ރައީސް ސޯލިހުގެ ސަރުކާރަށް އެއްބާރުލެއްވުމާއި ތާއީދު އަބަދުވެސް އޮންނާނެ: މައުމޫން

ރައީސް ސޯލިހު(ކ) އާއި ރައީސް މައުމޫން ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައި ސަރުކާރު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ކަން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ރައީސް މައުމޫންގެ ތާއީދު މި ސަރުކާރަށާއި ރައީސް ސޯލިހުއަށް އޮތް ކަން އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މައުމޫނުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުވެސް ރައީސް ސޯލިހަށް އޮންނާނެ ކަމުގައި މައުމޫން ވިދާޅުވިއެވެ. އަދި ރައީސް މައުމޫން ވަނީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވައި ކޯލިޝަނާ އެކީ ދެމިހުންނަވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިޙުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވެވިއެވެ.

ރައީސް ސޯލިހު އާއި މައުމޫން ބައްދަލު ކުރައްވާފައި މިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމް ކޯލިޝަނާއި ގުޅިގެން މަޖިލިސް އިންތިހާބްގައި ވާދަކުރުމަށް ނިންމާފައި ވަނިކޮށެވެ. ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން މަޖިލީހުގެ 86 ދާއިރާއަށް ވާދަކުރުމަށް ނިންމުމުން، އެހެން ޕާޓީތަކުން ވަނީ އެކަމާ ހިތްހަމަ ނުޖެހިފަ އެވެ.

comment ކޮމެންޓް