އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 379 އުޅަނދެއްގައި މިދިޔަ ހަފްތާ ތެރޭ ޕާކިން ސްޓިކާ ޖަހާފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާ ތެރޭގައި މަގުމަތީ ޕާކުކޮށްފައިވާ 132 އުޅަނދެއް ވަނީ ނަގައިފައެވެ. މި އުޅަނދުތައް ޕާކުކޮށްފައިވާ ތަނުން ނަގަނީ އެ އުޅަނދެއްގެ ވެރިފަރާތަށް ގުޅައި، އެ އުޅަނދު ނަގަން އެންގުމުންވެސް އުޅަނދު ނުނަގާ ނަމައެވެ.
މާލޭގައި ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަނީ ނުވަ ސަރަހައްދެއްގައި ގަވައިދާ ހިލާފަށް ޕާކު ކުރާ ނަމައެވެ. އެ ސަރަހައްދު ތަކަކީ
- މިސްކިތްތައް ކައިރި
- ކަފިހި ހުރަސް/ ދުވާރު
- މަގު/ ގޯޅި ތަކުގެ ކަންމަތި
- ސްކޫލުތައް ކައިރި
- ހޮސްޕިޓަލުތައް ކައިރި
- ބޭންކުތައް ކައިރި
- ބޮޑުތަކުރުފާނުމަގުގެ ތާރު އެޅި ސަރަހައްދު
- ފުލުހުންގެ ކޯނު/ ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު
- ޑަބަލް ލައިން ދަމާފައިވާ ސަރަހައްދު
މީގެ އިތުރުން ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކު ކުރާނަމަ ފުލުހުން ދަނީ އުޅަނދުގައި ސްޓިކާ ޖަހަމުންނެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ހަފްތާ މަގުމަތީގެ 52 އެކްސިޑެންޓު ހިނގާފައި ވެއެވެ. 823 އުޅަނދެއް ޗެކުކޮށްފައިވާއިރު 183 އުޅަނދެއް ދުއްވާފައިވަނީ ލައިސަންސް ނެތިއެވެ. ފަސް އުޅަނދެއް ދުއްވާފައިވަނީ 18 އަހަރުން ދަށުގެ ކުދިންނެވެ.
ފޯނުން ވާހަކަ ދައްކަމުން ނުވަތަ ހެޑް ސެޓު އަޅައިގެން ދުއްވި 75 އުޅަނދެއް ހިފަހައްޓާފައިވާއިރު ދުންފަތުގެ އިސްތިއުމާލު ކުރަމުން ދުއްވި 31 އުޅަނދެއްވެސް ވަނީ މި މުއްދަތުގައި ހިފަހައްޓައިފައެވެ.