އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައިވާ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން 800 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެގްރިމެންޓުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކްގެ ޗީފް ޖެނެރަލް މެނޭޖަރ މރ. ސުދައްތާ މަންޑަލް އެވެ.
ކްރެޑިޓްލައިން އެގްރިމަންޓެއްގެ ގޮތުގައި ދޫކުރަން ނިންމާފައިވާ އެ ލޯނަކީ 1.75ގެ އިންޓްރަސްޓް ރޭޓްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރެވިފައިވާ ލޯނެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެ ލޯނު ދައްކަން ފަށަން ޖެހެނީ ލޯނު ދިނުމަށް ފަހު ފަސް އަހަރުގެ މުއްދަތެއް ހަމަވުމަށް ފަހު ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ދިނުމަށް ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) މިދިއަ މަހުގެ ތެރޭގައި ވަނީ ދީފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 100 މިލިއަން ރުފިޔާއާއި ހަމައަށް ހިލޭ އެހީ ދިނުމަށްވެސް ވަނީ އެއްބަސްވެފަ އެވެ. އެގޮތަށް އެއްބަސްވެފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެއަށް މިހަފްތާ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.