ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިއުޕޯޓު ވިއު ހުސްކުރަން އެންގި މައްސަލައާއި ރިންގްރޯޑު ހެދުމަށްޓަކައި، ބްރިޖު ވިއުއިންގް ޕްލެޓްފޯމް ގައި ކުރިން ހިންގި ޗާޓައިމް ތަޅާލި މައްސަލައިގައި ދައުވާކުރަން ސްޓްރާޑާއިން ނިންމައިފިއެވެ.
ލޮނުޒިޔާރާތްކޮޅު ތަރައްގީ ކުރުމަށް، ބްރިޖު ޕްލެޓްފޯމާއެކު އެ ސަރަހައްދުގައި ހިންގަމުންދާ ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގާ ބިން ހުސްކުރުމަށް މި ހަފްތާގެ ތެރޭގައި ޕްލޭނިން މިނިސްޓްރީން ވަނީ ސްޓްރާޑާއަށް 30 ދުވަހުގެ މުހުލަތެއް ދީފައެވެ.
އެކަމާ ގުޅިގެން ބަދަލު ހޯދުމަށް އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ސްޓްރާޑާގެ އިސް އޮފިޝަލަކު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ، އެ މައްސަލައިގައި ދައުވާކުރަން ނިންމައި އެކަން ލޯ ފާމަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނިއުޕޯޓު ހިންގާ ސަރަހައްދު ސްޓްރާޑާއަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ދާދި ފަހުން ޒާހިދު ވަނީ އެ މަގާމުން ވަކިވެފައެވެ. މިހާރު ސްޓްރާޑާގެ މެނޭޖިންގް ޑިރެކްޓަރަކީ އޭނާގެ އަނބިކަނބަލުން މަލަކާ އަބްދުލްއަޒީޒެވެ.
އޭގެ އިތުރުން، ރިންގްރޯޑު ހެދުމަށް ސްޓްރާޑާއިން ބްރިޖް ޕްލެޓްފޯމް ސަރަހައްދުގައި ހިންގި ޗާޓައިމް ތަޅާލުމުގެ ބަދަލު އެ ކުންފުންޏަށް ދައުލަތުން ދީފައި ނުވާ މައްސަލައިގައިވެސް ކޯޓަށް ދާން ނިންމާފައިވާކަން އޭނާ ހާމަކުރެއްވި އެވެ.
ޗާޓައިމް ތަޅާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް ދޭން އުޅުނީ 14.4 މިލިއަން ރުފިޔާއެވެ. ނަމަވެސް، އެ ފައިސާ ނުދީ މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންގުމާ ގުޅިގެން އަދިވެސް އެ ފައިސާ އެ ކުންފުންޏަށް ދީފައި ނުވެއެވެ.
ރިންގްރޯޑު ހެދުމަށް ޗާޓައިމް ތަޅާލުމާއެކު މިހާރު އެތަން ބަދަލުކޮށްފައި ވަނީ މާފަންނުގައި ހުންނަ ފުޑްކޯޓަށެވެ.