މެންދުރުގެ ކެއުމަށް އިންސާފުކުރަން އަޝްކާންއާއި ކައްޔިސް ތިބީ މާލޭގައި އަލަށް ހުޅުވި ރެސްޓޯރެންޓެއްގައެވެ. ރެސްޓޯރެންޓް ހުންނަނީ މާލޭގެ ހަލަބޮލި މާހައުލާއި ދުރު ހިސާބެއްގައިކަމުން އެއީ ގިނަ ބަޔެއްގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. ހަމައެއެއާއެކު ކެއުމުގެ ފެންވަރު ރަގަޅުވުމުން ވެސް ގިނަ ބަޔަކު އެތަނަށް އާދެއެވެ.

ގަޑީގެ ގޮތުން ގިނަ އޮފީސްތަކުގެ މުވައްޒިފުންތަކުން ރެސްޓޯރެންޓް އޮތީ ފުރާލާފައެވެ. މީހުން ގިނަ އެމާހައުލާ މެދު އަޝްކާން އިނީ ގަޔާނުވެފައެވެ. ވެޓައިޓަރު އައިސް ދިއްކޮށްލި މެނޫގައި ހިފުމުގެ ބަދަލުގައި އޭނަ ހިތްހަމަނުޖެހުމާއެކު ބަލަން އިނީ ކައްޔިސް އަށެވެ. އެކަން ކައްޔިސްއަށް ފާހަގަ ކުރެވުނެވެ.

''ޝާންގެ ކަންތައް އަންހެނަކަށްވުރެން ބޮޑުވާނެ، މިތަނަށް އައީއްސުރެން ތި އިންނަނީ މޫނު ހަދައިގެން...''

އަޝްކާންއަށް ބަލާލަމުން ކައްޔިސް ވާހަކަދެއްކިއެވެ. އަދި ވެއިޓަރު ދިއްކޮށްލި މެނޫގައި ހިފަމުން މޭޒު މަތީ ބޭއްވިއެވެ. އެއަށްފަހު ވެއިޓަރަށް އަތުގެ އިޝާރާތުން ބުނެލީ ކުޑަ ވަގުތުކޮޅަކަށް އެތަނުން ދިއުމަށެވެ.

''މީހުންގެ ގިނަ ތަންތަނަށް އަންނަން އަހަރެން ބޭނުންނުވާކަން ރަގަޅަށް އެނގޭނެ...''

ހަށަން ބަނދެލަމުން އަޝްކާން ވާހަކަދެއްކިއެވެ. މީހުން ގިނަ ތަނަށް ގޮސްފިނަމަ ލިބޭ ސަމާލުކަމާއި ޝައުޤުވެރިކަން ދެކެ ހަޤީޤަތުގައި އަޝްކާން ފޫހިވެއެވެ. މިހާރުވެސް އޭނައަށް ހުއްޓެމުން ދިޔަ ނަޒަރުތަކުން އަޝްކާން އިނީ އުނދަގޫވެފައެވެ.

''ޝާން ސެލެބްރިޓީއަކަށް ވީމަ ވާނީ ތިހެންނޭ... އެކަމަކުވެސް މިތަނުގެ ކެއުމުގެ ރަގަޅު ވާހަކަ އަޑު އިވިފަ އޮތީމަ އަންނަން ބޭނުންވީ...'' ކައްޔިސް ބުނެލިއެވެ.

''އަހަރެން ނުގެނެސް އެކަނި އައިނަމަ ވީހެއްނު!...'' އަޝްކާން ބުނެލިއެވެ.

