ސައުދީއަރަބިއްޔާއިން އެމެރިކާއަށް ކަނޑައެޅި އާ ސަފީރަކަށް އަލްއަމީރާ ރީމާ ބިންތު ބަންދަރު ބިން ސުލްތާން ބިން އަބްދިލްއަޒީޒް އާލްސުއޫދު ހަމަޖައްސައިފިއެވެ.
އަމީރާ ރީމާ ސަފީރުކަމުގެ މަގާމަށް ހަމަޖެއްސީ ސައުދީއަރަބިއްޔާގެ ރަސްގެފާނުގެ ގަނޑުވަރުން އިއްޔެ ނެރުއްވި ޝާހީ ގަރާރަކުންނެވެ. މިއީ ސައުދީއަރަބިއްޔާގެ މުޅި ތާރީހުގައި ވެސް އެ ގައުމުގެ ސަފީރަކަށް އަންހެން ބޭފުޅަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
އަމީރާ ރީމާ އެކަމަނާގެ ހަޔާތްޕުޅުގެ ވަރަށް ބޮޑު ބައެއް ހޭދަ ކުރައްވައިފައި ވަނީ ވެސް އެމެރިކާގައެވެ. އެއީ އެކަމަނާގެ ބައްޕާފުޅުގެ ސަފީރަކަށް ހުންނެވި އިރުއެވެ.
އަމީރާ ރީމާގެ ބައްޕާފުޅު އަލްއަމީރު ބަންދަރު ބިން ސުލްތާން ބިން އަބްދިލްއަޒީޒް އާލްސުއޫދު ވަނީ ސައުދީއަރަބިއްޔާގެ ސަފީރެއްގެ ގޮތުގައި 1983 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމަޔަށް އެމެރިކާގައި މަސައްކަތް ކުރައްވައިފައެވެ.
އަމީރާ ރީމާ އެކަމަނާގެ ފުރަތަމަ ޑިގްރީ، މިއުޒިއަމް ސްޓަޑީޒްގެ ދާއިރާން، ހާސިލު ކުރައްވައިފައި ވަނީ އެމެރިކާގެ ޖޯޖް ވޮޝިންޓަން ޔުނިވާސިޓީންނެވެ.
އަމީރާ ރީމާއަކީ ދެ ފަރާތުން ވެސް ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަނާގެ ބައްޕާފުޅުގެ ފަރާތްޕުޅުގެ އިތުރުން މަންމާފުޅުގެ ފަރާތްޕުޅުން ވެސް ސައުދީއަރަބިއްޔާގެ ބާނީ އަލްމަލިކު އަބްދުލްއަޒީޒު އާލްސުއޫދަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ.
އެކަމަނާގެ މަންމާފުޅު ހައިފާ ބިންތު ފައިސަލްއަކީ އަލްމަލިކު ފައިސަލް ބިން އަބްދިލްއަޒީޒް އާލްސުއޫދުގެ ދަރިކަނބަލުންނެވެ. އެހެންކަމުން އަމީރާ ރީމާގެ މަންމާފުޅާއި ބައްޕާފުޅު ވެސް ކާފަ ވިދާޅުވަނީ އަލްމަލިކު އަބްދުލްއަޒީޒު އާލްސުއޫދަށެވެ.
އަމީރާ ރީމާގެ ކުރީން ސައުދީއަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅައިފައިވާ ސަފީރުކަމުގެ މަގާމުގައި ހުންނެވީ މިހާރުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ކޮއްކޯފުޅު އަމީރު ޚާލިދު ބިން ސަލްމާން ބިން ޢަބްދިލްއަޒީޒް އާލްސުޢޫދެވެ. އަމީރު ޚާލިދު ބިން ސަލްމާން ސަފީރުކަމުގެ މަގާމުން ވަކިވެވަޑައިގަތީ ދިފާއީ ވަޒީރުގެ ނައިބުކަމުގެ މަގާމަށް ވަޑައިގަތުމަށް ޓަކައެވެ.