އުމަރު ބައިވެރިވާތީ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވައިފި

އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވައިފި އެވެ.

ފުލުހުން ބުނީ މާލޭ ސިޓީ ކައުންސިލުން އާޓިފިޝަލް ބީޗު ސަރަހައްދު ޕީއެންސީ އަށް މިއަދު ދޫކޮށްފައިވާ ކަމަށާއި އެތަން ދޫކުރީ ފަސް ގަޑިއިރަށް ކަމަށެވެ.

"ނަމަވެސް އާޓިފިޝަލް ބީޗުގައި ހަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރެއްވީ އުމަރު ނަސީރު. ސިޓީ ކައުންސިލުން އެދުނީ އެކަން ބަލައިދީ ހުއްޓުވުމަށް،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

ފުލުހުން ބުނީ މާލޭ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އާޓިފިޝަލް ބީޗު އެވަގުތު ދޫކޮށްފައިވާ ފަރާތްކަމަށްވާ ޕީއެންސީ އަށާއި އުމަރު ނަސީރަށް އެކަންތައް އެންގި ކަމަށެވެ. އަދި އާޓިފިޝަލް ބީޗް ރަސްމީކޮށް ދޫކޮށްފައިވާގޮތާ އެގޮތަށް ތަންފީޒު ކުރުމަށް މާލޭ ސިޓީ ކައުންސިލުގެ އެދުމުގެ މަތިން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އުމަރު ނަސީރު ވިދާޅުވީ އާޓިފިޝަލް ބީޗުގައި ހިންގަން ނިންމި ހަރަކާތް ކުރިއަށް ގެންދަނިކޮށް އެ ހުއްދަ ސިޓީ ކައުންސިލުން ބާތިލް ކުރުމުން އިވެންޓު ކެންސަލް ކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގައި ކޮންމެ މީހަކު ވެސް ކޮންމެ ތަނެއްގައި ވެސް ވާހަކަ ދައްކަނީ ނޫންތޯ؟ ބޭނުން މީހަކު އަރާ ވާހަކަ ދެއްކޭ ގޮތަށް އޮންނަނީ. ފުލުހުން އެންމެ ފުރަތަމަ އެންގީ އަޅުގަނޑު ވާހަކަ ދައްކާ ނަމަ ކުރިއަށް ނުގެންދެވޭނެޔޭ. އޭގެ ފަހުން ސިޓީ ކައުންސިލުން އެންގީ،" އުމަރު ސަން އަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދައްކަން އޮތީ ރާއްޖޭގެ މިނިވަންކަމާ ބެހޭ ވަރަށް މުހިއްމު ވާހަކައެއް، ރާއްޖޭގެ މިނިވަންކަން ގެއްލޭހިސާބަށް ދާތީ އަޅުގަނޑަށް ލިބިފައި ހުރި ހުރިހާ މައުލޫމާތާއި އަޅުގަނޑުގެ ތަޖުރިބާ އާ އިންޑިއާ އިން ކަންކުރާ ގޮތް ދައްކަން އޮތީ،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އުމަރު ނަސީރު ދަރުބާރުގޭގައި ކުރިއަށް ގެންދަން އުޅުނު އިވެންޓު ވެސް ސަރުކާރުން ވަނީ ހުއްޓުވައިފަ އެވެ. އުމަރަށް ދަރުބާރުގޭގެ ހަކުރާ މާލަން ދިނުމަށް ފަހު، ފަހުން ވަނީ އެތަން ކުއްޔަށް ހިފަން ދެއްކި ފައިސާ ވެސް އުމަރާ ހަވާލުކޮށް އެދިފައިވާ ގޮތަށް އެތަން ކުއްޔަށް ދެވެން ނެތްކަމަށް އަންގައިފަ އެވެ.

އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. ހަރަކާތް ހުއްޓުވުމުން އެނގެނީ ސަރުކާރު އިންޑިއާގެ ދަށުވެފައި އޮތް މިންވަރު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ ނަމުގައި 64 އިންޑިއާ ސިފައިން ރާއްޖޭގައި ތިބެ އެވެ. ދެ ހެލިކޮޕްޓަރު އިންޑިއާ އިން ދިނީ އަހަރު ދުވަހުގެ ތެރޭގައި ދިވެހިން ތަމްރީން ކުރުމަށެވެ. ނަމަވެސް އެކަމެއް ނުކުރެ އެވެ. އިންޑިއާ އިން ފުރަތަމަ ހެލިކޮޕްޓަރު ދިނީ 2010 ވަނަ އަހަރު މުހައްމަދު ނަޝީދު ރައީސަކަށް ހުންނަވަނިކޮށެވެ.

comment ކޮމެންޓް