މިސްކިތަށް ހަމަލާ ދިން ވީޑިއޯގެ 1.5 މިލިއަން ކޮޕީ ފޭސްބުކުން ބޭރުކޮށްފި

ފޭސްބުކުން ބުނާ ގޮތުގައި ހަމަލާ ދިން ވީޑިއޯގެ 1.5 މިލިއަން ކޮޕީ ވަނީ ރިމޫވްކޮށްފަ -- ފޮޓޯ: ރޮއިޓާސް

ކްރައިސްޓްޗާޗް (މާޗް 18): މިދިޔަ ހުކުރު ދުވަހު ނިއު ޒިލެންޑުގެ ދެ މިސްކިތަކަށް ހަމަލާ ދިން ވީޑިއޯގެ 1.5 މިލިއަން ކޮޕީ ފޭސްބުކުން ބޭރު ކުރި ކަމަށް އެކުންފުނިން ބުނެފި އެވެ.

ނިއު ޒިލެންޑުގެ ކްރައިސްޓްޗާޗުގެ މިސްކިތްތަކަށް ވަދެ، ބަޑިން ހަމަލާ ދިން މީހާ އެހަމަލާ ފޭސްބުކުން ލައިވް ކުރި އެވެ. އަދި އެކަން ފޭސްބުކަށް އެނގުނީ ނިއު ޒިލެންޑުގެ ފުލުހުން އެކުންފުންޏަށް އެންގުމުންނެވެ.

ފޭސްބުކުން އިއްޔެ ބުނި ގޮތުގައި އެކުންފުނިން ވަނީ 24 ގަޑި އިރު ތެރޭ އެވީޑިއޯގެ 1.5 މިލިއަން ކޮޕީ ފޭސްބުކުން ރިމޫވްކޮށްފަ އެވެ. އޭގެ ތެރެއިން 1.2 މިލިއަން ކޮޕީ އަޕްލޯޑު ކުރުމުގެ ކުރިން ވަނީ ހުއްޓުވާފަ އެވެ. ނަމަވެސް ބާކީ 300،000 ވީޑިއޯ ބެލީ ކިތައް މީހުންކަން އެކުންފުނިން ހާމަ ނުކުރެ އެވެ.

އެހަމަލާގެ ވީޑިއޯތައް ރިމޫވް ކުރުމަށް ޔޫޓިއުބާއި ޓުވިޓާއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން އެ ދެ ކުންފުނިން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.

ނަމަވެސް ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވަނީ ހަމަނުޖެހުމަށް މަގުފަހިވާ އަދި ނަފުރަތު ފެތުރޭ ފަދަ ކޮންޓެންޓް ފެތުރުން ހުއްޓުވުމަށް ސޯޝަލް މީޑިއާ ކުންފުނިތަކުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިސްކިތަށް ދިން ހަމަލާއަށް ފަހު ސޯޝަލް މީޑިއާ ކުންފުނިތަކުން ޒިންމާދާރު ވުމަށް އާޑާން ގޮވާލެއްވި އެވެ.

ކްރައިސްޓްޗާޗްގައި ދިން ހަމަލާތަކުގައި 50 މީހުން މަރުވެ، 48 މީހުންނަށް އަނިޔާވި އެވެ. އެހަމަލާއާ ގުޅިގެން އެކަކުގެ މައްޗަށް ވަނީ މަރުގެ ދައުވާކޮށް، މުއްދަތު ޖަހާފަ އެވެ. އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގެ ފަހެއްގަ އެވެ.

comment ކޮމެންޓް