އަހުމަދު އަންސާމް، "ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ނަމުގައި ޖަމިއްޔާއެއް ފެށީ 2012 އަހަރު ނޮވެމްބަރު މަހުއެވެ. ވަރަށް އާދައިގެ ގޮތަކަށް އެ އެސޯސިއޭޝަން ފެށީ ވަރަށް ބޮޑެތި އުންމީދުތަކާ އެކުއެވެ. އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަމަށްވާ ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ސީދާ އެހީވުމަށް އޭރު ރާއްޖޭގައި އެފަދަ އެސޯސިއޭޝަނެއް ނުވެސް ހުރެއެވެ.
އެފަދަ ކުދިންގެ ބެލެނިވެރިންތަކެއް އެއް ދުވަހު އެއްކޮށްލުމަށްފަހު ދެކެވުނު ވާހަކަތަކަކީ އެ އެސޯސިއޭޝަން ވުޖޫދަށް އައުމުގެ އަސްލެެވެ. އެންމެ ފަންސަވީސް ކުދިންނާއެކު އެ އެސޯސިއޭޝަން ފެށި ނަމަވެސް މިހާރު އެ އެސޯސިއޭޝަނުން 84 ކުދިންނަަށް ދަނީ އެެކިއެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޑައުން ސިންޑްރޯމް އެސޯސިއޭޝަން ހިންގާތާ ހަ އަހަރުވެފައިވާއިރު ތަފާތު ގިނަ ގޮންޖެހުންތައް އަންސާމް ވަނީ ގިރާކުރައްވައިފައެވެ. ނަމަވެސް އަދިވެސް އުންމީދު އެލުވައެއް ނުލައެވެ. އޭނާ އަދިވެސް ހުރީ ނުގުޑާފަދަ އަޒުމެއްގައެވެ.
ޑައުން ސިންޑްރޯމް ރާއްޖޭގައި ފުދޭ ވަރަކަށް ގިނަ
ޑައުން ސިންޑްރޯމަކީ އުފެދުމުގައި ހުންނަ ސިކުނޑީގެ ނުކުޅެދުންތެެރިކަަމަކަށް ކިޔާ ނަމެކެވެ. އިންސާނާ އުފެދުމުގައި 46 ކްރޮމޮސޯމްސް ހުރި ކަމުގައިވިޔަސް އެފަދަ ކުދިންގެ ޑީއެންއޭގައި އިތުރު އެއް ކްރޮމޮސޯމް ހުރުއެވެ. އެފަދަ ކުދިންނަށް ހިނގުމާއި ކަނދުރާ ހަރުލުމުގައި އުނދަގޫވެއެވެ. އަދި މޫނުމަތި ފޮއްސިވުން ފަދަ އައިބުތައް އަލާމަތްތަކުގައި ފެންނަން ހުރެއެވެ.
އެ އެސޯސިއޭޝަންގައި 84 ކުދިން މިވަގުތު ރަޖިސްޓްރީކޮށްފައި ހުރި ނަމަވެސް އެފަދަ ކުދިންގެ ޖުމްލަ އަދަދު މާ މަތިވާނެކަމަށް އަންސާމް ދެކެވަޑައިގެންނަވައެވެ. އެފަދަ ކުދިން އަތޮޅުތަކުގައިވެސް ތިބުމާއެކު އަދި އެ ކުދިންގެ ސީދާ އަދަދުގެ ސާވޭއެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. ހާއްސަކޮށް އެ ބަލި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ދެނެގަނެވޭނެ އިންތިޒާމު ނެތުމަކީވެސް އެ ހާލަތު ދެނެގަތުމަށް ދިމާވެފައިވާ އެެންމެ ބޮޑު އެއް މައްސަލައެވެ.
ޑައުން ސިންޑްރޯމް ޓެސްޓް މިވަގުތު ހެދެނީ އައިޖީއެމްއެޗްގައި އެކަންޏެވެ. ލޭގެ ޓެސްޓަކުން އެ ހާލަތު ދެނެގަނެވޭއިރު، އައިޖީއެމްއެޗުންވެސް އެ ޓެސްޓްގެ ނަތީޖާ ހޯދުމަށް ފޮނުވަނީ އިންޑިއާއަށެެވެ.
"މުޅި ރާއްޖޭގައި އުޅޭނެ 600 އެއްހާ ކުދިން ޑައުން ސިންޑްރޯމް ހުންނަ. މިހާރުވެސް ކޮންމެ މަހަކަ ނޫނީ ދެމަހުން އެއް މަހު އެފަދަ ކޭސްތައް އަޅުގަނޑުމެންނަށް ރިޕޯޓު ކުރޭ. އައިޖީއެމްއެޗުން ނުވަތަ އޭޑީކޭއިން އަޅުގަނޑުމެންނަށް ވަގުތުން ރިޕޯޓުކޮށް އެކުދިންގެ ބެލެނިވެރިންނާ އަޅުގަނޑުމެންނާ ގުޅިވައިދެމުން ދަނީ،" އޭނާ ވިދާޅުވިއެވެ.