''އެކަނި އައީމަ ހާދަ ފޫއްސެއް ވާނެޔޭ، މިކަހަލަ ތަނަކަށް އަންނަ އިރުގައި ބައިވެރިޔަކު ގެންނަން ވާނެ ދޯ... މިވަގުތު އަހަރެންގެ ބައިވެރިޔަކު ނެތަސް އެންމެ ގާތް އެކުވެރިޔާ އެބަހުރިތާ، އެހެންވެ ޝާން ގޮވައިގެން އަންނަން ބޭނުންވީ، އެހެންނޫނަސް އަހަންނާއެކު ނައިސް ޝާން ދާން ވަކި ޚާއްސަ ތަނެއް އެބައޮތްތަ؟...''

ކައްޔިސް އޭނަގެ ސަމާލުކަން އަނބުރާލީ މެނޫ އަށެވެ. އަދި ފަހަރަކު ގަނޑެއް ބަލަމުން ދިޔައީ އޭނައަށް އެންމެ ކަމުދާ އެއްޗެއް ޚިޔާރުކުރުމަށެވެ. އެމަންޒަރު ބަލަން އިން އަޝްކާން ކުރިއަށް ޖެހިލައި ކައްޔިސްގެ އަތުން މެނޫ ޖަހައިގަތެވެ.

''އަހަރެން ދާން މިނޫނަސް ވަރަށް ގިނަ ތަންތަން އެބަހުރި!...'' ކައްޔިސްގެ ކުރީގެ ސުވާލާއި ގުޅުވާލަމުން އަޝްކާން ބުނެލިއެވެ. އެއާއެކު ކައްޔިސް ބުމަ އަރުވާލިއެވެ.

''މަށަށް ކުރިންވެސް ހީވިޔޭ ނުބައެއް އުޅޭހެން، އެފަހަރު ކެބިންއިން ނިކުތް މަންޖެއާއި ކޮންމެވެސް ގުޅުމެއް އެބައޮތް، ދޮގު ނަހަދާ ބުނެބަލަ، އެއީތަ ނަގައިގެން އުޅޭ ލޯބިވެރިޔަކީ... އެހެންވެއްޖެއްޔާމު ކޮންގްރޭޓްސް އިނގޭ، އެންމެފަހުން އުމުރުން ތިރީސްވާން ކައިރިވެފައި ވަނިކޮށް ލޯބިވެރިޔަކު ވެސް ނެގީތާ، އުފަލުން ގޮސް ރޮވެން ކައިރިވެއްޖެ، މިދުވަސް އަންނާނެކަމަކަށް ހިޔެއް ވެސް ނުކުރަން ވިއްޔާ، އައިމް ސޯ ހެޕީ ފޯރ ޔޫ.........'' އަޝްކާންއާއި ދިމާކޮށްލަން ކައްޔިސް ބުނެލިއެވެ. އޭރު އޭނަގެ ތުންފަތުގައިވަނީ ސަމާސާގެ ހިނިތުންވުމެކެވެ. ދެލޮލުގައި ވަނީ ލާނެއް ކަމެވެ.

ކައްޔިސްގެ ސަމާސާއާއި މިފަހަރު އަޝްކާން ގަނާނުވިއެވެ. އަބަދުވެސް އަޝްކާންއަކީ ސީރިޔަސް މިޒާޖެއްގެ ޒުވާނެކެވެ. ސަމާސާ ކުރުމާއި ލާނެއް ކަމަކީ އޭނަގެ ހަށީގައި ހިފާފައި ހުންނަ އާދަތަކެއް ނޫނެވެ. އެހެން މީހުން ކުރާ ސަމާސާތަކުގައި އޭނައަށް ބައިވެރި ނުވެވެނީ ވެސް އެސަބަބާ ހުރެއެވެ. އޭނަގެ ސީރިޔަސް މިޒާޖުގެ ސަބަބުން ގިނަ ފަހަރަށް މީހުންނަށް ހީވެފައި އޮތްނަނީ އޭނައަކީ ހަރުކަށި އަދި ރުޅިގަދަ މީހެއްގެ ގޮތުގައެވެ. އެކުށްހީ ރަގަޅުކުރާކަށް ވެސް އަޝްކާން މަސައްކަތްެއް ނުކުރެއެވެ. މީހުންގެ ވިސްނުމަކީ އޭނައަށް ބަދަލުކުރެވޭ އެއްޗެކަށް ނުވާތީއެވެ.

