އެފްއޭއެމްއާއި ކުލަބުތަކާ ދެމެދު އެއްވެސް މައްސަލައެއް ނެތް: ބައްސާމު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ރާއްޖޭގެ ފުޓުބޯޅަ ކުލަބުތަކާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ދެ ފަރާތުގެ ގުޅުން ރަނގަޅު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމަށް ބުނެ ވިކްޓަރީ ސްޕޯޓްސްގެ އިސްނެގުމުގެ މަތިން 15 ކުލަބުގެ ސޮޔާ އެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވުމަށް މިދިޔަ މަހު އެފްއޭއެމްއަށް ވަނީ ސިޓީއެއް ލައިފަ އެވެ. ނަމަވެސް މި ހުށަހެޅުމުގައި ސޮއި ކުރި ބައެއް ކުލަބުތަކަކީ އެފްއޭއެމްގެ ރަޖިސްޓްރީކޮށްފައި ނެތް ކުލަބުތަކެއް ކަމަށާއި އޭގެތެރެއިން އެއް ކުލަބަކީ ސަސްޕެންޑް ކޮށްފައިވާ ކުލަބެއް ކަމަށް ބުނެ އެފްއޭއެމް އިން ވަނީ އެ ކޮންގްރެސް ބޭއްވެން ނެތް ކަމަށް އަންގާފަ އެވެ.

ނަމަވެސް އެފްއޭއެމްގެ އެ ނިންމުން ބަލައި ނުގަނެ އެ ކުލަބުތަކުން އަމިއްލައަށް އެ ކޮންގްރެސް ބާއްވާނެ ކަން ވަނީ އިއުލާން ކޮށްފައެވެ. އެފްއޭއެމް އިން އެންގީ އެ މައްސަލަ ބެލުމަށް ފީފާއާއި އޭއެފްސީގެ ވަފުދެއް އައިސް ގޮތެއް ކަނޑައަޅާނެ ކަމަށެވެ.

އެގޮތުން ފީފާ އަދި އޭއެފްސީގެ އިސްފަރާތްތަކެއް މާލެ އައިސް އިއްޔެ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަން، ދެވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވޝަނުގެ ކުލަބު ތަކާއި ބައްދަލު ކޮށްފަ އެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ފީފާއިން އެންގީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ޝަރުތު ހަމަނުވާ ކަމަށެވެ.

އިއްޔެ އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން އެ އިދާރައިގެ ރައީސް ބައްސާމް ވިދާޅުވީ އެފްއޭއެމް އާއި ކުލަބުތަކާއި ދެމެދު ގުޅުން ރަނގަޅު ކަމަށެވެ.

"އަޅުގަނޑާއި ކުލަބު ތަކާއި މެދު އެއްވެސް މައްސަލަ އެއް ނެތް، އެފްއޭއެމްގެ މެނޭގްމެންޓާއި ކުލަބު ތަކާއި މެދު ވެސް މައްސަލައެއް ނެތް. ކުދިކުދި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް އަބަދުވެސް ހުންނާނެ. އެކަން އަޅުގަނޑު ވެސް ގަބޫލު ކުރަން. އެފްއޭއެމްގެ ތެރޭގައި ވެސް އެފަދަ ކުދި ކުދި މައްސަލަތައް އެބަހުރި،" ބައްސާމް ވިދާޅުވި އެވެ.

އަދި އެކަންކަން ހައްލު ކުރަން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުލަބު ތަކާއި ދެމެދު މަޝްވަރާ ކޮށްގެން ކުރިއަށް ދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން އިއްޔެ ފީފާއާއި ކުލަބު ތަކާއި ދެމެދު ބައްދަލުކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވޭ ވަރަށް އަގުލަބިއްޔަތު ހަމަ ނުވުމަކީ އެފްއޭއެމްއާއި ކުލަބުތަކާއި ދެމެދު މައްސަލައެއް ނެތް ކަމުގެ ހެއްކެއް ކަން ބައްސާމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

comment ކޮމެންޓް