންސިންޑްރޮމް ކުދިންނަށް ސަރުކާރުން ވަޒީފާތައް ދީފައި ނެތް ނަމަވެސް ބޭރު ގައުމުތަކުގައި އެފަދަ ކުދިންނަށް ޓްރެއިނިން ދީ ވަޒީފާތައް ދީފައި އެބަހުއްޓެވެ. އެގޮތުން އިންޑިއާެ ކެފޭއެއްގައި އެފަދަ ގިނަ ކުދިން ވަޒީފާ އާދާކުރެ އެވެ. އަދި ރާއްޖޭގެ އަމިއްލަ ފިހާރައެއްގައި ޑައުންސިންޑްރޮމް ހުންނަ ކުއްޖަކު ވަޒީފާ އާދަކުރެއެވެ.