''ބޭކާރު ވާހަކަދައްކާނަމަ އިތުރަށް މިތާގައި އިންނާކަށް އަހަރެން ބޭނުމެއް ނޫން، އައި ހޭވް ވޯކް ޓު ޑޫ!...'' އަޝްކާން އުޅުނީ މޭޒު ދޫކޮށް ދާށެވެ. އޭނަގެ އަޑުން ހިތްހަމަނުޖެހިފައިވާކަން ހާމަވެއެވެ. އެއާއެކު ކައްޔިސް އަވަސްވެގަތީ އަޝްކާން ހުއްޓުވުމަށެވެ. އޭނަ މަޢާފަށް އެދުނެވެ. އަދި އިތުރަށް އެމައުޟޫޢުއަށް ވާހަކަނުދައްކާނެ ކަމަށް ބުނެލިއެވެ. ދެޒުވާނުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކަނޑުވާލަން ކައްޔިސް މަސައްކަތްކުރިއެވެ.

''އަވަހަށް ހިނގާ އޯޑަރު ދޭން، ވަގުތު އެބަ ދޭ، ޝާން ނަގާނީ ކޯޗެއް؟...'' ކައްޔިސް އޭނަގެ އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުން ބުނެލިއެވެ. އެއަށްފަހު މެނޫއަށް އެނެއްކާވެސް ސަމާލުކަން ދިނެވެ. ހައިކަމުގެ އިހުސާސާއެކު ބޮޑާހާކާފައި ވެެސް އަޝްކާން މެނޫ ނަގައި އޭނައަށް ކަމުދާ އެއްޗެއް ފެނޭތޯ ބަލަން ފެށިއެވެ.

އަޝްކާންއަށް ބަލާލި ކައްޔިސް ގާތަށް ނުލަފާ ހިންޏެއް އައެވެ. އަޝްކާންގެ އެހުންނަ މީހުންނާ އެކަހެރި ސިފަ ކަނޑުވާލަން އޭނަ ބޭނުމެވެ. ގިނަ ފަހަރަށް އެދެމެދުގައި ދެބަސްވުން އުފެދެނީ އެސަބަބާ ހުރެއެވެ. ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް ހަމައަކަށް އެޅިގެންދާނެއެވެ. ޒާމަންތަކެއްވީ އެކުވެރިކަމުގެ ސަބަބުން އެދެމެދުގައި އޮތްނަނީ އެކުވެރިކަމަށްވުރެން ބޮޑަށް އަހުވަންތަ ކަމުގެ ގުޅުމެކެވެ.

ދެޒުވާނުންވެސް އޯޑަރު ދިން ކާއެއްޗެހި އައުމާއެކު އަވަހަށް ކެއުމަށް އިންސާފުކުރަން ފެށިއެވެ.

''އެލީ ނުބުނޭތަ އަންނަ މަހުގަ މިކޮޅަށް އަންނަ ވާހަކަ؟...'' ދެޒުވާނުންގެ ދެމެދަށް ވެރިވެފައި އޮތް ހަމަހިމޭންކަމަށް ނިމުން ގެންނަމުން ކައްޔިސް ބުނެލިއެވެ. އެއާއެކު އަޝްކާން އޭނަގެ ހަރަކާތްތަކަށް ހުއްޓުމެއް ގެންނަމުން ކައްޔިސްއަށް ބަލާލިއެވެ.

ކައްޔިސްގެ ސުވާލުން އޭނައަށް ލިބިފައިވަނީ ހައިރާންކަމެވެ. ބުނެދޭން ނޭގޭ ޝުއޫރުތަކެއް ވެސް އެދެލޮލުގައި ވިއެވެ.

''އޯހ ގޯޑް، ޝާންއަށް ސަޕްރައިޒެއް ދޭންކަން ނޭގެ އެލީ އުޅެނީ، އަހަރެންގެ ބޮޑު އަނގަޔާ ހެދި ސަޕްރައިޒް ފަނިކޮށްލެވުނީ ދޯ... ޕްރިޓެންޑް ދެޓް ޔޫ ނޯ ނަތިންގް... އެލީ ގާތު ނުކިޔައްޗޭ، އެހެން ނޫންނަމަ އަހަރެން މަރަންވެސް ފަހެއް ނުޖެހޭނެ... އޯހ ގޯޑް، ވަޓް ހޭވް އައި ޑަން!...''

އަޝްކާންގެ މޫނުގައިވި ޝުޢޫރުތައް ދިރާސާކޮށްލި ކައްޔިސްއަށް ބުނެލެވުނެވެ. އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލަމުން ނުތަނަވަސްކަމާއެކު މޫނުގައި އަތް ހިންގާލެވުނެވެ. އެއަށްފަހު އާދޭސްކުރަން ފެށީ އެދެމެދުގައި ހިއްސާކުރެވުނު ވާހަކަތައް ސިއްރުކޮށްދިނުމަށެވެ.

''އެންމެ ޝަރުތެއްގެ މަތިން ނުބުނާނީ، މީގެފަހުން އަހަންނާއި ސަމާސާކޮށްގެން ނުވާނެ...'' އަޝްކާން ބުނެލިއެވެ.

''ބްލެކްމެއިލް ކުރަނީތަ؟...'' އަޝްކާންއަށް ބަލަން އިދެފައި ކައްޔިސް ދެލޯހަނިކޮށްލިއެވެ. އިރުކޮޅެއް ވަންދެން އެގޮތުގެ މަތީ އިދެފައި އޭނަ އަމާންކަން ދިނެވެ. ''އެލީގެ ރުޅިވެރިކަމާއި ކުރިމަތިލުމަށްވުރެން އެގޮތްވެސް އަހަންނަށް އެންމެ ރަގަޅު...''

''ކޮންމެއަކަށް ވަރަށް ގިނަ ދުވަސްފަހުން އުފާވެރި ޚަބަރެއް ތިދިނީ...'' ޖޫސްތަށިން ކޯވަރެއް ބޯލަމުން އަޝްކާން ބުނެލިއެވެ. އޭނަގެ މޫނުމަތިން އެހެންޏާ ނުފެންނަ އުފާވެރިކަމެއް ފެންނަމުން ދިޔައެވެ. މޫނު ވެސް އުޖާލާވެފައި ވެއެވެ. އެބަދަލުތައް ކައްޔިސްއަށް ފާހަގަ ކުރެވުނެވެ. އޭގެ މާނަ ނަގަންވީ ކިހިނެއްކަން އޭނައަކަށް ނޭގުނެވެ.

*****

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ސުފުރާމަތި ސާފުކުރުމުގައި މަލްސާ ހަރަކާތްތެރިވަމުން ދިޔައެވެ. އޭރު ކާމޭޒު ދޮށުން ގޮނޑިއެއްގައި ޖަމީލާ އިނެވެ. އިރުކޮޅެއް ވަންދެން މަލްސާއަށް ބަލަން އިނދެފައި އޭނަ ވާހަކަދައްކަން ފެށިއެވެ.

''ކަލޭ މިއަދު ހެނދުނު ދިޔައީ ކޮންތާކަށް؟...''

