ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެއްޖެނަމަ ވަކިކަމެއް ކޮށްދެއްވާނަމޭ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވިދާޅެއް ނުވެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅީ އުތުރު ދާއިރާއަށް އެމަނިކުފާނުގެ ތާއީދާއެކު ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫންގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ދާއިރާއަށް ބަދަލުތަކެއް ގެނައުމުގެ ބާރު މަޖިލިސް މެމްބަރުންނަށް ލިބިގެންނުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލިސް މެމްބަރުންނަކީ ހަމައެކަނި ގާނޫނުތަކަށް ހަދައި، ގާނޫނުތަކަށް އިސްލާހު ގެނެސް، މަޖިލީހަށް ހުށަހެޅޭ ކަންތައްތަކުގައި ގޮތް ނިންމާ ބައެއް ކަމަށެވެ. އަދި މަޖިލީހުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގެ އެއްވެސް ބާރެއް މެމްބަރުންނަށް ލިބިގެންނުވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ގާނޫނުތައް ހައްދަވައި ގާނޫނު އިސްލާހު ކުރައްވައި މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ވިދާޅުވާ ބޭފުޅުން. އެކަންތައް ތަންފީޒު ކުރާނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން. އެއީ މަޖިލިސް މެމްބަރުންނަށް ކުރެއްވޭނެ ކަމެއް ނޫން،" ރައީސް މައުމޫން ވިދާޅުވިއެވެ.
ވަކި ދާއިރާއަކުން މަޖިލީހަށް އިންތިޚާބުވިޔަސް އެ މެމްބަރަކީ އެ ދާއިރާއަށް ޚިދުމަތްކުރަން ހުންނަވާ މެމްބަރެއް ނޫން ކަމަށާއި ގާނޫނު އަސާސީ ބުނާގޮތުން މަޖިލިސް މެމްބަރުންނަކީ މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި މަޝްވަރާކޮށް ގޮތް ނިންމާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުވެސް އެއްބަސް، ކޮންމެ މެމްބަރަކު ވެސް އެ މެމްބަރެއްގެ ދާއިރާގެ ހާލު އަހުވާލު ބައްލަވާލައްވައި އެ ދާއިރާގައި ހުރި ކަންބޮޑުވުންތައް ސަރުކާރުގެ އިދާރާތަކަށް ގެންދަވައި އެއަށް ހައްލެއް ހޯއްދެވޭތޯ މަސައްކަތް ކުރުމަކީ ކުރައްވަންވާނެ ކަމެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.
މައްޗަންގޮޅި އުތުރު ދާއިރާއަށް އެމްޑީޕީން ވެސް ވަނީ ކުރިމަތިލާފައެވެ. އެ ޕާޓީގެ ކެންޑިޑޭޓަކީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ރަޝީދެވެ.