ނުރަސްމީ ‏‏ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވި އިރު، އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު އެއްވައުދު ކަމުގައިވާ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށްޓަކައި އުފައްދާފައިވާ ދެ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމާ ބެހޭ ގާނޫނު މަޖިލީހުން އަދި ވެސް އޮތީ ފާސް ނުކޮށެވެ. އެ މައްސަލާގައި ރައީސް ސޯލިހު ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ.

ތިން ފަހަރަށް އެޖެންޑާކޮށްގެން ވެސް، ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ބިލަށް ވޯޓަށް އަހާފައި ނުވާ އިރު، މިއަދު އެ ބިލަށް ވޯޓަށް އެހުން ވަނީ އެޖެންޑާ އިން ނަގައިފަ އެވެ.

އެކަމާ ބެހޭ ގޮތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ޖަލްސާގައި ވިދާޅުވީ ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމައި ފޮނުވި ކޮމިޓީ ރިޕޯޓުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ، އެ ކޮމިޓީގެ ފަސް މެމްބަރަކު ސޮއިކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބަލަންދެން އެ ބިލަށް ވޯޓަށް އެހުން އެޖެންޑާއިން ނަގާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް