ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެވޯޑެއް ދެނީ

އެސްއެމްއީ ބޭންކު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އެވޯޑެއް ދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކު، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހަތަރު ދާއިރާއަކުން އެސްއެމްއީ ލޯނު ދޫކުރާނެ ކަމަށެވެ. އެއީ ރަށުފަތުރު، ދަނޑުވެރިކަން، މަސްވެރިކަން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ.

މި ލޯނު ދޫކުރާނީ ކުޑަ އިންޓްރެސްޓެއްގައި ކަމަށާއި، ކުރިއަށް އޮތްތަނުގައި ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓު މިހާރަށްވުރެވެސް ކުޑަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަދަ ފުރުސަތެއް ފަހިކޮށްދޭއިރު މި ފުރުސަތުގެ ބޭނުން ހިފާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައި. ވަކިން ހާއްސަކޮށް ދިވެހި އާ އުފެއްދުންތަކަށް ހިތްވަރުދިނުމުގެ ގޮތުން ކަނޑައެޅިފައިވާ އާ އުސޫލާ އެއްގޮތަށް ކުދި އަދި މެދުފަންތީގެ އެވޯޑެއް ދިނުމަށްވެސް އަޅުގަނޑުމެން ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

މިއަދު އިފްތިތާހުކުރި ފައިނޭންޝަލް އިންސްޓިޓިއުޝަނުން ލޯނު ދޫކުރާނީ ކުޑަ އިންޓްރެސްޓެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލޯނު ދޫކޮށްފައި ނިންމާލުމުގެ ބަދަލުގައި ވިޔަފާރި ޕްރޮޕޯޒަލް ތައްޔާރުކުރުމާއި ވިޔަފާރި ހިންގުމުގައި ފަންނީ ލަފާ ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މި ސަރުކާރުން ރައްޔިތު މީހާ ބާރުވެރިކުރާށޭ ކިޔާފައި ލޯނެއްގެ ނަމުގައި ފައިސާތަކެއް ދީފައި ދޫކޮށްލާނީއެއް ނޫން، މި ސަރުކާރުގައި އިގްތިސޯދީ ގޮތުން ރައްޔިތު މީހާ ދާން ބޭނުންވާ ހިސާބަށް އޭނާގެ އަތުގައި ހިފައިގެން ގެންގޮސްދޭނެ،"

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަކީ ރާއްޖޭގެ އިގްތިސޯދަށް އޮތް ބާރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ފައިނޭންޝަލް އިންސްޓިޓިއުޝަނާއެކު، ރަށު ކައުންސިލުތަކުގައި ތަމްރީނު ލިބިފައިވާ އިކޮނޮމިކް އޮފިސަރުން ބޭތިއްބުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ލާބައަށް ސަރުކާރުން މަސައްކަތްކުރާއިރު އެކަމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ދިވެހި އުފެއްދުންތައް ވިއްކުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއިން ޖާގައެއް ހަމަޖެހިފައިވާ ކަމަށާއި މިއީ ދިވެހި އުފެއްދުންތައް މާކެޓުކޮށް ވިއްކުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ އުފެއްދުންތައް އެއާޕޯޓުގައި ވިއްކުމުގެ މަސައްކަތް ކުރާނީ އިކޮނޮމިކް މިނިސްޓްރީގައި އޮންނަ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުންނެވެ.

comment ކޮމެންޓް