ޖަގަހައަށް ހަމަލާ ދިނީ އަންހެނުންގެ ބާރުވެރިކުރުވުމަށް ހުރަސް އެޅުމަށް: އިރުތިޝާމް

އިރުތިޝާމްގެ ކެމްޕެއިން ޖަގަހަ: އެ ޖަހައިގެ ބިއްލޫރުގަނޑު ބަޔަކު ވަނީ ތަޅާލައިފައި --

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރައަށް ވާދަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ކެމްޕޭން ޖަގަހައަށް މިއަދު ބަޔަކު ދިން ހަމަލާއަކީ އަންހެނުން ބާރުވެރިކުރުވުމަށް ހުރަސް އެޅުމުގެ ގޮތުން ދިން ހަމަލާއެއްގެ ގޮތުގައި އޭނާ ސިފަކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުގެ އިތުރުން ހެލްތު މިނިސްޓަރުކަންވެސް ކުރެއްވި އިރުތިޝާމްގެ ކެމްޕޭން ޖަގަހަ ހުންނަނީ ހެންވޭރު ޖަނަވަރީ ހިނގުމުގައެވެ.

އިރުތިޝާމްގެ ކެމްޕޭން ޓީމުގެ އޮފިޝަލަކު މިއަދު "ސަން"އަށް ބުނީ، މެޕްޭން ޓީމުން ދިޔައީ ރޭ މެންދަރު 2:00 ވީ އިރުވެސް ޖަގަހައިގައި މަސައްކަތް ކުރަމުން ކަމަށާއި، އޭރުވެސް ހަމަލާއެއް އެތަނަށް ނާންނަ ކަމަށެވެ. އަދި ޖަގަހައަށް ހަމަލާދީ ބިއްލޫރިގަނޑު ތަޅާލިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ކަމަށް ކަމަށެވެ.

އިރުތިޝާމްގެ ކެމްޕެއިން ޖަގަހައިގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލައިފައި --

އިރުތިޝާމްގެ ޓީމުގެ އޮފިޝަލު ބުނީ ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލީ ޕޭވްމަންޓު ގަލަކުން ކަމަށާއި، ޖަގަހައިގެ ބޭރުގައި ހުރި ބޮޑު ޕޯސްޓަރު ކަފާލާފައިވާ ކަމަށެވެ.

"އިރުތިޝާމް މި އަމަލު ސިފަ ކުރައްވަނީ، އިރުތިޝާމްއަކީ އަންހެން ކަނބަލަކަށް ވެފައި، އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުވުމަށް ހިންގި އަމަލެއްގެ ގޮތުގައި. އަދި މި އަމަލަކީ ސުލްހަވެރި ސިޔާސީ ވާދަވެރި ހަރާކާތް ހިންގުމަށް ގޮންޖެހުމެއް،" އިރުތިޝާމްގެ ޓީމުގެ އޮފިޝަލު ބުންޏެވެ.

ކެމްޕެއިން ޖަގަހަ ތަޅާފައިވަނީ ޕޭމަންޓް ގަލަކުން ކަމަށް ކެމްޕެއިން ޓީމުން ބުނޭ --

އެ މައްސަލަ މިހާރު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މީގެ ކުރިންވެސް އެ ޖަގަހަ ކައިރީގައި ހުންނަ ޕޯސްޓަރުތައް ވީދުން ފަދަ ކަންކަންވެސް ހިނގާފައިވާކަން އޭނާ ފާހަގަކުރިއެވެ.

އިރުތިޝާމްގެ ޖަގަހައަށް ބަޔަކު ހަމަލާ ދިނުމުން، އިރުތިޝާމް ނިސްބަތްވާ ޖުމްހޫރީ ޕާޓީން ވަނީ ކުށްވެރިކޮށްފައެވެ.

އިރުތިޝާމްގެ ކެމްޕެއިން ޖަގަހައަށް ބަޔަކު ހަމަލާ ދީފައިވާ އިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރާ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމްގެ ޖަގަހައިގެ ބިއްލޫރިގަނޑު ވެސް ވަނީ ދެ ފަހަރެއްގެ މަތިން ތަޅާލައިފައެވެ.

comment ކޮމެންޓް