ހަތް އަހަރުގެ ނޯޔާ، އުންމީދަކީ އޮލިމްޕިކްސްއަށް ދިއުން

އައިޝާ ނޯޔާ --- ސަން ފޮޓޯ/ ހުސައިން ޝަޔާހު ޝަފީގު

ރާއްޖޭގައި ކަނޑުހުރަސްކޮށް މިހާތަނަށް ބޭއްވި އެންމެ ދިގު ފެތުން ކަމުގައިވާ "ބާ ކްރޯލް"ގެ ކާމިޔާބީއާއި އެކީ ފާހަގަކޮށްލެވުނު އެންމެ ތަފާތު އެއް ކަމަކީ އުމުރުން އެންމެ ހަތް އަހަރުގެ އައިޝާ ނޯޔާ (ނޯއީ)ގެ ކުޅަދާނަކަމެވެ. ފެތުމުގައި ބައިވެރިވި އޭނާގެ ދައްތަ އަޒްކާ އާދިލް އަދި ސްވިމް މޯލްޑިވްސްގެ އިތުރު ހަތް ބައިވެރިންނާއި އެކީ އޭނާވަނީ 0.4 ކިލޯމީޓަރު ބ. ހުޅުދޫންއިން ގެމެންދުއަށް އަދި އިވެންޓް ނިންމި ރަށް ކެންދުއަށްވެސް ފަތާފައެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ދޭއްގައި ކިޔަވަމުން އަންނަ ނޯޔާ ފާހަގަކުރެވިފައި ވަނީ ކުޅިވަރު ހަރަކާތްތަކަށް ލޯބިކުރާ ކުއްޖެއްގެ ގޮތުގައެވެ. އޭނާގެ މަންމަ ޚަދީޖާ އަބްދުﷲ ބުނިގޮތުގައި ނޯޔާ ފަތަންފެށީ އުމުރުން އެންމެ ދެއަހަރާއި ބައިގައެވެ. އޭނާގެ ދައްތަ އަޒްކާއަކީ ރާއްޖޭގައި މިހާރު ތިބި ޒުވާން ފެތުންތެރިންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ފެތުންތެރިޔާއަށް ވާއިރު، ނޯޔާގެ ފެތުމުގެ ފަހަތުގައިވާ އެންމެ ބޮޑު އިންސްޕިރޭޝަންއަކީވެސް ހަމަ ދައްތައެވެ.

ނޯއީއަށް ފަތަން ދަސްކޮށްދިނީ ލައިފް ގާޑް އެސޯސިއޭޝަނުންނެވެ. އަދި އެއަށްފަހު މިއަދާ ހަމައަށްވެސް އޭނާގެ ފެތުމުގެ ހުރިހާކަމެއްވެސް ބަލަހައްޓަމުން އަންނަނީ އެ އެސޯސިއޭޝަނުންކަމަށް ނޯއީގެ މަންމަ ބުންޏެވެ.

"ނޯއީ ކުޑައިރުވެސް އަރާނީ އަށް އަހަރުން ދަށުގެ ނޫނީ 10 އަހަރުން ދަށުގެ އުމުރުފުރާއަށް، ދެން އަޅުގަނޑު ހަމައެކަނި އައިޑީ ކޮޕީ އެއް ދޭންޖެހޭނީ، އެހެން ހުރިހާ ކަމެއް (ނޯއީ އަރާނެ އިވެންޓްވެސް) ޑިސައިޑްކޮށްދީ އެހީވަނީ ހަމަ ލައިފްގާޑް އެސޯސިއޭޝަނުން. އެއީ އަދި ސްކޫލް މުބާރަތަކަށް ސްކޫލަށްވުރެ ބޮޑަށް އޭނަގެ އަމިއްލަ ކޯޗުން އެެހީވާނެ" ނޯއީ މަންމަ ބުންޏެވެ.

ނޯޔާ އެންމެ ކުޑައިރުއްސުރެވެސް ދައްތަ އަޒްކާގެ ފެތުން ބަލަންދާއިރު، ގޭތެރޭގައިވެސް ދެމީހުންގެ ވާދަވެރިކަން އޮންނަކަން އޭނާ ފާހަގަކުރިއެވެ.

ބާ ކްރޯލްގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ފެތުން އިންތިޒާމުކުރި ފަރާތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދެއްވި ހާއްސަ ހަދިޔާ މިނިސްޓަރު ވަނީ ނޯޔާގެ ހުނަރުވެރިކަން ފެނި ހިތްވަރު ދިނުމުގެ ގޮތުން އޭނާއަށް ދީފައެވެ.

ބ. އަތޮޅުގައި ބޭއްވި ދިގު ފެތުން "ބާ ކްރޯލް"ގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާއެކު ނޯއީ ----

"އަސްލު ބ. އަތޮޅުގައި އެއް ރަށުން އަނެއް ރަށަށް ފަތަން ނޯޔާ ފޮނުވަން ބިރުވެސް ގަތް. އެކަމު އޭނަގެ އެއް ކޯޗު، ހައްޖަ ކޯޗު ހުރީމަ، ކޯޗަށް ނޯއީއަށް ފެތޭނެކަމުގެ ޔަގީންކަން އޮތީމަ. ވަރަށް އުފާވި ނިންމާލެވުނީމަ،" މަންމަ ބުންޏެވެ.

ހަމައެޔާއެކު އިވެންޓް ނިންމާލުމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން ލިބުނު ހިތްވަރާއި، ނޯއީގެ ކާމިޔާބީ ފާހަގަކޮށް ބިލަބޮންގްއިންވެސް އޭނާއަށް މަރުހަބާ ކިޔުންވެގެންދިޔައީ ނޯއީއަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

ސައިންޓަސްޓަކަށް ވުމުގެ އުންމީދުގައި ހުރި ނޯޔާ ބުނާގޮތުން ފެތުމުގެ ދާއިރާއިން އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ފެތުންތެރިޔާއަށް ވުމާއިއެކު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުމެވެ.

comment ކޮމެންޓް