މަލްސާގެ އިންތިޒާރުގައި ވަގުތު ގުނަމުން ދިޔަ ރޭޝަމް އޭނަގެ ފޯނުނަގައި މަލްސާއަށް ގުޅަން އުޅުނު ވަގުތު ގޭގެ ބެލް ޖަހާލި އަޑު އޭަނައަށް އިވުނެވެ. ކަންފަތުގައި ޖައްސާލަން އުޅުނު ފޯނު ތިރިކޮށްލަމުން ރޭޝަމް އަވަސްވެގަތީ ދޮރުހުޅުވުމަށެވެ. ދޮރުހުޅުވާލުމާއެކު ރޭޝަމްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ މަލްސާ ފެނުމާއެކުގައެވެ. ދުވަސްތަކަކަށްފަހު އެކުވެރިޔާއާއި ބައްދަލުވުމާއެކު ލިބުނު ހިތްހަމަޖެހުން ރޭޝަމްއަކަށް ސިއްރެއް ނުކުރެވުނެވެ. އޭނަ ވަގުތުން މަލްސާގެ ގައިގައި ބައްދާލީ ކުޑަ ހަޅޭކެއްގެ އަޑާއެކުގައެވެ.

''ދޮންތަމެން ދުވަހަކު ބޮޑެއް ނުވާނެ، ހީވަނީ ކުޑަކުދިންތަކެއް ހެން...'' ކައިރީގައި ހުރި ގިޔާން ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ.

''ހޫ ސެޑް ވީ އާރ އެޑަލްޓަސް؟...'' މަލްސާއާއި ދުރަށް ޖެހިލި ރޭޝަމް ސަމާސާ ރާގަކަށް ބުނެލިއެވެ. އަދި ގިޔާންއަށް ބަލާލިއެވެ. ''މަށަށް ޔަޤީން ފުރުމުގެ ކުރިން ބައްދަލުވި އިރަށްވުރެން މިހާރު ގިޔާ ދިގު ވެއްޖެ ކަން، ގިޔާ ކައިރީގަ ތިބޭ އިރު އަހަރުމެން ހީވަނީ ކުޑަ ކުދިންތަކެއް ހެން...''

''އަވަހަށް ހިނގާ އެތެރެއަށް، މަލްމެން އަންނާނެ ވާހަކަ މަންމަ ގާތު ބުނުމުން ހަވީރު ސައި ތައްޔާރުކޮށްގެން އެބަހުރި އިންތިޒާރުގަ... ލަސްވެގެން ގުޅަން އުޅެނިކޮށް ތިއައީވެސް...'' ރޭޝަމް ބުނެލިއެވެ. އަދި މަލްސާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ދެރަހުމަތްތެރިންގެ ފަހަތުން ގިޔާން ވެސް އެތެރެއަށް ވަނެވެ.

ރޭޝަމްއާއި އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން ރޭޝަމްގެ އާއިލާގެ ހުރިހާ މެމްބަރުންނާއި ވެސް މަލްސާއާއި ގާތް ގުޅުމެއް އޮވެއެވެ. އެގޭގައި ހޭދަކުރެވޭ ވަގުތުތަކުގައި މަލްސާގެ ހިތަށް ހަަމަޖެހުން ގެނެސްދެއެވެ. ސިކުނޑީގެ ހާސްކަމާއި ނަސުފުގެ ބުރަހެލިކަން ލުއިވެގެންދެއެވެ. އޭނަދެކެ އަޅާލާ ލޯބިވާ ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިިބި ކަމުގެ އިހުސާސްކުރެވެއެވެ. އޭގެ ސަބަބުން ހިތަށް ފިނިކަން ލިބެއެވެ.

ހަވީރުގެ ސައިގައި އެންމެން ބައިވެރިވަމުން ދިޔައެވެ. ކާމޭޒު ދޮށުގައި އޮތީ އުފާވެރިކަމުގެ މާހައުލެކެވެ. ރޭޝަމްއާއި އޭނަގެ ފިރިމީހާ ރައުލްގެ ދެމެދުގައި ބަދަލުކުރެވެމުން ދިޔަ ސަމާސާ ވާހަކަތަކާއި، ބަސްމޮށުންތެރިކަމަކަށް ބޭނުންނުވާ ލޯބި ފެނި މަލްސާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެކުވެރިޔާއަށް ލިބިފައިވާ ނަސީބާ މެދު އޭނަ އުފާވިއެވެ. އެފަދަ ސާފު ހިތާހިތުގެ ގުޅުމަކަށް އޭނަގެ ހިތްވެސް ބޭޤަރާރުވެފައި ވެއެވެ. އޭނަގެ ހިތުގެވެރިޔާއާއި ބައްދަލުވާނީ ކޮންދުވަހަކުން ބާވައޭ މަލްސާގެ ހިތުގައި ސުވާލު އުފެދިފައި ވިއެވެ. އުމުރުން ބާވީސް އަހަރުވެގެން ދިޔައިރުވެސް މަލްސާ ކުއްޖަކާއި ރައްޓެހިވެފައެއް ނުވެއެވެ. އެތައް ބަޔެއްގެ ލޯބީގެ ހުށަހެޅުންތައްވެސް މަލްސާއަށް ލިބުނެވެ. އެހެނަސް އެހުރިހާ ހުށަހެޅުމަކަށް އޭނަ ވަނީ ނޫނެކޭ ބުނެފައެވެ. އޭނަގެ ހިތް އެދޭފަދަ ސިފަތަކުގެ ރާޖާއާއި ބައްދަލުވުމުގެ ނަސީބު އޭނައަށް އަދި ލިބިފައި ނުވާތީއެވެ.

''ކޮބާ އަހަރެން ބުނި ތަނަށް އެޕްލައި ކުރީމަ ޖަވާބެއް ލިބުނުތަ؟...'' ރޭޝަމް ކަމެއްމަތިން ހަނދާންވުމާއެކު މަލްސާއާއި ސުވާލުކޮށްލިއެވެ. ޑަބްލިއު ކުންފުނީގައި ވަޒީފާގެ ފުރުސަތު އޮތްކަން އެކުވެރިޔެއްގެ ފަރާތުން އެނގުމުން، އެފުރުސަތުގެ ޚަބަރު މަލްސާއަށް ދިން ފަރާތަކީ ރޭޝަމްއެވެ. މަލްސާއަށް ވަޒީފާއެއް ހޯދައިދޭން ރޭޝަމް މަސައްކަތްކުރިއެވެ. އެހެނަސް، އެމީހުންނަކީވެސް ފައިސާވެރި ބަޔަކަށް ނުވާތީ އެކަން ކާމިޔާބުވާ ގޮތެއް އަދި އޮތީ ނުވެފައެވެ.

''ރޭޝް ގާތު އެވާހަކަ ބުނަން ވެގެންނޭ އުޅުނީ... މިއަދު އިންޓަވިއުއަށް ހޮވުނު ވާހަކަ ބުނަން ގުޅި... މާދަމާ ދާން އެބަޖެހޭ އިންޓަވިއުއަށް...'' މަލްސާގެ އަޑުގައިވި ޖޯޝު ރޭޝަމްއަށް ފާހަގަ ކުރެވުނެވެ. އޭގެ ފަހަތުގައިވާ ސަބަބުވެސް މެއެވެ.

''އޯހ، އައިމް ސޯ ހެޕީ ފޯރ ޔޫ، އިރާދަކުރެއްވިއްޔާމު މަލް ހޮވޭނީ، ނުހޮވެންވީ ސަބަބެއްވެސް ނެތް ވިއްޔާ، ނުލާހިކު މޮޅަށް ކިޔަވައިގެން ހުރީ، އެހާމެ ރީތި، އަދި ޕާސަނަލިޓީ ވެސް އެހާމެ ރަގަޅު، ބަލައްޗޭ... އިރާދަކުރެއްވިއްޔާމު ހަމަ މަލް ހޮވޭނީ...'' މަލްސާއަށް ހިތްވަރުދެމުން ރޭޝަމް ބުނެލިއެވެ. ކާމޭޒު ދޮށުގައި ތިބި އެންމެންވެސް މަލްސާއަށް ހިތްވަރުދިނެވެ. އެވަގުތު ރޭޝަމް ދައްކަން ބޭނުންވި އިތުރު ވާހަކައެއް އޮތެވެ. ނަމަވެސް އެވާހަކަ މަޑުޖައްސާލީ ދެހަރުމަތްތެރިން އެކަނި ވަނިކޮށެވެ. އެފުރުސަތު ލިބުނީ ސަޔަށް ފަހު ރައުލް އާއި ގިޔާން ބޮޑުކޮޓަރީގައި ފުޓުބޯޅަގަނޑެއް ޖަހަން އިށީނުމާ އެކުގައެވެ. އެއާއެކު މަލްސާގެ އަތުގައި ހިފައިގެން ގޮސް ރޭޝަމް ވަނީ އޭނަގެ ކޮޓަރިއަށެވެ.

*****

''މަލްއަށް ތިއޮތީ ރަނުގެ ފުރުސަތެއް ލިބިފަ، އެންމެފަހުން މަލްގެ ކްރަޝްއާއި ބައްދަލުވުމުގެ ފުރުސަތު ލިބުނީއެއްނު... ހެހެހެ، އަނެއްކާ އޭނަ ފެނިފަ ފެއިންޓް ނުވައްޗޭ، އެހާ ވަރުން އެތަނަށް ޖޮބަށް ލީވެސް އޭނަ ފެންނާނެ ކަމުގެ އުއްމީދުގައެއްނު، މިހާރު ތިއޮތީ އިންޓަވިއުއަށް ހޮވިފަ، އޭނަގެ ޕާސަނަލް ސެކްރެޓަރީގެ ޕޮޒިޝަން ވީމަ އިންޓަވިއުގަވެސް އޭނަ ބައިވެރިވާނެ... އެންމެފަހުން ކައިރިން އޭނަގެ ބަލާލުމުގެ ފުރުސަތުވެސް ލިބުނީ އެއްނު... މިހުރިހާ ދުވަހު ނޫސްތަކުން ފެންނަ ފޮޓޯތަކާއި އިންޓަވިއުތައް ބަލައިގެނެއްނު ހިތްހަމަޖައްސާލީ...'' ކޮޓަރިއަށް ވަދެވުމާއެކު ރޭޝަމް ބުނެލިއެވެ. އޭނަ އުޅުނީ މަލްސާއާއި ދިމާކޮށްލާށެވެ. އެނދުމަތީ ހުޅުވާފައި ހުރި ފޮށިތަކާ ދިމާއަށް ހިނގައިގަންނަމުން މަލްސާއަށް ރޭޝަމް ބަލާލިއެވެ. އޭނަގެ ޖުމްލައިން މަލްސާ ރަކިވިތަން ފެނި ރޭޝަމް ގާތަށް ހިނިއައެވެ.

''ކީކޭތަ ކިޔަނީ އެސޮރަށް، އަކްޝާންތަ؟... އޭނަ މިހާރު ޑަބްލިއު ކުންފުނީގެ ސީ.އީ.އޯ. އަކަށްވެސް އައްޔަންކޮށްފި އެއްނު...'' ރޭޝަމް އޭނަގެ ފޮށީގެ ތެރޭން މަލްސާއާއި ގިޔާންއަށް ދޭން ގެނައި ހަދިޔާތައް ނަގަމުން ވާހަކަދެއްކިއެވެ.

''އަކްޝާނެއް ނޫން!، އަޝްކާން!...'' ރޭޝަމްއަށް އެރި އޮޅުން ރަގަޅު ކޮށްދެމުން މަލްސާ ބުނެލިއެވެ.