ޑައުންސިންޑްރޯމް އެސޯސިއޭޝަން ހިންގަން ފައިސާގެ ދަތިކަން
އެ އެސޯސިއޭޝަން އެންމެ ފުރަތަމަ ހިންގި ދުވަސްވަރު އެތަން ހިންގީ އޮފީހަކާ އެކުއެވެ. ނަަމަވެސް ފައިސާގެ ދަތިކަން ކުރިމަތިވެ މިހާރު އެތަން ހިންގަމުންދަނީ އަންސާމްގެ އަމިއްލަ ގޭގައެވެ.
"ތިން އަހަރު ވަންދެން ތަނެއް ކުއްޔަށް ހިފައިގެން ހިންގިން. 25 ވަަރަކަށް ކުދިން އޭރު އަންނާނެ މިތަނަށް. އޭރު ދެ ކްލާސްރޫމް އިންނާނެ. ދެ ސްޕީޗް ތެރަޕީ ކްލާސް އޮންނާނެ. ޕްލޭ އޭރިއާއެއް އިންނާނެ. ޓްރާންސްލޭޓުކުރަން ދެ ޓީޗަރުން ތިބޭނެ. ދެން ތަނުގެ ކުއްޔާ މުސާރައާ އެ ފުލް ސެޓަޕް މާ ހަރަދު ބޮޑީ. އޭތި ނުވެގެން ހުއްޓާލީ. 75،000 މަހަކު ހަރަދުވޭ. ތަނުގެ ކުލި 22،000 ކުލި" އޭނާ ވިދާޅުވިއެވެ.
އޭރު އަންސާމް އެތަން ހިންގީ ބެެލެނިވެރިންގެ އަތުން މަހަކު 1،300 ރުފިޔާ ނަގައިގެންނެވެ. ނަމަވެސް ބައެއް ފަަހަރު އެ ފީ ދެއްކުމަށް ބެލެނިވެރިންނަށްވެސް ދިޔައީ ދަތިތަކާ ކުރިމަތިވަމުންނެވެ.
"ފީ ނުދެއްކިޔަސް ނުކެރޭނެދޯ ކުދިން ނުގެންނާށޭ ބުނާކަށް. ދެން އެއް ކުއްޖަކަށް ސްޕޮންސާ ހޯދައިދީފިއްޔާ އަނެއް ކުއްޖަކަށްވެސް ޖެހޭނެ ދޯ ސްޕޮންސާ ހޯދައިދޭން. އެކަހަލަ ދަތިތަކާ ގުޅިގެން މިހާރު މިތަން އެވެއާނަސް ސެޝަން ނަގައިދޭ ތަަނަކަށް ފަހުން ބަދަލުކުރީ،" އަންސާމް ވިދާޅުވިއެވެ.
އެ އެސޯސިއޭޝިއަން ގޭގައި ހިންގި ނަމަވެސް އޭނާއަށް ވެވުނު ވަރަަކުން ދަނީ އެފަދަ ކުދިންނަށް އެހީތެރިވަމުންނެވެ. މިހާރުވެސް ލަންކާއިން ތެރަޕިސްޓުން ކޮންމެ ތިން މަހުން ނޫނީ ހަތަރު މަހުން ރާއްޖެ ގެނެސް ބެލެނިވެރިންނާ ގުޅުވައިދީ، ބެލެނިވެރިން ގޭގައި ދޭނެ ތެރަަޕީތަކާ ބެހޭގޮތުން ދަނީ އިރުޝާދު ދީ ހަދަމުންނެވެ. އެ ތެރެޕިސްޓުން އަތޮޅު ތެރޭގައި ތިބޭ ޑައުން ސިންޑްރޯމް ކުދިންނަށް އެހީތެރިވުމަށްވެސް ފޮނުވައެެވެ.
"ފަންޑް ރެއިޒް ހަރަކާތް ބާއްވައިގެން ނުވަތަ ބައެއް ތަންތަނުން ދޭ އެހީގެ މައްޗަށް ބަހާލައިގެން މުޅި އަހަރު ދުވަހު މިތަން ހިންގަނީ" އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ޑައުން ސިންޑްރޯމް ކުދިންނަށް ކުރިއަށްވުރެ ބޮޑަށް އެހީވާން ޖެހޭ
ޑައުން ސިންޑްރޯމް އެސޯސިއޭޝަން ހިންގުމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، ސަރުކާރުން އެފަދަ ކުދިންނަށް ކޮންމެވެސް ގޮތަކުން ފަންޑިން ހޯދައިގެން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަންސާމްގެ އެންމެ ބޮޑު އުންމީދެވެ.
