އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ކުރަމުން އަންނަ ހުވަފެން ހަގީގަތަކަށްވުން ވަރަށް ކައިރި!

އިއްޔެ ރައީސް އޮފީހުގައި އޮލިމްޕިކް ކޮމިޓީގެ ވެރިންނާއި ރައީސް ސޯލިހްއާ އެކު ބޭއްވުނު ބައްދަލުުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް ކުރަމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ޓަކައި ސަރުކާރުން ތާއީދު ކުރައްވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސް އޮފީހުގައި އެމްއޯސީގެ އިސްވެރިންނާއި ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަކީ މި އަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރާއްޖޭގެ ރައީސް ވަޑައިގަތުމަށް އެ ގައުމުގެ ޓުއަރިޒަމް މިނިސްޓަރު ދެއްވި ދައުވަތު ހަވާލު ކުރުމަށް ޓަކައި ބޭއްވުނު ބައްދަލު ވުމެކެވެ.

އިއްޔެ ރައީސް އޮފީހުގައި އޮލިމްޕިކް ކޮމިޓީގެ ވެރިންނާއި ރައީސް ސޯލިހްއާ އެކު ބޭއްވުނު ބައްދަލުުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މަރްޒޫގް ވިދާޅުވީ، އިއްޔެ ބޭއްވި ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ބިޑް ކުރާނެ ކަމުގެ ފެހި ސިގްނަލް ރައީސް ސޯލިހް ދެއްވި ކަމަށެވެ. އަދި ރާއްޖޭގެ އޮލިމްޕިކް ކުޅިވަރުތައް ކުޅޭ ވަސީލަތްތައް އެންމެ ޒަމާނީ ފެންވަރެއްގައި ބެހެއްޓުމަށް ސަރުކާރުން ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އެފަދަ ބޮޑު އިވެންޓެއް ބޭއްވުމަށް ރާއްޖޭގައި ހުރި ވަސީލްތަކަކީ ކޮބާތޯ ބަލައި އިތުރައް ބޭނުންވާ ވަސީލަތްތައް ފޯރު ކޮށްދީ ފެންވަރު ރަނގަޅު ބިޑެއް ހުށައަޅާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް މަރްޒޫގް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގޭމްސް ބޭއްވުމުން، އެންމެން ފައިދާވާނެ ގޮތަށް މިހާރު ހުރި ވަސީލަތްތައް ޒަމާނީކުރުމަށާއި މިހާރު ވެސް ކޮންމެހެން ބޭނުންވެފައިވާ ވަސީލަތްތައް ގާއިމްކުރުމަށް ފުރުސަތު ފަހިވެގެންދާނެ،" މަރުޒޫގު ވިދާޅުވި އެވެ.

މިއަހަރު މޮރިޝަސްގައި ބޭއްވޭ ގޭމްސް ރާއްޖޭގައި ބޭއްވުމަށް 2015 ވަނަ އަހަރު ރާއްޖޭގެ އޮލިމްޕިކް ކޮމިިޓީއިން މަސައްކަތް ކުރި ނަމަވެސް އެކަށީގެންވާ ވަސީލަތްތައް ނެތުމާއި އޭރުގެ ސަރުކާރުގެ އެއްބާރުލުން އެކަމަށް ނުލިބުމުގެ ސަބަބުން މުބާރާތް ބޭއްވުމަށް ބިޑް ކޮށްފައެއް ނުވެ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ އެފްރިކާގެ އިރުމަތީ ބިތުގައިވާ އިންޑިއާ ކަނޑުގެ ތެރޭގައި އުފެދިފައިވާ ޖަޒީރާ ގައުމުތަކުގެ މެދުގައި ބޭއްވޭ ވަރަށް ތާރީހީ މުބާރާތެކެވެ. މި މުބާރާތަކީ އިންޓަނޭޝަނަލް މުބާރާތަކުން ރާއްޖޭ އެންމެ ބޮޑު ކާމިޔާބީތައް މީގެ ކުރިން ހޯދާފައިވާ މުބާރާތެވެ. އެގޮތުން މިދިޔަ ފަހަރު މި މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

comment ކޮމެންޓް