''ކޮންމެ ޝާނަކަށް ވިޔަސް ހެވޭ... ދެން ބަލަމާ މަލްގެ އެކްސްޕެކްޓޭޝަންސްތަކަށް އޭނަ ދޭތޯ... އެކަމަކު އޭނައަކީ ގޭއި އެކޭ ކިޔާ އަޑުވެސް އިވޭ... ވަޓް އިފް ދެޓްސް ނޮޓް އެ ބޭސްލެސް ރޫމާރ؟...'' އޭނަ ގާތަށް އައިސް ހުއްޓުނު މަލްސާއަށް ނަޒަރެއް ދެމުން ރޭޝަމް ބުނެލިއެވެ. އަދި ހަދިޔާތައް މަލްސާއަށް ދިއްކޮށްލިއެވެ.

''ހޫނނނ، ފާޑުފާޑުގެ ވާހަކަ ނުދައްކާ ހުރޭ...'' ހަދިޔާތަކުގައި ހިފުމުގެ ބަދަލުގައި ރޭޝަމްގެ ކޮނޑުގައި ބޮޑިއެއް އަޅާލަމުން މަލްސާ ބުނެލިއެވެ. އަދި ލޮލަށް ހަދާލި ގޮތުން ރޭޝަމްގެ ވާހަކައާއި އޭނަ ގަޔާ ނުވިކަން އަންގާލިއެވެ. އެއާއެކު ރޭޝަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

''އެންމެ ރަގަޅޭ... އަހަރެން ދުޢާވެސް ކުރާނަން މަލްގެ ހިތުގެ ރާޖާ މަލްއަށް ލިބޭތޯ، އޭނަ ފެނުނުފަހުން އިތުރު ފިރިހެނަކު ވެސް ނުފެނޭ ވިއްޔާ، ތިލިބޭ ފުރުސަތުގެ ބޭނުން ރަގަޅަށް ހިފާތި، ހޫ ނޯސް، މަލްގެ ރީތިކަމަށް އޭނަގެ ހިތްވެސް ފިދާވެދާނެ......'' ރޭޝަމް ދިމާކޮށްލިއެވެ.

''ހުނނނ، ކަންތަކާ ލައިގަތީއޭ، ދެން ހުއްޓައެއް ނުލާނެ...'' މަލްސާ ހަށަން ބަނދެލަމުން ބުނެލިއެވެ.

*****

މަލްސާއާއި ގިޔާން ގެއަށް އައީ އިރުއޮއްސި އަނދިރިވީ ފަހުންނެވެ. އޭރު ބޮޑުކޮޓަރީގައި ޖަމީލާއާއި ހުސޭން ވާހަކަދައްކަން ތިއްބެވެ. އެދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް ހޫނުވަމުން ދިޔަކަން މޫނުމައްޗަށް އަރާފައިބަމުން ދިޔަ ޝުޢޫރުތަކުން ހާމަކޮށްދެއެވެ. މަލްސާމެން ފެންނައިރަށް ހުސޭން ވާހަކަދެއްކުން ހުއްޓާލިއެވެ. ނަމަވެސް އައިސްފައިވި ރުޅީގެ ސަބަބުން ޖަމީލާއަށް އޭނަގެ ދޫ ހިމޭނުން ނުބޭއްވުނެވެ.

''އެއައީ އެއްނު، ހުސޭނު ވެއްޖެއެއްނު ހުސޭނުގެ ފިރިހެންދަރިއަށް ރަގަޅު އަހުލާޤެއް ދޭން... ބޮޑެތި މީހުންނަށް އެއްވެސްކަހަލަ ޤަދަރެއް ނުކުރޭ... ގެއަށް އައި މެހުމާނުގެ ގަޔަށް ބޮލަށްވެސް އަރައިގަތީ ލަދުހަޔާތް ނެތިގެން، އެހާ ހިސާބަށް ދާއިރުގައިވެސް ހުސޭނު ތިހުންނަނީ އެއްޗެއް ނުބުނެ، އެއީ ކީއްވެގެން؟، އެރޭޓުން ދަންޏާމު ލަސްތަކެއް ނުވެ މަގުމައްޗަށް ގިނަވެގެން އުޅޭ ޕާޓޭން އުޅޭހެން އުޅެން ފަށާނީ... އޭނައާ ހެދި ޝުއައިބުއަށް އަހަރުމެން ދައްކާނީ ކޮން މޫނެއްތަ؟...'' ޖަމީލާ ސޯފާއިން ތެދުވެގެން ހަޅޭއްލަވައިގަތެވެ. ފޮނިތޮށިކާފޫރުތޮޅި އިތުރުކޮށްގެން އޭނަ ވާހަކަދެއްކީ ހުސޭނަށް ހަޤީޤަތް އޮޅުވާލައިގެން ގިޔާން ކުށްވެރިކުރުވާށެވެ. ގިޔާންއަށް ފިސާރި ރަގަޅު ބޮޑިއެއް ދޭން ޖަމީލާ ބޭނުން ވެއެވެ. ގިޔާން ވެފައިވަނީ އޭނައަށް ބޮލުގެ ރިހުމަކަށެވެ.

''އަހަރުމެންނެއް ނޫން، ހަމައެކަނި ޖަމީލާ، ކިތައް ފަހަރު ބުނާނީ އެޝުއައިބު މިގެއަށް ނުވައްދާށޭ... އޭނަގެ ނިޔަތް ރަގަޅެއް ނޫނޭ، އޭނަގެ ދަރީގެ އުމުރުގެ ކުއްޖަކާއި އިންނަން އަހާނީ ލަދުހަޔާތެއް ނެތީމަ... އޭނަގެ ކޮން ހައިސިއްޔަތެއް ހުރެގެންތަ މަލްސާއާއި އިންނަން އަހަން މިގެއަށް އަނަންނަން ކެރުނީ؟، ޖަމީލާ ތިކުރަން އުޅޭ ކަމެއް ހަމަމިހާރުން މިހާރަށް ހުއްޓާލާ، މީގެ ފަހުން މިގޭ ތެރޭގައި އޭނަގެ ވާހަކަދައްކައިގެން ނުވާނެ، އޭނައަށް އޮންނާނީ އަހަރެންގެ ޖަވާބު ދީފައި، އެޖަވާބު ބަދަލެއް ނުވާނެ... އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު އެކަން ބަދަލެއް ނުވާނެ، އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އެކަހަލަ މީހެއްގެ އަތްމައްޗަކަށް ދޫކޮށެއް ނުލާނަން...''