ޖަމީލާ ތުންފަތް އަރިއަކަށް ދަމާލަމުން ސުވާލުކުރިއެވެ. މަލްސާ މާވަރަކަށް ނަލަހެދިގެން އަދި ފައިލެއް ހިފައިގެން ބޭރަށް ދިއުމުން އޭނަގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް ހެނދުނު ގަޑީގައި އައިސްފައި ހުރި ރުޅީގެ ސަބަބުން އޭނައަށް ރަގަޅަށް ސުވާލެއް ނުކުރެވުނެވެ. އެއަށްވުރެން ބޮޑަށް ހިތުގައި އޮތް ރުޅީގެ ހަސްކާ ބޭރުކޮށްލެވުނީއެވެ. މިހާރު ރުޅިގަނޑު ފިނިވެފައިވުމުން އިތުރަށް ކަމުގެ ހަޤީޤަތް ހޯދަން އޭނަ ބޭނުންވިއެވެ. މަލްސާ އަޅާ ކޮންމެ ފިޔަވަޅެއްގެ ހިލަންވާން އޭނަ ބޭނުމެވެ.

''އޭއިި!، ކަލެއާ މަ ސުވާލު މިކުރަނީ، ލަދުހަޔާތެއް ނެތިގެން އެބަ އުޅެއެއްނު، ތިމާއަށް ވުރެން ބޮޑެތި މީހުން ކުރާ ސުވާލުތަކަށް ޖަވާބުދޭން ކަލެއަށް ދަސްކޮށްދީފައި ނެތީތަ؟...''

މޫނަށް ގޮތެއް ހަދާލަމުން ޖަމީލާ ހަށަން ބަނދެލިއެވެ. އަދި ބުމަގޮށްޖަހާލަމުން ނުރުހުމާއެކު ސިންކު ކައިރީގައި ހުރި މަލްސާއަށް ބަލާލިއެވެ.

''ދަސްކޮށްދީފައި ހުރީ، އެކަމަކު މިވަގުތު އެ ސުވާލަށް ޖަވާބުދެވޭކަށް ނެތް... ވަގުތު ޖެހުމުން ބުނާނަން...''

ފަސްއެނބުރިލަމުން ޖަމީލާއަށް ބަލާލި މަލްސާ ބުނެލިއެވެ. އެޖަވާބުން ޖަމީލާގެ މޫނު ވަކިން ބޮޑަށް ބަނަވިއެވެ. ރައްދުގައި އެއްޗެއް ބުނަން އުޅުނު ވަގުތު އޭނަގެ ފޯނު ރިންގްވާން ފެށުމުން އަވަސްވެގަތީ ފޯނަށް ޖަވާބު ދިނުމަށެވެ.

ޖަމީލާ އޭނަގެ ފޯނަށް ޖަވާބު ދިނުމަށް ގޮސް ނިކުތީ ބެލްކަނިއަށެވެ. އަދި ބެލްކަނީގެ ދޮރު ލައްޕާލަމުން ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ.

''ވަރަށް ދެރަ ގޮތެއް ދިމާވެގެން މިއުޅެނީ، ހުސޭނު ގާތު މަލްސާ ދޮގު ވާހަކަތައް ދައްކައިގެން ހުސޭނު ހުރީ ވަރަށް ބޮޑަށް ޝުއައިބު ދެކެ ހިތްހަމަނުޖެހފައި، މަށާ ދިމާއަށް މިހާރު ބުނެފި ޝުއައިބު މިގެއަށް ނުވައްދާށޭ ވެސް، މަލްސާ އިންނާނީ އޭނަ ބޭނުން މީހަކާއާ ވެސް ބުނެފި، ދެން ކިހިނެއްތަ އަހަރެން ހަދާނީ؟... ޝުއައިބު ކަހަލަ ހެޔޮލަފާ ރަގަޅު ފިރއަކު އޭނައަކަށް ނުވެސް ލިބޭނެ، އެކަމަކު އޭނަގެ ބޯހަރުކަމުން އެއްބަސްވާކަށް ބޭނުމެއް ނުވޭ، އަޅެ ޝުއައިބު ބުނެބަލަ އަހަރެން ހަދާން ވީ ގޮތެއް، ހުސޭނު ނުރުހޭނަމަ ތިކައިވެންޏެއް ނުކުރެވޭނެ...''

