ކިރާ މަހަށް ވަގުތުން ފައިސާ ލިބޭ "މަސްވެރިޔާ ކާޑު" ތައާރަފްކޮށްފި

"މަސްވެރިޔާ ކާޑު" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ތައާރަފު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

މަސްވެރިން ކިރާ މަހަށް ވަގުތުން ފައިސާ ލިބޭ "މަސްވެރިޔާ ކާޑު" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައާރަފްކޮށްދެއްވައިފިއެވެ.

ރައީސް ސޯލިހު އެ ކާޑު ތައާރަފްކޮށްދެއްވީ އެކަމަށްޓަކައި ގއ. ކޫއްޑޫގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މަސްވެރިޔާ ކާޑާ ގުޅޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު "ސަން" އަށް ވިދާޅުވީ އެ ކާޑަކީ ޑިޖިޓަލް ވޮލެޓަކާ ގުޅިފައިވާ އެއްޗެއް ކަމަށެވެ.

ސައީދު ވިދާޅުވީ މަސް ގަންނަ ކުންފުނިން އެ ޚިދުމަތަށް ރަޖިސްޓްރީވުމުން ފިޝަރީޒް މިނިސްޓްރީން ލައިސެންސް ދީފައި ހުރި މަސްވެރި ހުރިހާ އުޅަނދެއް ފެންނާނެ ކަމަށެވެ. އަދި ޑިޖިޓަލް ވޮލެޓް ތެރެއިން ވަގުތުން މަސް ވިއްކާ އޮޑިއަށް ފައިސާ ދައްކާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮޑިވެރި ފަރާތްވެސް ވަނީ އެ ޑިޖިޓަލް ވޮލެޓްގެ ތެރެއިން ވަގުތުން ފަޅުވެރިންނަށް ފައިސާ ދެއްކޭނެ ކަމަށެވެ.

"އޮޑިވެރި ފަރާތްވެސް މި އިންނަނީ މި ވޮލެޓާ ގުޅިފަ. އޮޑިވެރި ފަރާތަށް ވެސް އެބަފެނޭ ފައިސާ ޖަމާކުރި އަދަދާއި މި ހުރިހާ މައުލޫމާތެއް. ދެން އެ ޖަމާވާއިރަށް ވަގުތުން ފަޅުވެރިޔާއަށް ފައިސާ ދެވޭނެ. އޮޑިވެރިޔާއަށް ސިސްޓަމަށް އެޑްކޮށްލެވޭނެ ހުރިހާ ފަޅުވެރިން. ފަޅުވެރިން ވެސް އެޑްކޮށްލަނީ ފޯނު ނަންބަރު ޖަހައިގެން. މި ކާޑަކީ އިންޓަނޭޝަނަލް ކާޑެއް. މި ކާޑު ފައިސާ ނެގުމަށާއި ފައިސާ ދޫކުރުމަށް ބޭނުން ކުރެވޭނެ. މިއީ ރީލޯޑަބަލް ކާޑެއް،" ސައީދު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަސްވެރިޔާ ކާޑަކީ މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ފިލުވައިދޭނެ ކާޑެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ޚިދުމަތުގެ ސަބަބުން ނަގުދު ފައިސާއާ ނުލާ ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު އޮޑިވެރިންނާއި މަސްވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

"މީގެކުރީގައި ކަން ހިނގިގޮތަށް މަސް ކިރުވި ފައިސާ ނުލިބޭ ހިތާމައިގައި ދުވަސްތައް ގުނަގުނާ ތިބޭކަށް ނުޖެހޭނެ. އަދި ފައިސާ ހޯދުމަށްޓަކައި ދަތުރު ހަދާފައި އެހެންތަނަކަށް ދާކަށްވެސް ނުޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ ކާޑަށް ފައިސާ ޖަމާވުމަކީ މަސް ކިރާ ކުންފުނިތަކުން ވަގުތުން ނަގުދު ފައިސާއިން ފައިސާ ދިނުމަށް ވުރެ ވެސް ރައްކާތެރި ގޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އަތުގައި ފައިސާ ގެންގުޅޭއިރު ދިމާވާ ފައިސާ ގެއްލުމާއި ފައިސާ ވަގަށް ނެގުންފަދަ އެތައް ކަމެއް މެދުވެރިވުން ހުއްޓުވޭނެ އެ ކާޑުގެ ސަބަބުން ހުއްޓިގެންދާނެ ކަމަށެވެ. އަދި އޮޑިވެރިންނަށް މިކާޑުން ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ތެޔޮ ގަތުމާއި އައިސް ގަތުން ފަދަ ކަންކަމަށް އަތުގައި ނަގުދު ފައިސާ ގެންގުޅެން ނުޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ކާޑުން ކުރާ އެއްވެސް މުއާމަލާތަކަށް އިތުރު ފީއެއް ނުނަގާނެ ކަމަށެވެ.

comment ކޮމެންޓް