ސަރުކާރު ބަދުނާމު ކުރުމަށް އެފްއޭއެމްއިން މަސައްކަތެއް ނުކުރަން: ބައްސާމް

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން އެ އިދާރާގެ ރައީސް ބައްސާމް އަބްދުލް ޖަލީލް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު، އެފްއޭއެމް އިން ސަރުކާރު ބަދުނާމު ކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެއްވުމުން އެކަމަށް ރައްދު ދެއްވަމުން އެފަދަ ކަމެއް އެފްއޭއެމްއިން ނުކުރާ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ދާދި ފަހަކުން ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެފްއޭއެމްއިން ހަބަރުތައް ފަތުރަނީ ސަރުކާރު ބަދުނާމު ވާނެ ފަދަ ގޮތަކަށް ކަމަށާއި މައްސަލަ ޖެހިފައި އޮތީ އެފްއޭއެމްއާއި ރާއްޖޭގެ ކުލަބުތަކުގެ މެދުގައި ކަމަށެވެ. ސަރުކާރުން އެކަމަށް އެއްވެސް ނުފޫޒެއް ނުފޯރުވި ނަމަވެސް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ

ނަމަވެސް އެފްއޭއެމް އިން އޭގެ ފަހުން ބޭއްވި ޕްރެސް އެއްގައި އެ އިދާރާގެ ރައީސް ބައްސާމު ވިދާޅުވީ ކުލަބުތަކާއި އެފްއޭއެމްގެ މެނޭޖްމެންޓާ ދެމެދު އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަމަށެވެ. އަދި އެކަމުގެ ހެއްކަކީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވުމަށް ޝަރުތު ހަމަވާ ވަރަށް ކުލަބުތަކުގެ އަގުލަބިއްޔަތެެއް ނުލިބުން ކަމަށް ވެސް ބައްސާމް ވަނީ ބުނެފައެވެ.

އަދި އެފްއޭއެމްއިން އެއް އިރަކުވެސް ސަރުކާރު ބަދުނާމު ކޮށްފައި ވާހަކަ ދައްކާފައި ނޯންނާނެ ކަމަށާއި އެ އިދާރާއިން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

އަލީ ވަހީދު ދެއްވި ޕްރެސްގައި އޭނާ ވިދާޅުވީ ސަރުކާރުން އެފްއޭއެމްއަށް ދޭން ބުނި ފައިސާ ދޭނެ ކަމުގެ ޔަގީންކަން ނެތުމުން އެ އިދާރާއިން އަމިއްލައަށް ފައިސާ ދޭނެ ކަމަށް އިއުލާން ކުރުމުން އެނގިގެން ދަނީ އެފްއޭއެމް އިން ސަރުކާރު ބަދުނާމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމެވެ.

"ދިވެހި ސަރުކާރަކުން ނޯންނާނެ ކުރިން ކްލަބްތަކަށް ލިބެމުންދިޔަ އެއްވެސް އެއްޗެއް އުނިކުރިކަމަކަށް އިއުލާނުކޮށްފައެއް. މިނިސްޓަރު މަހުލޫފު ވެސް އަޅުގަނޑު ވެސް ކްލަބްތަކަށް ދެރަކޮށް އިހާނެތިކޮށް ހިތާނެ ކަމަށް ނުބުނަން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެހެން ގޮތްގޮތުން ވެސް ކްލަބްތަކަށް ފައިސާ ލިބޭނެ ގޮތްތައް ހޯދަން. އިންޑަސްޓްރީތައް މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

އެވާހަކަ ތަކަށް ރައްދު ދެއްވަމުން ބައްސާމް ވިދާޅުވީ ސަރުކާރުން ބުނި ބުނުމަށް އިތުބާރު ކުރާ ކަމަށާއި އެ ފައިސާ ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދު ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނެރޭ ބަޔާނެއްވެސް، ދެއްވާ ޕްރެސްއެއްގައި ވެސް ނޯންނާނެ ސަރުކާރު ބަދުނާމު ކުރަން އެއްވެސް ވާހަކައެއް ދައްކާފަ. އެފްއޭއެމް އިން މިހާރުވެސް މިތިބީ މިހާރުގެ ސަރުކާރާއި އެކު މަސައްކަތް ކުރުމަށް ތައްޔާރަށް،"

"މިދިޔަ ޖަނަވަރީ މަހު އަޅުގަނޑާއި ރައީސްއާ ބައްދަލު ކުރި ބައްދަލުވުމަކީ އަޅުގަނޑުމެނަށް ވަރަށް ބޮޑު އިތުބާރެއް ލިބިގެންދިޔަ އުފާވެރި ބައްދަލުވުމެއް. އެ ބައްދަލުވުމުގައި އަޅުގަނޑުމެން އެދުނިން ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމަށް، އަދި ފުޓުބޯޅައިގެ ކަންކަން ކުރިއެރުވުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ރައީސް ވެސް ވިދާޅުވި."

އެފްއޭއެމްއާއި ކުޅިވަރުގެ ވަޒީރާއި ބަހުގެ ހަމަލާތަކެއް މީގެ ކުރިން ދިން ނަމަވެސް ފީފާއިން އެންގި އެންގުމަކާ އެކު ސަރުކާރުގެ އެއްވެސް ނުފޫޒެއް އެފްއޭއެމްއަށް ނުފޯރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވަނީ އަންގަވައިފަ އެވެ.

comment ކޮމެންޓް