އަމީނިއްޔާ ސުކޫލުގައި އާންމުކޮށް ކުދިންނަށް ކިޔަވައިދޭ ކުލާހެއްގައި ގުރޫޕް މަސައްކަތެއް ތެރޭގައި ކުދިންނާ އެއްކޮށް، ގުޅިގެން މަސައްކަތުގައި ޝާމިލުވެއިން ކުއްޖަކީ ޑައުން ސިންޑްރޯމް ހުންނަ ކުއްޖެއްކަން އެނގުނީ އެ މަންޒަރު ދައްކާފައި ޓީޗަރު ބުނުމުންނެވެ. މިއީ އެފަދަ ކުދިންނަށް ކިޔަވައިދޭ ގޮތް ބަލާލަން ދިއުމުން ފެނުނު މަންޒަރުތަކާއި އެނގުނު ކަންކަމެވެ. އަމީނިއްޔާ ސްކޫލުގައި ޑައުން ސިންޑްރޯމް ނުވަތަ އެހެންވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިން ވަކި ކްލާހަކަށް ލައިގެން ކިޔަވައިދިނުމުގެ އުސޫލެއް ނުގެންގުޅެއެވެ. އެކުދިންނަށް ކިޔަވައިދެނީ އެހެން ކުދިންނަށްވެސް ކިޔަވައިދޭ ކްލާސްތަކުގައި އެކުދިންނާ އެކުގައެވެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށެވެ.
"އަޅުގަނޑުމެން މި ސުކޫލުގައި ހަމަ އެހެން ކުދިންނެކޭ އެއްގޮތަށް ހާއްސައެހީއަށް ބޭނުންވާ ނުވަތަ ޑައުން ސިންޑްރޯމް ކުދިންނަށްވެސް ކިޔަވައިދެނީ. އަޅުގަނޑުމެންނަށް ތަޖުރިބާއިން ބަލާއިރު އެއީ މާ ބޮޑަށްވެސް އެ ކުދިންގެ ހުނަރާއި ތައުލީމަށް ކުރިއެރުން ލިބޭ ކަމެއް." އަމީނިއްޔާ ސުކޫލުގެ ލީޑިންގް ޓީޗަރު މަރިޔަމް ޝަތުރަތު ޝާކިރު ވިދާޅުވިއެވެ.
ޝަތުރަތުގެ ވާހަކަތަކުން އެކަންޏެއް ނޫނެވެ. އަމީނިއްޔާ ސުކޫލުގައި ކުދިންނަށް ކިޔަވައިދޭތަން ބަލާލަން ދިއުމުން އެ މަންޒަރު ރީތިކޮށް ފެނުނެވެ. ޑައުން ސިންޑްރޯމް ކުދިންގެ ބިހޭވިއާ ތަފާތުވާނެކަމަށް މީހުން ދެކޭ ދެކުން އެ ސުކޫލުން މާ ބޮޑަށްވެސް ބަދަލުކޮށްލައިފިއެވެ.

އަމީނިއްޔާ ސުކޫލުގެ ޑްރީމް ކްލާހުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ
އެއް ޕީރިއަޑް ނިމި، އަނެއް ޕީރިއަޑަށް ޓީޗަރު ކުލާހަށް ވަނުމުން އެހެން ކުދިންނެކޭ އެއްގޮތަށް ކުއްޖާ ކޮޅަށް ތެދުވެ ޓީޗަރަށް އިހުތިރާމް އަދާކުރެއެވެ. ސަލާން ގޮވާލައެވެ. ސަންގެ ނޫސްވެރިންނަށް އެ މަންޒަރު ފެނުނެވެ. އަމީނިއްޔާ ސުކޫލުގެ ޑްރީމް ޓީޗަރުން ފާހަގަކުރާ ގޮތުން އެފަދަ އެތައް އާދައެއް އާދައިގެ ކުދިންނާ އެއްކޮށް އެއް ކްލާހެއްގައި ކިޔަވައިދިނުމުން ކުއްޖާއަށް ދަސްވެ އެވެ.
"އެހެން ކުދިންނެކޭ އެއްގޮތަށް ޑައުން ސިންޑްރޯމް ހުންނަ ކުއްޖާއަށްވެސް އެބަ އެނގޭ ކްލާހަށް ވަދެފައި ދަބަސް ބަހައްޓާނީކަން ދެން ނުކުންނާނީ އެސެމްބްލީއަށް ކަން. ކްލާހުގައި ކޮޅަށް ތެދުވެގެން ދުވެ ނުހަދާނެކަން. މިއީ އެހެން ކުދިންގެ ފަރާތުން އެ ކުދިން ދެނެގަންނަ ކަންކަން،" އަމީނިއްޔާ ސުކޫލުގައި ޑައުން ސިންޑްރޯމް ކުއްޖަކުވެސް ހިމެނޭ ކުލާހަކަށް ކިޔައިދޭ ޖިސްމާ އަލީ ބުންޏެވެ.

