ޔާމީންގެ އެކައުންޓު ފްރީޒް ކުރި މައްސަލައިގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބާއްވަން ވަނީ ތާވަލު ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބަދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބޭންކް އެކައުންޓްތައް ފުރީޒްކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ހައި ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފި އެވެ.

މީގެ ކުރިން ސިއްރުކޮށްގެން ހައި ކޯޓުގައި ކުރިއަށް ގެންދިޔަ އެ މައްސަލައިގެ، އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ހެނދުނު 10:00 އިރަށެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ތިން އަމުރެއް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.

އިސްތިއުނާފަށް ހުށަހަޅާފައި ވާނީ މައިގަނޑު ދެ ގާނޫނީ ނުކުތާއަކަށް ބިނާކޮށްފައިކަން އާޒިމާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޯޓު އަމުރުތައް ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށާއި އަދި ޔާމީނަށް ލިބިފައިވާ ސިޔާސީ ހައްގުތައް ނިގުޅައި ގަތުމަށް ކަމަށް ވެސް އާޒިމާ ފާހަގަ ކުރެއްވިއެވެ.

ސިޔާސީ މައްސަލަތަކެއްގެ ގޮތުގައި ސިފަކުރެވެނީ، ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ދުވަހު އެކައުންޓުތަކުގައި ހުރި ހުރިހާ ފައިސާއާ ގުޅޭ އެއްވެސް ވާހަކައެއް އަހާފައި ނުވާތީއާއި އެކައުންޓްތައް ފްރީޒް ކޮށްފައިވާކަން ވެސް އަންގާފައި ނުވާތީކަމަށް އާޒިމާ ވިދާޅުވިއެވެ.

ފުލުހުން ހާޒިރު ކުރުމަށްފަހު ޔާމީންއާ ސުވާލުކޮށްފައި ވަނީ 22.5 މިލިއަން ރުފިޔާއަކާއި ގުޅޭ ގޮތުން ކަމަށް އާޒިމާ ވިދާޅުވެފައިވެ އެވެ.

ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ރައީސް ޔާމީނުގެ އެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށް ފުލުހުން ހާމަކުރިއެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ހައްޔަރު ކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް