ދިވެހި ފުރަތަމަ ސިޓްކޮމް "ކަރު ހަކުރު" ދައްކަން ފަށައިފި

ކަރު ހަކުރުގެ މައިގަނޑު ތަރިން---

މުޅި ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށްވެސް އަންނަ ސަޅި ކަމެކެވެ. ބޮޑު އިންގިލާބެކެވެ. "ބައިސްކޯފު" އެޕްލިކޭޝަން ތައާރަފްކުރި އިރު އެ ޓީމުން ބުނީ އެއީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ގެންނާނެ ވަރުގަދަ އިންގިލާބެއް ކަމަށެވެ.

އެ ތަފާތު އެ ޓީމުން އަންނަނީ ދައްކަމުންނެވެ. ޒުވާނުންގެ އިތުރުން މެދު އުމުރުގެ މީހުންގެ މެދުގައި ވެސް "ސިޓްކޮމް" އަކީ އާންމު އެއްޗެކެވެ. "ކަރު ހަކުރު"ގެ ނަމުން އެ ސިޓްކޮމްއަށް ނަން ދިން އިރު ސޯޝަލް މީޑިއާގައި އޭގެ ޕޯސްޓަރުތައް ވެސް ފެނިގެން ވަނީ ގޮއްސައެވެ.

ސިޓްކޮމް އަކީ ކޮމެޑީ ޝޯއެކެވެ. "ކަރު ހަކުރު"ގެ ފުރަތަމަ ޝޯ މިހާރު ވަނީ ދައްކާފައެވެ. ބައިސްކޯފް އާއި އޯކޭޒުން ގުޅިގެން ތައްޔާރުކުރާ އެ ޝޯގެ ފުރަތަމަ އެޕިސޯޑަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ގައިމެވެ.

"ކަރު ހަކުރު" ޕްރިމިއާކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޝޯ ޕްރިމިއާކޮށްދެއްވީ މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ މުސްތަފާ ހުސައިނެވެ.

އެ ޝޯގެ ލީޑު ކާސްޓުންނަކީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް، އަލީ އާޒިމް (ދޮން އައްޔަ)، ރައުފަތު ސޯދިގު، އައިޝަތު އަލީ އަދި ހުސެން ނާޒިމް އެވެ.

ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 21:00ގައި ގެނެސްދޭ އެ ޝޯގެ ދިގު މިނަކީ 20 މިނެޓެވެ.

ބައިސްކޯފް އެޕުން އެންމެ ކުރީގެ ފިލްމުތަކުން ފެށިގެން ފަހުގެ ފިލްމުތައް ބަލާލެވޭނެއެވެ. އަދި ކުރީގެ ލަވަތަކުން ފެށިގެން މިހާރުގެ ލަވަތައް އަޑުއިވޭނެއެވެ. ލަވަ އަލްބަމްތައް ވެސް ހިމެނެއެވެ.

އެ އެޕުން ދިވެހި ލަވަތަކުން ފެށިގެން ގޮސް ޓީވީ ޗެނަލްތައް ވެސް ލައިވްކޮށް ބަލާލެވޭނެ އެވެ. ކުރީގެ ދިވެހި ފިލްމުތަކާއި މަދަހަ، ރާއްޖޭގައި އުފައްދާފައިވާ ލަވަ އަލްބަމްތައް، އަދި ޓީވީ ޝޯތައް އެ އެޕް މެދުވެރިކޮށް ބަލާލެވޭނެ އިރު "ބައިސްކޯފު" ވާނީ ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ވެސް ބޭނުންކުރެވޭނެ އެޕަކަށެވެ.

ބައިސްކޯފުން މިހާރު ދައްކަމުން އަންނަ އެންމެ މަގްބޫލް އެއްޗަކީ ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"އެވެ.

comment ކޮމެންޓް