އަމީނިއްޔާ ސުކޫލުގައި އާދައިގެ ކްލާހެއްގައި ކިޔަވައިދިނުން ކުރިިއަށް ދަނީ: ހާއްސައެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެނީ އާދައިގެ ކްލާސްތަކުގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކްލާސްތަކެއް ޑްރީމް ކްލާސްތަކުގެ ނަމުގައި އަމީނިއްޔާ ސުކޫލުގައިވެސް ހުރެއެވެ. އެ ކްލާސްތައް ބޭނުް ކުރަނީ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ހުނަރުތައް ދަސްކޮށް ދިނުމަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
"އެ ކްލާސްތައް ބައެއް ފަހަރު އަޅުގަނޑުމެން ބޭނުން ކުރަން. ދުވާލަކު އިރުކޮޅަކަށް ކޮންމެ ކުއްޖަކުވެސް ޑްރީމް ކްލާހަށް އަންނާނީ. އެހެން ނޫނީ ހަމަ ނޯމަލް ކްލާސްތަކުގައި އެ ކުދިން އުޅޭނީ." ޝަތުރަތު ވިދާޅުވިއެވެ.
އެހެން ކުދިންގެ ފަރާތުންވެސް ހަމަހަމަ ކަން
ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ނުވަތަ ޑައުން ސިންޑްރޯމް ކުއްޖަކު އާދައިގެ ކުދިންނެކޭ އެއް ކުލާހެއްގައި ކިޔަވައިދޭނަމަ އެ ކުދިންގެ ފަރާތުން ތަފާތުކުރުންތަކެއް ފެނިގެން ދާނެކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ނަމަވެސް އަމީނިއްޔާއިން އެކަން ބަދަލުކޮށްލައިފިއެވެ. އާދައިގެ ކްލާސްތަކުގައި އެ ކުދިން ކިޔެވި ނަމަވެސް ކުދިންގެ ފަރާތުންވެސް ތަފާތުކުރުމެއް ނުފެނެއެވެ.

އަމީއްނިއްޔާ ސުކޫލުގެ ލީޑިންގް ޓީޗަރ ޝަތުރަތު -- ސަންފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑުމެން ކުދިންނަށް ބުނެދެން ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކޭ. ނުބުނަން އެއީ ޑައުން ސިންޑްރޯމް ކުއްޖެކޭ ނުވަތަ އޯޓިޒަމް ކުއްޖެކޭ. ކުދިންނަށް ކިޔައިދެނީ ހުރިހާ ކުދިން އެއްގޮތް ނުވާނެކަން. އަދި އެއްކުއްޖަކު ބާރަށް ދުވެވުނިއްޔާ އަނެއް ކުއްޖާއަށް ބާރަށް ނުދުވެވޭނެކަން. ތަފާތުވާނެކަން ހުނަރުވެސް،" ޝަތުރަތު ކިޔައިދެއްވިއެވެ.
ކުދިންގެ ފަރާތުން އެ ކުދިންނާ މެދު ތަފާތުކުރާ މަންޒަރެއް ނުވަތަ ބާކީކޮށްލާ ތަނެއް ކިޔަވައިދޭ ގަޑީގައިވެސް ފާހަގައެއް ނުވެއެވެ. މަސައްކަތްކުރަނީ ކުދިންނާ އެއްކޮށެވެ. ކިޔެވުމުގެ ކަންކަމުގައިވެސް އެ ކުދިންވެސް އަންނަނީ އެހެން ކުދިންގެ ކައިރިން ދަސްކުރަމުންކަން ޓީޗަރުން ފާހަގަކުރިއެވެ. އާދައިގެ ކުދިންނެކޭ އެއްވަރަށް ދަސް ނުވި ނަމަވެސް އެކުދިންނަށް ދަސްވާގޮތަށް ބުނެދިނުމުން ދަސްވާކަން ޓީޗަރުން ފާހަގަކުރިއެވެ.

އަމީނިއްޔާ ސުކޫލުގައި އާދައިގެ ކްލާހެއްގައި ކިޔަވައިދިނުން ކުރިިއަށް ދަނީ: ހާއްސައެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެނީ އާދައިގެ ކްލާސްތަކުގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ
އާދައިގެ ކްލާހެއްގައި ކިޔަވައިދިނަސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ އެޓޭޗްކޮށްފައި ޓީޗަރެއް ހުރެ އެވެ. އެއީ އެކުދިންނަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޓީޗަރުން ފާހަގަކުރާ ގޮތުން އާޓްސް ބޭނުންކޮށްގެން ކިޔަވައިދިނުމުން އެކުދިންނަށް ދަސްވާލެއް އަވަސް ވެއެވެ.
"މި ސުކޫލުގައި އެ ކުދިން ހަމަ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވާނެ. ފުރުސަތު ދެން. މަދަހަ މުބާރާތާ. ޤުރުއާން މުބާރާތާ. މިކަހަލަ ކަންކަމުގައި ޝައުގުވެރިކަމާއެކު އެކުދިން ބައިވެރިވޭ." ޝަތުރަތު ވިދާޅުވިއެވެ.
ހަގީގަތުގައި ތަފާތު ނުކުރުމަކީ މިއީ ނޫންހެއްޔެވެ. ހަމަ ފުރުސަތު ދިނުމަކީ މިއީ ނޫންހެއްޔެވެ. އާދައިގެ ކުދިންނެކޭ އެއްހަމައެއްގައި އެ ކުދިންނަށްވެސް ދިރިއުޅުމުގެ ފުރުސަތުތައް ލިބެންޖެހޭނެކަން ޔަގީންކޮށްދިނުމަކީވެސް މިއީ ނޫންހެއްޔެވެ. އަމީނިއްޔާ ސުކޫލަކީ މިކަމުގައި މިސާލެކެވެ. ޑައުން ސިންޑްރޯމް ކުދިންގެ ދުވަސް މިއަދު ފާހަގަކުރާއިރު ކުދިންނަށް ލިބޭ އުފަލުގެ ހަގީގީ ބައިވެރިއަކަށް އަމީނިއްޔާ ވެއްޖެއެވެ.