ބެއިޖިން (މާޗް 11): ޗައިނާގެ އެއާލައިންތަކުން ބޯއިން 737 މެކްސް 8 މަރުކާގެ މަތިންދާބޯޓު ބޭނުން ކުރުން ހުއްޓާލަން އެގައުމުގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އަންގައިފި އެވެ.
ޗައިނާއިން އެފަދައިން އެންގީ އިތިއޯޕިއަން އެއާލައިންސްގެ ބޯއިން 737 މެކްސް 8 މަރުކާގެ ބޯޓެއް އިއްޔެ ވެއްޓި، އޭގައި ތިބި އެންމެން މަރުވި ފަހުންނެވެ. އަދި މީގެ ފަސް މަސް ކުރިން އިންޑޮނޭޝިއާގެ ލަޔަން އެއާއިން ބޭނުން ކުރަމުން ދިޔަ އެމަރުކާގެ ބޯޓެއް ވެއްޓި، އޭގައި ތިބި ހުރިހާ ފަސިންޖަރުންނާއި ކުރޫއިންވެސް މަރުވި ފަހުންނެވެ.
ޗައިނާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އެ ދެ ހާދިސާގައި އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ބުނެފަ އެވެ.
"އެ ދެ ހާދިސާގައި ވެއްޓިފައި ވަނީ އަލަށް ބޭނުން ކުރަން ފެށި ބޯއިން 737 މެކްސް 8 ބޯޓުތައް ކަމުންނާއި ދެ ހާދިސާ ހިނގީ ބޯޓު ނައްޓާލިތާ މާ ގިނަ އިރުތަކެއް ނުވަނީސް ކަމުން، ދެ ހާދިސާގައި އެއްގޮތް ކަންތައްތަކެއް އެބަހުރި،" ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.
ޗައިނާއިން ވަނީ އެމަރުކާގެ ބޯޓުތައް ދެން ބޭނުން ކުރެވޭނީ ކޮން އިރަކުން ކަން ފަހުން އަންގާނެ ކަމަށް ބުނެފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު 189 މީހުންނާ އެކު ޖަކާޓާއިން ދަތުރު ފެށި ލަޔަން އެޔާގެ ބޯޓު ވެއްޓުނީ ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ. އަދި އިއްޔެ އިތިއޯޕިއަން އެއާލައިންސްގެ ބޯޓު ވެއްޓުނީ ނައްޓާލިތާ ހަ މިނިޓު ފަހުންނެވެ.
ބޯއިން 737 މެކްސް 8 އަކީ ބޯއިން ކުންފުނިން 2016 ވަނަ އަހަރު ލޯންޗު ކުރި މޯޑެލްއެކެވެ. އަދި އެމަރުކާގެ 90 ބޯޓު ޗައިނާގެ އެކި އެއާލައިންތަކުން ބޭނުން ކުރެ އެވެ. އޭގެ ތެރޭގައި އެޔާ ޗައިނާ، ޗައިނާ އީސްޓާން އެއާލައިންސް އަދި ޗައިނާ ސަދަން އެއާލައިންސް ހިމެނެ އެވެ.
ބޯއިން އިން ވަނީ އިތިއޯޕިއާގެ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުންފުނިން ޓީމެއް ފޮނުވާނެ ކަމަށް ބުނެފަ އެވެ.