އުދާސީ ނޭވާއެއް ދޫކޮށްލަމުން ޖަމީލާ ބުނެލިއެވެ. ޝުއައިބު އަތުން ލިބެން އޮތް ލާރިގަނޑު ލިބޭނެ ގޮތެއް އަދިވެސް އޮތްތޯ ބަލަން ޖަމީލާ ހުރީ ނުހަނު ބޭނުން ވެފައެވެ. އެފައިސާ އަތުން ބީވެދާނެ ކަމުގެ ބިރަށްޓަކައި އޭނައަށް ލޮލުފިޔަ ވެސް ޖަހާނުލެވެއެވެ.

''ކައިވެނި ނުކުރެވުނަސް ވަރިހަމަ އަހަރެން މިއެދޭ ކަންތައް ވަނިކޮށް...''

ޝުއައިބު އޭނަގެ ދެވަނަ ހުށަހެޅުން ޖަމީލާ ގާތު ހާމަކުރިއެވެ. އެއާއެކު އިރުކޮޅަކަށް ޖަމީލާ ހުއްޓުން އެރިއެވެ. ޝުއައިބުގެ ވާހަކަތައް ސިކުނޑިއަށް ނަގައިގަންނަން އިރުކޮޅެއް ވަންދެން ހިމޭނުން ހުރެވުނެވެ.

''މިކަން ވާން އޮތީ ޖަމީލާގެ އެހީއާއެކު، އެކަންތައް އަހަންނަށް ކޮށްދީފިނަމަ ބޭނުންވާ އަދަދަކަށް ފައިސާ ދޭނަން، ކުރަން ވީހާވެސް ކަމަކީ އަހަންނަށް ފުރުސަތެއް ފަހިކޮށްދޭންވީ، އެހެންނޫނަސް އޭނަދެކެ ޖަމީލާ ރުޅި އާދެއެއްނު، ބަދަލު ހިފަންވެސް މިއީ ރަގަޅު ފުރުސަތެއް، އަނެއްކޮޅުން ބޭނުން އަދަދަކަށް ފައިސާ އެބަލިބޭ، ކުރުގޮތަށް ބުނާނަމަ އެއްގަލުން ޖަހައި ދެ ދޫނި މަރާލެވޭނެ، ޖަމީލާ ވިސްނާކަށް ވެސް ނުޖެހޭނެހެން އަހަންނަށް ހީވަނީ، ފަހުން އަރަހެން ގުޅާނަން އިތުރު ތަފުސީލު ދޭން، އެކަމަށް ޖަމީލާ ބުނަނީ ކީކޭ؟...'' ޝުއައިބު ބުނެލިއެވެ.

''ރަގަޅަށް ތިބުނީ، ޝުއައިބު ބުނާ ގޮތަށް އަހަރެން ހަދާނަން...''

ޖަމީލާ އެއްބަސް ވިއެވެ. ފައިސާއަށް ކާފައި ހުރި ބޫތުގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކާ މެދު ވިސްނާލާކަށް ޖަމީލާ ބޭނުމެއް ނުވިއެވެ. ހަމައެއާއެކު މަލްސާ ބޭޒާރުކޮށް ބަދުނާމުކޮށްލަން އެވަރުގެ ރަގަޅު ފުރުސަތެއް އޭނައަކަށް ނުލިބޭނެއެވެ. ދަހިވެތިކަމާއި ނަފުރަތުގެ ސަބަބުން ޖަމީލާގެ ސިކުނޑި ވަނީ ޝައިތާނީ ވަސްވާހުގެ ސަބަބުން ފަސާދަވެފައެވެ. އިތުރު ވިސްނުމަކާއި ނުލާ ޝުއައިބުގެ ނުބައި ރޭވުމުގައި އޭނަ ބައިވެރިވީ އެހެންވެއެވެ. އޭނަގެ އުފަލަށް މަލްސާގެ އަބުރު ޤުރުބާންކުރަން އެއްބަސްވީ އެއްވެސް ޖެހިލުމަކާ ނުލައެވެ.

ފޯނުކޯލް ނިންމާލިއިރު ޖަމީލާގެ ތުންފަތުގައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އިރުކޮޅެއް ވަންދެން ވިސްނަން ހުރެވުނީ ޝުއައިބުގެ ރޭވުން ކާމިޔާބުކުރާނެ ގޮތަކަމާ މެދުގައެވެ. މަލްސާ ރަގަޅަށް މަޅީގައި ޖައްސަން އޭނަ ހުރީ ފޫގަޅައިގެންނެވެ. މިފަހަރު މަލްސާގެ ފަރާތުން އޭނަ ރަގަޅަށް ވެސް ބަދަލުހިފާނެއެވެ. އަމިއްލަ ނަފުސާއި ސައްލާކުރަން ހުރެފައި އޭނަ ބޮޑުކޮޓަރިއަށް ނިކުތެވެ. އޭރު ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށްފަހު މަލްސާ ކޮޓަރިއަށް ވަންނަނީއެވެ.

''މާދަމާ ހެނދުނު ހޭލާނެ ކަމެއް ނެތް ނާސްތާ ތައްޔާރުކުރަން، އަހަރެން އެކަން ކޮށްފާނަން، ތަށިތައް ނަގާ މޭޒުމަތި ތަރުތީބުކޮށްލަދިނީތީ ޝުކުރިއްޔާ...'' ހިތްހެޔޮކަމާއެކު ޖަމީލާ ބުނެލިއެވެ.

ޖަމީލާގެ އަޑަށް މަލްސާއަށް ހުއްޓެވުނެވެ. ކަންފަތަށް އިވުނު ބަސްތައް ޤަބޫލުކުރަން އޭނައަށް އިންތިހާއަށް ދަތި ވިއެވެ. ހުރެވުނީ ހައިރާންވެ އަންތަރީސް އަރާފައެވެ. ޖަމީލާގެ ދުލުން ހެޔޮ ބަހެއް ލިބުނު އެއީ ފުރަތަމަ ފަހަރެވެ. ޖަމީލާއަށް ކިހިނެއްވީބާއޭ މަލްސާއަށް އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ.

''ދެން ދޭ އަވަހަށް ނިދަން... ހެނދުނު ހޭލި ގޮތަށް އަރާމުކޮށްލުމެއް ވެސް ނެތިއެއްނު ތިއުޅެނީ...''

ޖަމީލާ ހިނިތުންވެލިއެވެ. މަލްސާއަށް އޭނަގެ ލޮލަށް ފެންނަ މަންޒަރާއި، ކަންފަތަށް އިވެމުން ދިޔަ އަޑުތައް ޤަބޫލެއް ނުކުރެވުނެވެ. ލިބިފައިވި ހައިރާންކަން އޭނަގެ މޫނުމަތިން ރަގަޅަށް ފެނެއެވެ.

މަލްސާ ކޮޓަރިއަށް ވަނީ ޖަމީލާއަށް އައި ކުއްލި ބަދަލުތަކާ މެދު ފިކުރުހިންގަމުންނެވެ. އެބަދަލާ މެދު ވިސްނަންވީ ކިހިނެއްކަން އޭނައަކަށް ނޭގުނެވެ. އެއީ ޖަމީލާއާއި ނުބައްދަލު ސިފަތަކަށްވާތީއެވެ. އުފާވާންވީ ކަމެއް ނުވަތަ ކަންބޮޑު ވާންވީ ކަމެއް މަލްސާއަކަށް ނޭގުނެވެ.

(ނުނިމޭ...)

http://sun.mv/116517

comment ކޮމެންޓް