"ކުރިންވެސް ވާހަކަ ދެކެވިފައި އޮތް މަލްޓި ޕާޕަސް ބިލްޑިންއެއް ހަދާ ކޮންމެ އެންޖީއޯއަކަށް ތަންކޮޅެއް ދޭން. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައި. ދެން ސަރުކާރު ބަދަލުވޭ ދޭތެރެ ދޭތެރެއިން. ދެން އެންސްޕާއިންވެސް ހެދި ރިސާޗެއް ކޮން ބަޔަކޮށްތޯ އެހީތައް ދޭނީ. މިޙާރު އޯޓިޒަމް ކުދިންނަށް ދީފިއްޔާ ޑައުން ސިންޑްރޯމް ސެރެބަލް ޕަލްސީ ދެން ފިޒިކަލް ޑިސިބިލިޓީ ކުދިންނަށްވެސް އެހީ ދޭން ޖެހޭ" އޭނާ ވިދާޅުވިއެވެ.
ޑައުން ސިންޑްރޯމް ކުދިންނަކީ ތަފާތު އެކި ތެރެޕީތައް ބޭނުންވާ ބައެކެވެ. އޭގެ ތެރޭގައި އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ހިމެނެއެވެ. ދާދި ފަހުން އެ ކުދިންނަށް ބޭނުންވާ ތެރަޕީތައް ސްކޫލުތަކުން ލިބޭނެގޮތް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ. ނަމަވެސް އެކަމުގައިވެސް ތަފާތު ގޮންޖެހުންތައް އެބަހުއްޓެެވެ.
"ސްޕީޗް ތެރަޕިސްޓަކަށް މިވެވެނީ ހަތަރު އަހަރު ކިޔަވައިގެން. މިހާރުވެސް ރާއްޖޭގައި ހުރީ ވަރަށް މަދު ސްޕީޗް ތެރަޕިސްޓުން. އަޅުގަނޑުމެން ހުންނާނެ ސައިރިކްސް ފަދަ ތަންތަނާ ވާހަކަ ދައްކައިފައިވެސް ސްޕީޗް ތެރަޕީ ފަދަ ކޯސްތައް ހިންގަން. މިސާލަކަށް ރާއްޖޭގައި ދެ އަހަރު ކިޔަވާފައި އަނެއް ދެ އަހަރު ލަންކާގައި،" އަންސާމް ވިދާޅުވިއެވެ.
އަންސާމް ވިދާޅުވީ ސްކޫލުތަކުގައި މިހާރުވެސް ހާއްސަ އެހީއަށް ބޭނުންވާ ޓީޗަރުން ނެތް ކަމަށާއި އަދި އެކަމާ ގުޅިގެން އެކަށީގެންވާ ވަރަށް ކްލާސްތައް ނުގެންދެވޭ ކަމަށެވެ.
"އެއް ގަޑިއިރުކޮށްލައިފައި އެބަ ފޮނުވާލާ އެބަ ގެއަށް. އޭގެ ކެޕޭސިޓީ ނެތިގެންނޭ ކިޔާފައި. އުސޫލެއްގެ ގޮތުން އެކަމެއް ނުކުރެވޭނެ ތެދެއްތޯ" އަންސާމް ވިދާޅުވިއެވެ.
އަންސާމް ދެކެވަޑައިގަންނަވާ ގޮތުގައި ސްކޫލުތަކުން އެ ތެރަޕީތައް ދިނުމަށް ވުރެ ރަނގަޅީ ކްލިނިކްތަކުން އެބައި ކުރިއަށް ގެންދިއުމެވެެ. ސިކުނޑީގެ މައްސަލަތައް ހުންނަ ކުދިންނަށް އިންޝުއަރެންސް ލިބި ކްލިނިކްތަކުން އެ ހިދުމަތް ލިބޭނެ ގޮތް ވުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެެވެ. އެކަމަށް ކޮންމެވެސް ވަރެއްގެ ފަހި ސިގްނަލްއެއް މިހާރުވެސް ސަރުކާރުން ވަނީ ދީފައެވެ.
"އޯޓިޒަމް ހުންނަ ކުދިން އެކަނިވެސް އެބައުޅޭ 3،000 ކުދިން. ދެން ޑައުން ސިންޑްރޯމް ކުދިންވެސް އެބައުޅޭ. އިންޝުއަރެސްގެ ހިދުމަތް ދޭން ފެށީމާ ޕްރައިވެޓް ކްލިނިކްތަކުންވެސް އަންނާނެ. ޑިމާންޑް އޮތީމަ އެ ކްލިނިކްތަކުން ގެންނާނެ ތަރަޕިސްޓުން ބޭރުން ނަމަވެސް. މިހާރު ހުރި ގޮތުން އެެއ ސްޕީޗް ތެރަޕިސްޓަށް ހަފްތާއަކަށް ނަގައިދެވެނީ 24 ސެޝަން ގިނަވެގެން. ރާއްޖެއަށް މިވަގުތު އެބަ ބޭނުންވޭ 250 ތެރަޕިސްޓުން މަދުވެގެން،" އޭނާ ވިދާޅުވިއެވެ.