ފެންޝަން ފަންޑުން ހައްޖަށް ދެވޭ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ ރައީސް އޮފީސް

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި އެވެ.

ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތަށް ހަދަން މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސް ބިލު ފާސްކޮށްފައިވަނީ ފެބުރުއަރީ 27 ވަނަ ދުވަހު އެވެ. ރައީސް ސޯލިހު މިއަދު ވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ވަނީ އިތުރު ސުރުހީއެއްގެ ދަށުން މާއްދާތަކެއް ވަނީ އިތުރުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.

އޭގެ އިތުރުން ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ ވަކި އަދަދަކަށް ފައިސާ ޕެންޝަން އެކައުންޓުގައި ހުންނަ ފަރާތްތަކަށް ކަމަށް ވެސް ޕެންޝަން ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

އެ ފަރާތަކީ ޕެންޝަން ލިބޭ އުމުރު ހަމަވާ އިރު މަހަކު 2،000 ރުފިޔާ، މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ހައްޖުވުމަށް ހުށަހަޅާ ރިޓަޔަމެންޓް ސޭވިންގް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށް ވާންޖެހޭ ކަމަށް އިސްލާހުގައިވެއެވެ.

ހައްޖުވުމަށް ފައިސާ ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ ދެބައިކުޅަ އެއްބައި (50 ޕަސަންޓު) ކަމަށް ވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ.

ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްގެން އަހަރަކު ހައްޖަށް ދެވޭނީ ކިތައް މީހުންނަށްކަން ކަނޑައަޅާނީ ޕެންޝަން އޮފީހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް