އެކުވެރި އަރަބި އިމާރާތުގެ އަބޫ ދާބީގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ އަންހެނުންގެ ކެޓަގަރީގެ 100 މީޓަރު ދުވުމުން، ރާއްޖޭގެ ޝިފްނާ އިބްރާހީމް ރަން މެޑަލް ހޯދައިފި އެވެ.
ޝިފްނާ ރަން މެޑަލް ހޯދީ، އަންހެނުންގެ 100 މީޓަރު ދުވުމުގެ ފައިނަލުގެ ހަ ވަނަ ހީޓުގައި ވާދަކޮށްގެން 18.01 ސިކުންތުން އެ ރޭސް ނިންމައިގެންނެވެ. އެ ހީޓުގެ އެއްވަނައަށް ދިއައީ އިކުއެޓޯރިއަލް ގިނިއާގެ މާރިޔާ މަގްޑަލީނާ އެވެ. މި ހީޓު ގެ ފަސް ވަނަ ހޯދާފައި ވަނީ ރާއްޖެއިން މި ރޭހުގައި ބައިވެރިވި ދެވަނަ އެތުލީޓް މަރިޔަމް ނޫރާ ރަޝާދެވެ.
އުމުރުން 33 އަހަރުގެ ޝިފްނާ އެ ރޭހުން ރަން މެޑަލް ހޯދި އިރު ފިރިހެނުންގެ ކެޓަގަރީގެ 200 މީޓަރު ދުވުމުން ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަދި އެ ރޭހުގެ ފަސް ވަނަ ހޯދާފައި ވަނީ ވެސް ރާއްޖޭގެ އަލީ އަމީން އަބްދުލް ގަފޫރް އެވެ.
މިއީ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2011 ވަނަ އަހަރު ސްޕެޝަލް އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ހަތަރު ކުއްޖަކު ބައިވެރިވެފައި ވާ އިރު އެ އަހަރު ރާއްޖެއިން ވަނީ ތިން ރަން މެޑައްޔާއި އެއް ރިހި މެޑަލް ހޯދައިފަ އެވެ.
ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމު ވާދަކުރާ މި ގޭމްސްގައި މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 7500 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވެ އެވެ. މި އިވެންޓުގައި ރާއްޖެއިން ހަތަރު އެތުލީޓުން ވާދަ ކުރެ އެވެ.
އެ ގޭމްސްގައި ރާއްޖެ އިން ވާދަކުރާ އެތުލެޓިކްސްގެ އިތުރުން ޔުނިފައިޑް ބެޑްމިންޓަންގަ އެވެ. އެތްލެޓިކްސްގައި ރާއްޖެ އިން ވާދަކުރާނީ ފިރިހެނުންގެ ކެޓަގަރީގައި 100 މީޓަރުގެ އިތުރުން 200 މީޓަރު ދުވުމުގަ އެވެ. އަދި އަންހެނުންގެ ކެޓަގަރީ އިން 100 މީޓަރު ދުވުމުގަ އެވެ.
އެގޮތުން ފިރިހެނުންގެ ކެޓަގަރީގެ 100މީޓަރު ދުވުމުގެ ފައިނަލުގައި މިއަދު ރާއްޖޭގެ ދެ ދުވުންތެރިން ކަމަށްވާ ވަސްމީ ވަހީދުއާއި އަލީ އަމީން އަބްދުލް ޣަފޫރް ވާދަ ކުރާނެ އެވެ.
ކުރިން ލޯންގް ޖަމްޕުގައި ބައިވެރިވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ދިމާވި މައްސަލައަކާ ގުޅިގެން ލޯންގް ޖަމްޕުގައި ބައިވެރި ނުވާން ރާއްޖެގެ ސްޕެޝަލް އޮލިމްޕިކްސް އިން ވަނީ ނިންމާފަ އެެވެ.
ރާއްޖެ އިން ބައިވެރިވާ ސްޕެޝަލް އޮލިމްޕިކްސް އެތުލީތުންގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަބްދުﷲ މަސްއޫދު "ސަން" އަށް ދިން އިންޓަވިއުއްގައި ވިދާޅުވެފައި ވަނީ އިއްޔެ ލިބުނު ކާމިޔާބީގެ ސަބަބުން ހުރިހާ އެތުލީޓުން ވެސް ތިބީ ވަރަށް އުފާވެފައި ކަމަށާއި މިއީ ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.
"އަޅުގަނޑު މިހުރީ ވަރަށް އުފަލުން މިފަދަ ބޮޑު ކާމިޔާބީއެއް ގައުމަށް ހޯދައިދިނުމުގައި އެހީތެރިވެވުނީތީވެ. މިއީ އަބަދު ވެސް ދެކެމުން އައި ހުވަފެނެއް މި ކުދިންނަށް ބައިނަލް އަގުވާމީ ފެންވަރުގައި ކާމިިޔާބީ އެއް ހޯދައިދިނުމަކީ،"
މީގެ އިތުރުން އަބޫދާބީއަކީ ހޫނު ގަދަ ތަނެއް ނަމަވެސް މިދުވަސްވަރު އެހާ ހޫނު ނޫން ކަމަށާއި ފިނިހޫނު މިން މެދުވަރެއްގައި ހުރުމުން މޫސުމުގެ އަސަރު އެތުލީޓުންނަށް ނުކުރާ ކަމަށް މަސްއޫދު ވިދާޅުވި އެވެ.
"ނުކުޅެދުންތެރިކަން ހުންނަ އެންމެންނަށް ވެސް އެހެން މީހުންނެކޭ އެއްފަދައިން ފުރުސަތުތައް ދޭން ޖެހޭ. ކުޅިވަރުގެ ދާއިރާއިންނާއި އެހެނިހެން ދާއިރާ ތަކުންވެސް އެ ކުދިންނަށް ކަންކަން ފަހިކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް. އެކަން އިއްޔެ އެވަނީ ސާބުތި ކޮށްދީފަ." މަސްއޫދު ވިދާޅުވި އެވެ.