ހުސޭން ރުޅިއައިސްގެން ގޮސް ޖަމީލާއާ ދިމާއަށް އެއްޗެހި ކިޔައިގަތެވެ. އަމިއްލަ ދަރީންގެ ދިފާއުގައި ޖަމީލާއާއި ހަރުކަށިކޮށް ހުސޭން ވާހަކަދެއްކި އެއީ ފުރަތަމަ ފަހަރެވެ. ޖަމީލާގެ އިތުރުން މަލްސާއާއި ގިޔާންއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެދެބެއިންގެ ދިފާއުގައި އެއްޗެއް ބުނެފާނެ ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ.

''މަލްސާ ކައިވެނި ކުރާނީ މަލްސާ ބޭނުން މީހަކާއި، މަލްސާ އެހުރީ ފުރާފުރިހަމަވެފައި، އަމިއްލަ ނިންމުންތައް ނިންމަން އެނގޭނެ، ތިމާއަށް ރަގަޅު ގޮތާއި ނުރަގަޅު ގޮތްވެސް ވަކިކުރަން އެނގޭނެ... މަލްސާގެ ނިންމުންތައް އަހަރުމެން ނުޖެހޭނެ އޭނައަށް ނިންމައިދޭކަށް...'' ހުސޭނު އޭނަގެ ފަހު ބަސް އިއްވާލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނަ އަވަސްވެގަތީ ފެންވެރުމަށެވެ. ތާޒާ ވެލުމުން ސިކުނޑީގެ ހާސްކަމަށް ލުޔެއް ލިބިދާނެކަމުގެ އުއްމީދުގައެވެ.

ދަރިންނާ މެދު ކިތަންމެ ފަރުވާ ކުޑަވިޔަސް މުސްކުޅި އުމުރުފުރައިގެ މީހަކާއި ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ކައިވެނި ކުރުވާކަށް ހުސޭނު ބޭނުމެއް ނުވިއެވެ. މިހާރުވެސް އޭނަގެ ދަރިންގެ ހިތުގައި އޭނައަށް ވަނީ ނަފުރަތެވެ. އެނަފުރަތުގެ އަލިފާނުގައި ހުޅުފަޅައިގެން ދާން އޭނަ ބޭނުމެއް ނުވެއެވެ. ޖަމީލާއާއި އަޑުހަރުކޮށް ވާހަކަދެއްކުނީވެސް އެހެންވެއެވެ. ނަމަވެސް ރުޅި ފިނިވުމުން ހުސޭން ދެރަވީ ޖަމީލާއާ ދިމާއަށް އަޑު އިސްކުރެވުމުންނެވެ. ހަމަޖެހިލައިގެން ޖަމީލާއަށް ވިސްނައިދެވުނު ނަމައޭ އެވަގުތު އޭނަގެ ހިތަށް އެރިއެވެ. ހަމައެއާއެކު، ޝުއައިބުގެ ނިޔަތް ރަގަޅު ނޫންކަން ބުނެދޭން މަސައްކަތްކުރެވުނު ނަމައޭ ވެސް ހިތަށް އެރިއެވެ.

*****

ރުޅިއައިސްފައި ހުރި ޖަމީލާ އުޅުނީ މަލްސާއާއި ދިމާކޮށްލާށެވެ. ޝުއައިބުގެ ފަރާތުން ފައިސާ ދަމައިގަންނަން ކުރި ހުރިހާ އުއްމީދަކާއި ދެކުނު ހުވަފެންތައް ވިއްސިވިހާލިވެގެން ދިއުމުން އެކަމުގެ ބަދަލު ހިފަން އޭނަ ބޭނުން ވިއެވެ. ނަމަވެސް އެދެމެދަށް ގިޔާން ވަނުމުން ޖަމީލާގެ މަޤުސަދު ހާސިލެއް ނުވިއެވެ. އޭގެ ސަބަބުން އޭނަގެ ސިކުނޑީގެ ތެރެއަށް ޝައިތާނާ ރަގަޅަށް ވެސް ފާވެއްޖެއެވެ.

''ކަލޭ ހީކުރީތަ ކަލެއަށް ކާމިޔާބު ލިބުނީކަމަށް؟، ނޫން!، އެހެނެއް ނުވާނެ!، ކަލޭ ބަލައިގެން ހުންނާތި!، ކަލެއާއި އިންނާނެ މީހަކުވެސް ނުވާނެ!، އަމިއްލަ ސޫރަ ލޯގަނޑުން އެއްފަހަރު ވިޔަސް ބަލާލިންތަ؟، ބުއްދި ސަލާމަތުން ހުރި ޒުވާން ފިރިހެނަކު ކަލެއަށް ބަލާވެސް ނުލާނެ!، އަޑުއިވިއްޖެ!...'' ޖަމީލާ ލޯއަޅާލިއެވެ.

ނުރުހުންވެފައި ހުރި ގިޔާންއަށް އެއްޗެއް ނުބުނެ ހިމޭނުން ނުހުރެވުނެވެ. ދޮންތަގެ ހިތުގައި ޖައްސަން ޖަމީލާ ބުނި ޖުމްލައިގެ ސަބަބުން އޭނަ ރުޅިއައެވެ.

''އަނެއްކާވެސް ދޮންތައާއި ނޫރާލް އޮޅުވާލެވުނީ ދޯ؟... އަހަންނަށް ފެންނަނީ އަވަހަށް އައިނެއް ހައްދައިގެން އައިނު އަޅަން، އޭރަށް މީހާގެ ފެނުމުގެ ޤާބިލުކަންވެސް ރަގަޅު ވާނެ ވިއްޔާ، އޭރުން ދޮންތައާއި އެނޫރާލްއާ ދެމީހުން އޮޅުވާވެސް ނުލެވޭނެތާ!...'' ގިޔާން ބުނެލިއެވެ.

ޖަމީލާގެ ޖުމްލަ ނޫރާލްއަށް ރައްދުކުރަމުން ގިޔާން ޖަމީލާގެ އަނގަ ބަންދުކޮށްލިއެވެ. އެވަގުތު ގޭތެރޭގައި އަޑުގަދަވެގެން ކޮޓަރިން ނިކުތް ނޫރާލްއަށް ގިޔާންގެ ޖުމްލަ އަޑުއިވުމާއެކު ގިޔާންއާއި ދިމާކޮށްލިއެވެ.

''****!!!، ކަލޭގެ ތި ދޫ ބުރިކޮށްލާނަން!، ދެން މަށޭ ކިޔައިގެން އެއްވެސް އެއްޗެކޭ ބުނެބަލަ!...'' ގިޔާންގެ ކަންފަތް މަތީގައި ޖަހަން ދިޔަ ނޫރާލް ހިފެހެއްޓީ ޖަމީލާއެވެ. އެއާއެކު ރުޅިއައިސްފައި ހުރި ނޫރާލް ޖަމީލާގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލިއެވެ. އެކަމަށް ސަމާލުވެގެން ނެތް ޖަމީލާގެ ފައި އަރިއަޅާލުމާއެކު އޭނަ ބިންމައްޗަށް ވެއްޓިއްޖެއެވެ. އެއާއެކު ޖަމީލާ ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ބިންމަތީގައި ޖެހުނު ގޮތުން އޭނައަށް ވަރަށް ތަދުވިއެވެ. އުނަގަނޑުގައި ފިރުމާލަމުން ކޮޅަށް ތެދުވަން އުޅުނެވެ. ނަމަވެސް، މީހާގެ ބުރަހެލިކަމާއެކު އޭނައަށް ކޮޅަށްކަށް ނުތެދުވެވުނެވެ.

ނޫރާލް އޭނަގެ މަންމައަށް އެހީވުމުގެ ބަދަލުގައި ގެއިން ނިކުމެގެން ދިޔައީ އިތުރަށް ގޭގައި މަޑުކުރަން ބޭނުންނުވީތީއެވެ. ދަމުން އޭނަ ދިޔައީ ގިޔާންގެ ބުރަކައްޓަށް ގޮށްމުށުގެ ހަމަލާއެއް ދީފައެވެ. ދޮންތަގެ އެދުމުގެ މަތީން ހިތްހަމަނުޖެހުމާއެކުގައި ވެސް ޖަމީލާއަށް އެހީވާން އުޅުނު ގިޔާންއަށް ނޫރާލްގެ ހަމަލާއަށް ސަމާލުކަން ނުދެވުނެވެ. ވީތަދުން ރުޅިވެރިކަމާއެކު ބަލާލި ހިނދު ނޫރާލް ގެއިން ނިކުމެ ބަންލާފައި ދޮރު ޖަހައިފިއެވެ.

''ކިހިނެއް ވެގެންތަ މިއުޅެނީ؟...'' ކޮޓަރިން ނިކުތް ހުސޭން ސުވާލުކުރިއެވެ. އޭރު ގިޔާންގެ އެހީތެރިކަމާއެކު ޖަމީލާ ސޯފާގައި އިށީންނަނީއެވެ. ސޯފާގައި ހަމަޖެހިލެވުމާއެކު ގިޔާންގެ އަތް ޖަމީލާ ފޮޅުވާލިއެވެ. އަދި މޫނު ކުނިކޮށްލިއެވެ. ވެދިޔަ ހުރިހާ ކަމެއްގެ އިލްޒާމު ގިޔާންގެ ބޮލުގައި އެޅުވި ކަހަލައެވެ.

''މަށަކަށް ނޭގޭ، ހުސޭނުގެ ދަރިން މިގެއަށް އައި ފަހުން އަބަދު ވާ ގޮތެއްނު މިއީ... އަމާގެ ފަރާތުން މިގޭގެ ހަމަޖެހުން ނަގާލަން ދަސްވެފައި ހުރީ، އޭނަ ނެތް ދުނިޔެއެއްގައި އޭނަގެ ހިތުގެ މުރާދު ހާސިލުކުރާކަށްނު އެމީހުން އެއުޅެނީ... އޭނަގެ ނުބައިކަން ދަރިންނަށް ލިބިފައި ހުރީ...'' ހުސޭނަށް ލޯއަޅާލަމުން ޖަމީލާ ބުނެލިއެވެ.

ޖަމީލާގެ ދުލުން މަންމައަށް އަމާޒުވި ބަދު ބަސްތަކުން ގިޔާންގެ ރުޅި ކޮންޓްރޯލުން ދޫނުވީ ހަމަ ކިރިޔާއެވެ. އެވަގުތު މަލްސާ ގިޔާންގެ އަތުގައި ހިފައިގެން ގަދަކަމުން ގޮސް ކޮޓަރިއަށް ނުވެއްދިނަމަ ގިޔާންއަށް އަތުންފައިން ގޯހެއް ހެދުނީހެވެ.

*****

ކޮޓަރިއަށް ވަދެވުމާއެކު ގިޔާން ރުޅިގަނޑު ބޭލީ އޭނަގެ ކޮޓަރީގައި ހުރި ސްޓޭންޑް ފަންކާއަށެވެ. ފައިން ޖެހީނުން ފަންކާ ދުރަށް ވިއްސާލިއެވެ.

''ގިޔާން!...''

