ފިހާރައެއް ފަޅާލައި 25،000 ރުފިޔާ، އަދި ސީސީޓީވީ ޑީވީއާރު ބޮކްސް ވަގަށް ނަގައިފި

ހާޑްވެއާ ސިޓީ ---

ބޮޑުތަކުރުފާނު މަގުގައި ހުންނަ ހާޑްވެއާ ސިޓީ ފިހާރަ ފަޅާލައި 25000 ރުފިޔާ އާއި އެ ފިހާރައިގެ ސީސީޓީވީ ކެމެރާގެ ޑީވީއާރު ބޮކްސް ވަގަށް ނަގައިފި އެވެ.

ފިހާރައިގެ ފަރާތުން ވާހަކަ ދެއްކި މީހަކު މިއަދު ސަން އަށް ބުނީ އިސްކުރު އަނބުރާ ކަށިގަނޑަކުން މަތާލައިގެން ފިހާރައިގެ ދޮރު ހަލާކުކޮށްލައި ފިހާރަ ތެރެއަށް ވަދެފައި ވަނީ ރޭ 1:00 އެހާކަންހާއިރު ކަމަށް ބެލެވޭ ކަމަށެވެ.

"ރޭގެ ސޭލްސް އާއި ޖަމާނުކޮށް ހުރި ފައިސާ އާއި ޗެކުތަކެއް ވަގަށް ގެންގޮސްފައި ހުރީ،" އޭނާ ބުންޏެވެ.

ފިހާރައިގެ އެއްވެސް މުދަލެއް ވަގަށް ގެންގޮސްފައި ހުރިކަން އަދި ސާފު ނުވާ ކަމަށް ވެސް ހާޑްވެއާ ސިޓީ އިން ބުންޏެވެ.

"ފަންސަވީސް ހާސް ރުފިޔާގެ ގެއްލުމެއް ވީކަމަށް މި ބެލެވެނީ. އަނެއްކާ ސީސީޓީވީގެ ޑީވީއާރު ވެސް ވަގަށް ގެންގޮސްފައި ހުރީ،"

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފިހާރައިން ވާހަކަ ދެއްކި އޮފިޝަލު ބުންޏެވެ.

ހާޑްވެއާ ސިޓީ ފަޅާލި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް