ރާއްޖެ މިއޮތް ހިސާބަށް އައުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ރޯލު ބޮޑު: ފައްޔާޒު

ހަވަލި ފެއާ ފެށުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ

މަދަނީ ޖަމްއިއްޔާތަކަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ބައެއް ކަމަށާއި މިހާރު ރާއްޖެ މިއޮތް ހިސާބަށް އާދެވުމުގައި ވެސް ޖަމްއިއްޔާތަކުގެ ހިއްސާ ބޮޑު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސަތޭކަ އަށް ވުރެ ގިނަ ޖަމްއިއްޔާއާ އެކު ޖަމްއިއްޔާތަކުގެ ފެޔާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މަދަނީ ޖަމްއިއްޔާތަކަކީ ޑިމޮކްރަސީގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

"މަދަނީ މުޖުތަމައަކީ ރައްޔިތުންގެ މަޖިލީހަށް ވުރެ ވެސް، ސަރުކާރަށް ވުރެ ވެސް އަދި ޖުޑިޝަރީއަށް ވުރެ ވެސް މުހިއްމު ތަނެއް. ރައްޔިތުންގެ އިހުސާސްތައް ރައްޔިތުން ބޭނުންވާ ކަންތައް މި ދައުލަތްތެރޭ ހިމަނިގެންދިޔުމަށް ޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

ހަވަލި ފެއާ ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: ހޯމް މިނިސްޓްރީ/ ޓްވިޓާ.

"ކަންތައް ގޯސްވެގެންދާ ހިނދުގައިި ރައްޔިތުންގެ ވިންދާއި ރައްޔިތުން ބޭނުންވާ ގޮތް އެ އަޑު އުފުލުމުގައި އެންމެ ބޮޑު ރޯލެއް ކުރާބަޔަކީ ހަގީގަތުގައި މަދަނީ މުޖުތަމައު، މަދަނީ ޖަމްއިއްޔާތައް،"

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މުޖުތަމައު ތަރައްގީ ކުރުމުގައި ޒަމާނުއްސުރެ ޖަމްއިއްޔާތަކުގެ ރޯލު ބޮޑުކަމަށާއި ނަމަވެސް ރާއްޖެއަށް އައި ބަދަލާ އެކު މަދަނީ ޖަމްއިއްޔާތަކުގެ ރޯލު ކުޑަވެފައިވާ ކަމަށެވެ.

ޑިމޮކްރެޓިކް ވެށި ރާއްޖޭގައި އަށަގެންނެވުމަށް ޓަކައި އެންމެ މުހިއްމު ރޯލު ކުޅޭނެ ބަޔަކީ މަދަނީ މުޖުތަމައު ކަމަށާއި މަދަނީ މުޖުތަމައު ބާރުވެރިކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ މި ފެއާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 100 އަށް ވުރެ ޖަމްއިއްޔާ ޖަމާއަތްތަކުން ބައިވެރިވެފައިވެ އެވެ.

މި ފެއާއަކީ ހޯމް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ޔޫތު އެންޑް ކޮމިޔުނިޓީ މިނިސްޓްރީއާ ގުޅިގެން ބާއްވާ ފެއާއެކެވެ.

comment ކޮމެންޓް