މަލްސާއަށް ފެނުނު މަންޒަރުން އޭނަ ބިރުގަތެވެ. އޭނައަށް ގިޔާންގެ ދެލޮލުގައިވި ކަރުނަތައް ފެނުނު ހިނދު އޭނަގެ ހިތުގައި ރިއްސާލިއެވެ. ގިޔާންގެ ހިތުގައި ޖެހިފައިވާ މިންވަރު އޭނައަށް އަންދާޒާ ކުރެވުނީ ދެނެވެ. މަންމަގެ ވަކިވުމަށް ފަހު އެންމެ ބޮޑަށް އަސަރުކުރީވެސް ގިޔާން އަށެވެ. ދަރިންގެ ދެމެދުގައި ދުވަހަކުވެސް ތަފާތުކުރުމެއް މަންމަ ނުގެންގުޅެއެވެ. އެހެެނަސް މަންމައާއި ބައްޕަގެ ވަކިވެ ދިއުމަށްފަހު ގިޔާންއަށް ކުރި ނޭދެވޭ އަސަރުތަކުގެ ސަބަބުން މަންމަގެ ސަމާލުކަމާއި، އަޅާލުމާއި، ލޯބި ގިޔާންއަށް އިތުރަށް ލިބުނެވެ. އޭނަވެސް ގިޔާންއަށް އިތުރު ސަމާލުކަމާއި އަޅާލުން ދިނެވެ. އެހެނަސް މަންމަގެ ކުއްލި ވަކިވެދިއުމާއެކު ގިޔާންއަށް އަނެއްކާވެސް ފުންއަސަރުތަކެއް ކުރިއެވެ. މިއަދު ގިޔާންގެ ރުޅިގަދަ މިޒާޖާ ގުޅިފައިވަނީ އެކަންތަކެވެ. ބައްޕަގެ ފަރާތުން މަންމައަށް ލިބުނު ނިކަމެތިކަމާއި، ބައްޕައެއް ނެތުމުން ޢާއިލާއަށް ކުރިމަތިލާން ޖެހުނު ހިތްދަތިކަމާއި އެކަނިވެރިކަމާއި، މަންމަގެ ކުއްލި ވަކިވެދިއުމުން ލިބުނު ހިތާމަތަކާއި ކުރިމަތިލާން ގިޔާންއަށް ގާތް ރަހުމަތްތެރިއަކަށް ފެނުނީ ރުޅިވެރިކަމެވެ.

''ގިޔާން...'' މަލްސާގެ އަޑުވެސް ކުރެހުނެވެ. ގިޔާން އެވަގުތު ރުޅިވެރިކަމާއެކު އޭނަގެ ކަރުނަތައް ފޮހެލިއެވެ. ގިޔާން ގާތަށް ގޮސް ހުއްޓުނު މަލްސާ ގިޔާންގެ އަތުގައި ހިފަމުން ގޮދަޑީގައި ބޭންދިއެވެ. އަދި ގިޔާންއާއި ޖެހިގެން އިށީނެވެ.

''ދޮންމަންމަގެ ވާހަތަކާއި މެދު ނުވިސްނާ... ދޮންމަންމަ އެހެން ބުނީވެސް އަހަރުމެންގެ ހިތުގައި ޖައްސަން... އެވާހަކަތައް ސިކުނޑިއާ ހަމައަށް ފޯރައިފިނަމަ ކުރިއެރުން ލިބޭނީ ދޮންމަންމައަށް، އެހެންވެ ދޮންތަ މިބުނަނީ އެވާހަކަތައް ހަނދާންނައްތާލާށޭ...'' ފުންނޭވާއެއް ދޫކޮށްލަމުން މަލްސާ ބުނެލިއެވެ.

''އޭނަގެ ސަބަބުން އެހުރިހާކަމެއް ވީ، މަންމައާއި ބައްޕަ ވަކިވީ ވެސް ޖަމީލާގެ ސަބަބުން، މަންމައަށް ލިބުނު ހުރިހާ ހިތްދަތިކަމެއްގެ އަސްލަކީ އޭނަ... ދެމީހުންގެ ހިއްސާވެސް އެކަމުގައި ވޭ... އެންމެ ފަހު ވަގުތު ހުސޭން މަންމައަށް އެހީވިނަމަ މިއަދު މަންމަ ދުނިޔޭގައި ހުރީސް...'' ގިޔާންގެ އަޑުގައި އުދާސްކަމާއި ނަފުރަތު ވިއެވެ.

''އެކަމަކުވެސް ރުޅީގެ މައްޗަށް އަމަލުކޮށްގެން ނުވާނެ، މަންމަ ދިން ނަސޭހަތުގައި އަބަދުވެސް ހިފަން ޖެހޭނެ... މަންމަ އެންމެފަހުން ދިން ނަސޭހަތް ގިޔާން ހަނދާން ނައްތާލީތަ؟...'' މަލްސާ އެހިއެވެ.

''ހަނދާނެއް ނުނެތޭ، މަންމަ ކުރި ވަސިއްޔަތުގައި ހިފަންވެސް ބޭނުން... އެކަމަކު... އެކަމަކު އެމީހުން އެއުޅޭ ގޮތުން ކިހިނެއް ރުޅި އިސްނުކޮށް ހިމޭނުން ހުރެވޭނީ... އަހަރުމެންނަކީ އިންސާނުން ކަމަކަށް އެމީހުން ނުދެކޭ... އުފަން ބައްޕަވެސް އިސްކަން ދެނީ ހިލޭ މީހުންނަށް...'' ލޮލުން ކަރުނަ ފޭބުމުން އެކަމާ ގިޔާން ހިތްހަމަނުޖެހުނެވެ. އޭނަ ރޯކަށް ބޭނުމެއް ނޫނެވެ.

''އިރާދަކުރެއްވިއްޔާމު ހުރިހާ ކަމެއް ބަދަލުވާނެ، ދޮންތަ މިވަގުތު ބޭނުންވަނީ ގިޔާ ރަގަޅު ނަތީޖާއެއް ނެރެން... އޭރުން ޑޮކްޓަރަށް ވާން ގިޔާ ދެކޭ ހުވަފެންތަކުގައި ކުލަ ޖެހޭނީ، ސްކޮލަޝިޕްވެސް ލިބޭނީ އޭރުން، ދޮންތަ ބޭނުން ގިޔާ ޑޮކްޓަރަކަށް ވާނެ ދުވަސް ދެކިލަން...'' ކޮއްކޮއަށް ހިތްވަރުދެމުން މަލްސާ ވާހަކަދެއްކިއެވެ.

މަލްސާ ވާހަކަދައްކައިގެން ގިޔާން ހަމައަކަށް އެޅުނެވެ.

''މީގެ ފަހުން ދޮންމަންމަ ކިޔާ އެއްވެސް ވާހަކައަށް ސަމާލުކަން ނުދޭތި، ހަމައެކަނި ކިޔެވުމަށް ސަމާލުކަން ދީ...'' ގިޔާންއަށް ފަނޑު ހިނިތުންވުމެއް ދެމުން މަލްސާ ބުނެލިއެވެ. އޭނަގެ ދެލޮލުން ގިޔާންއާ މެދު ފިކުރުބޮޑުވެފައިވާ މިންވަރު ހާމަކޮށްދެއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު އެއިހުސާސްތަކާ ދުރުވެލަން މަލްސާ މަސައްކަތްކުރިއެވެ.

''އޭރު ނޫރާލް ބުރަކަށީގަ ޖެހީމަ ތަދުވިތަ؟...'' މަލްސާ އެހިއެވެ. އޭނަގެ ގިޔާންގެ ބުރަކަށީގައި އަތްޖައްސާލިއެވެ.

''ނޫން!، އޭނަ ޖަހައިގެން ތަދުވާނެތަ؟...'' ގިޔާން އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.

*****

ރޭގަނޑުގެ ކެއުމަށް ފަހު ބައްޕައާއި ވަކިން ބައްދަލުކުރުމަށް ފަހު ޝުއައިބުގެ ވާހަކަތައް މަލްސާ ހިއްސާކުރިއެވެ. އެއާއެކު ހުސޭނުގެ ހިތުގައި ވަކިން ބޮޑަށް ޝުއައިބުއާ މެދު ރުޅިވެރިކަން އުފެދުނެވެ. އޭރު ދެބަފައިން ތިބީ ކޮޓަރީގައެވެ. އެދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް އަޑުއަހަން ދޮރުގައި ކަންފަތް ޖަހައިގެން ހުރި ޖަމީލާގެ މޫނު އިތުރަށް ބަނަވެގެން ދިޔައެވެ. އޭނަގެ އަތުން ޝުއައިބުގެ ފައިސާގަނޑު ރަގަޅަށްވެސް ބީވެގެން ދިޔައީއޭ ހިތަށް އެރުމައެކު މާޔޫސްކަން ވެރިވިއެވެ.

*****

އައު ދުވަހަކަށް ފެނުން ތޮޅެލި އިރު ދޯދިތަކުން އުދަރެސް ރަންގުވަމުން ދިޔައެވެ. ދުވަހުގެ މަރުޚަބާއާއެކު މާލެތެރެ ހަލަބޮލިވެގެން ދިޔައެވެ. އޮފީހަށް ދާ މީހުންތަކުންނާއި ސްކޫލްތަކަށް ދާ އެކިއުމުރުފުރާތަކުގެ ކުދިންތަކުން މަގުމަތި ފުރިފައި ވިއެވެ. އެހަލަބޮލިކަމުގެ ތެރޭން ދުއްވަމުން އައި ކަޅުކުލައިގެ ކާރު އައިސް މަޑުކޮށްލީ ޑަބްލިއު ކުންފުނީގެ މައި އިމާރާތުގެ ކުރިމައްޗަށެވެ. އެއީ ދިހަ ބުރީގެ ޒަމާނީ ފެންވަރަށް ހަދާފައިވާ އިމާރާތަކެވެ. އިމާރާތުގެ ބޭރުން ބަލާލިޔަސް ކުންފުނީގެ ހައިބަތު އަންގާދެއެވެ. ބިއްލޫރިން އިމާރާތުގެ ބޭރު ފަރުމާކުރެވިފައިވާ އިރު އުޑުގައި ދައުރުކުރަމުން ދިޔަ ވިލާތަކުގެ ހިތްގައިމުކަން ބިއްލޫރިތަކަށް އެޅިފައި ވެއެވެ.

ޑަބްލިއު ކުންފުންޏަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދުނިޔޭގެ ފެންވަރުގެ ރިސޯޓުތައް ހިންގައެވެ. އެކުންފުނީގެ ދަށުން ހިންގާ ރިސޯޓުތަކަށް ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިން ދޭ ޚާއްސާ އެވޯޑުތަކާއި އަދިވެސް އެހެނިހެން ފަތުުވެރިކަމުގެ ޖަމިއްޔާތަކުންދޭ ނަން މަޝްހޫރު އެވޯޑުތައް ލިބިފައި ވެއެވެ. ރާއްޖޭން ވެސް ތަފާތު ވަނަތައް ލިބިފައި ވެއެވެ. ފާއިތުވި އަހަރުތަކުގައި އެކުންފުނިން ވަނީ ކުންފުނީގެ ކުޑަ ހުޅުވާލައި ރާއްޖޭގެ ވިޔަފާރީގެ މައިދާނުގައި ކުންފުނީގެ މޫގަނޑު އިތުރަށް ފަތުރާލާފައެވެ. މިހާރު އެކުންފުނީގެ ކުޑައިގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރު ޤައުމުތަކުގައި އުދުހޭ އެއާރލައިނަކާއި، ޓްރެވެލް އެޖެންސީއަކާއި، ހޮޓެލްތަކުގެ އިތުރުން އަދިވެސް ފަތުރުވެރިކަމާ ގުޅޭ ތަފާތު ކުންފުނިތައް ހިންގައެވެ. އެހުރިހާ ކުންފުނިތަކެއްގެ މައި އޮފީސްތައް ވަނީ ޑަބްލިއު ކުންފުނީގެ މައި އިމާރާތުގައެވެ. އިމަރާތުގެ ކޮންމެ ބުރިއެެއް ހާއްސަކުރެވިފައިވަނީ ކުންފުނީގެ ކުޑައިގެ ދަށުން ހިންގާ ކުންފުނިތަކަށެވެ.

