ވިލިނގިލީގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އައްޑޫއަށް ފޮނުވާލައިފި

ވިލިނގިލީގައި މަރުވެފައި އޮއްވާ ފެނުނު ސިމާދު: އޭނާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ ސިޓީ އަށް ފޮނުވާފައި --

ޒަހަމްތަކަކާއެކު ގއ. ވިލިނގިލިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އައްޑޫ ސިޓީއަށް ފޮނުވާލައިފި އެވެ.

ޒަހަމްތަކަކާއެކު ވިލިނގިލިން މިއަދު ހެނދުނު މަރުވެފައި އޮއްވާ ފެނުނީ، އެ ރަށު މީހަކާ އިނދެގެން އުޅޭ އައްޑޫ ސީޓީއަށް ނިސްބަތްވާ 39 އަހަރުގެ ހުސައިން ސިމާދުއެވެ.

ސިމާދުގެ އަންހެނުންގެ ކޮއްކޮ ނަދީމް މުހައްމަދު މިރޭ "ސަން"އަށް ވިދާޅުވީ، އައްޑޫ ސިޓީ، ސިމާދުގެ އައިލާގެ އެދިވަޑައިގަތުމުގެ މަތިން، މިރޭ 9:50 ހާއިރު ސިމާދުގެ ހަށިގަނޑު ކަނޑުމަގުން އައްޑޫ ސިޓީ އަށް ފޮނުވާލައިފައިވާ ކަމަށެވެ.

ސިމާދުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައި ވީނަމަވެސް ނަދީމްއާއި ފުލުހުންވެސް އެވާހަކަތައް ދޮގު ކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި އިތުރު ތަފްސީލު ލިބޭވަރަކުން ހާމަ ކުރާނެ ކަމަށެވެ.

ސިމާދު މަރުވެފައި އޮއްވާ ފެނިފައިވަނީ އެރަށު މީހުން ނޫޅޭ ސަރަހައްދުގައި ހުންނަށް ދޯނި ބަންނަ ހަރުގެއެއްގެ ތެރެއިންނެވެ.

މިއަދު ހެނދުނު ހޮސްޕިޓަލުގައި ހުންނަވާ ވިލިނގިލީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ "ސަން" ވިދާޅުވެފައި ވަނީ، ސިމާދުގެ ހަށިގަނޑުގެ ބޭރު ފުށުން ވަރަށް ބޮޑަށް ޒަހަމްތަކެއް އހުރި ކަމަށާއި ލަފާ ކުރެވޭ ގޮތުގައި އޭނާ މަރާލާފައި ވަނީ ޕްލޭންކޮށްގެން ކަމަށެވެ.

"ކަރުގެ ދެ ތަނެއް ވަނީ ފިހިފައި. ފައިގައި ނަރުގަނޑެއް ފަދަ އެއްޗެއް އޯޅާފައި ހުރުމުން އެ ނިޝާންތައް އެބަހުރި. ބެލޭވޭނީ ކުރިކަމެއް ކޮށްފައި ވަނީ އޭނާގެ ފައި ބަނދެގެން ކަމަށް،" މުސްތަފާ ވިދާޅުވިއެވެ.

ސިމާދަކީ މިދިޔަ ނޮވެމްބަރު މަހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލާގައި ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ނަމަވެސް ފަހުން އެ 13 މީހުން ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް