ޔާމީން އޮންނެވީ މާފުށީ ޖަލުގައި މައުމޫން އޮންނެވި ގޮޅީގައި!

ކުރީގެ ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް މައުމޫން: ރައީސް ޔާމީން ބަހައްޓާފައި ހުންނެވީ ކުރިން ރައީސް މައުމޫން ބެހެއްޓި ގޮޅީގައި -- ސަން ފޮޓޯ

ރައީސް ޔާމީން މާފުށީ ޖަލުގައި ބަހައްޓާފައި ހުންނެވީ ކުރިން އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ބަހައްޓާފައި ހުންނެވި ގޮޅީގައި ކަން "ސަން" އަށް އެނގިއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ. އެމަނިކުފާނު ވަނީ މާފުށީ ޖަލުގެ އިތުރުން ދޫނިދޫ ޖަލުގައި ވެސް ބަހައްޓައިފަ އެވެ.

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމުރު ކުރުމާ އެކު އެމަނިކުފާނު ގެންގޮސްފައި ވަނީ ފުލުހުންގެ ލޯންޗުގައި މާފުށީ ޖަލަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އަހުމަދު ލުގުމާނު "ސަން"އަށް ވިދާޅުވީ އެމަނިކުފާނު ބަހައްޓާފައި ވަނީ ބަންދުގައި ތިބި އެހެން މީހުންނާ ހިލާފަށް "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް" ގޮޅިއެއްގައި ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ބަހައްޓާފައި ހުރި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް ގޮޅިއަކީ މާފުށީ ޖަލުގައި ރައީސް މައުމޫން ބަންދުގައިކޮށްފައި ބެހެއްޓި ގޮޅި އެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ، ހައްޔަރު ކުރާ ބޭބޭފުޅުން ބެހެއްޓުމަށް، ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތަކުގައި ގޮދަނޑިއެއް ހުންނަ އެނދަކާއި، އޭސީއާއި އައިސް އަލަމާރި ވެސް ހުރެ އެވެ. އަދި ސާފު ތާހިރުކޮށް ބަލަހައްޓާ ފާހާނާއެއް ވަކިން ބަހައްޓާފައި ހުރެ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ބަހައްޓާފައި ހުންނަނީ އެފަދަ ގޮޅިއެއްގަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މައުމޫން ޖަލުގައި ބަންދުކޮށްފައި ހުންނެވި އިރު އެމަނިކުފާނުގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެކަމަކު އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައި ނުވާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެފަ އެވެ.

comment ކޮމެންޓް