ކަޅުކުލައިގެ ކާރު އައިސް މަޑުކޮށްލުމާއެކު އިމާރާތުގެ މައިދޮރާށީގެ ފާރަވެރިޔަކަށް ހުރި މީހާ އައިސް ކާރުގައި އިން ޒުވާނާ ފޭބުމަށް ދޮރުހުޅުވާލަ ދިނެވެ. އެއާއެކު ކާރުގައި އިން އަޝްކާން އޭނަގެ އަތުގައި އޮތް އަވިއައިނުން އެތޫނުފިލި ދެލޯ ފޮރުވާލަމުން ކާރުން ފައިބައި އޭނަގެ ހަފޫޓުގެ ދިގު އިސްކޮޅުގެ މައްޗަށް ތެދުވިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ސޫޓް ބައިމަތި ފުޅާ ހަށިގަނޑަށް ހިފާލާފައި ވާއިރު ގަވައިދުން ޖިމަށް ގޮސް ކަސްރަތުކުރާކަން އެހަށިގަނޑަށް ބަލާލިޔަސް އެނގޭހާ ވެއެވެ.

އަޝްކާން ގޮސް އެތެރެއަށް ވަނުމާއެކު އޭނައާއި ފުރަތަމަވެސް ބައްދަލުކުރީ ޒުވާން އުމުރުފުރައިގެ އަންހެން ކުއްޖެކެވެ. އެއީ އަޝްކާންގެ ސެކްރެޓަރީ ވިވިއަން އެވެ. ދުވަހުގެ މަރުޚަބާ އަރިސްކުރަމުން އަޝްކާން އާއި އެއްހަމައެއްގައި ލިފްޓާއި ދިމާއަށް ހިނގައިގަތް ވިވިއަން، ދުވަހުގެ ތާވަލު އަޝްކާންއަށް ކިޔައިދޭން ފެށިއެވެ.

''މިއަދު ހެނދުނު އޮންނަ ޑިޕާރޓްމެންޓްތަކުގެ އިސްވެރިންގެ މީޓިންގްއަށް ފަހު ނުވައެއް ޖަހާއިރު ސެކްރެޓަރީ ޕޮޒިޝަންގެ އިންޓަވިއު އޮންނާނެ، އެއަށްފަހު އަލަށް ހުޅުވަން އުޅޭ ރިސޯޓުގެ މެނޭޖްމެންޓްގެ ބައްދަލުވުމެއް މެންދުރުފަހު ދޭއް ޖަހާއިރު އޮންނާނެ...'' އަތުގައި އޮތް އައިޕެޑުން އަޝްކާންގެ ދުވަހުގެ ތާވަލު ވިވިއަން ކިޔައިދިނެވެ. އެއަށްފަހު އަޝްކާންއާއެކު ގޮސް ހުއްޓުނީ ލިފްޓް ކުރިމައްޗަށެވެ. ފާރުގައި ހުރި ލިފްޓްގެ ބަޓަނަށް ފިތާލީ ވިވިއަންއެވެ.

އަތުކުރީ އޮތް ގަޑިއަށް އަޝްކާން ބަލާލިއެވެ. ލިފްޓްގެ ދޮރު ހުޅުވިގެން ދިއުމާއެކު އަޝްކާން ލިފްޓަށް އެރިއެވެ. އަޝްކާންގެ ފަހަތުން ވިވިއަން ވެސް އެރިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުން ވިވިއަންއަށް ޖެހުނީ ހިމޭންކަން އިހުތިޔާރުކުރާށެވެ. އޭރު އަޝްކާން ހުރީ ފޯނުން އޭނައަށް އައިސްފައި ހުރި މެއިލްތައް ބަލާށެވެ. އަޝްކާންއަށް ބަލަން ހުރެފައި ވިވިއަން ފުންނޭވާއެއް ދޫކޮށްލިއެވެ.

އަޝްކާންގެ ސެކްރެޓަރީއެއްގެ ގޮތުގައި ވިވިއަން މަސައްކަތްކުރާތާ މިހާރު އަހަރަކަށްވުރެން ގިނަދުވަސް ވަނީއެވެ. އެހާ ގިނަ ދުވަސް ވީއިރުގައިވެސް އޭނައަށް އަޝްކާން ރަގަޅަށް ދަސްވެފައި ނެތެވެ. އަޝްކާން އަކީ ވިވިއަންއަށް ހައްލުކުރަން ދަތި އަރަތެކެވެ. އަޝްކާންގެ ރުންކުރު މިޒާޖުގެ ސަބަބުން އެތައް ފަހަރަކު ވަޒީފާއިން ވަކިވާންވެސް އޭނަގެ ހިތަށް އަރައެވެ. ނަމަވެސް ވަޒީފާގެ މުހިންމުކަމުން އޭނައަށް މަޖުބޫރުވެފައިވީ މިހާތަނަށް ވަޒީފާގައި ދެމިހުންނާށެވެ. ނަމަވެސް އޭނަގެ ކައިވެނީގެ ދުވަސް ކައިރިވަމުން އަންނާތީއާއި އޭނަގެ ވާން އުޅޭ ފިރިމީހާ އެވަޒީފާގައި އޭނަ ހުންނަން ބޭނުންނުވާތީ ވިވިއަން ވަނީ ވަޒީފާއިން ވަކިވާން ސިޓީ ލާފައެވެ. މިއަދު އޮތް އިންޓަވިއުއަކީ އޭނަ ދިއުމުން އެމަޤާމަށް އައްޔަންކުރާނެ ކުއްޖަކު ހަމަޖައްސަން އޮތް އިންޓަވިއުއެވެ.

(ނުނިމޭ...)

https://www.sun.mv/115906

comment ކޮމެންޓް