ވައްކަމެއް ކުރެއްވި ނަމަ މިއަދު ހުންނާނީ ކުރީގެ ރައީސް ޔާމީނާ އެކު ތާށިވެފައި ކަމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ގޭގައި މަޑު ކުރަން އަންގަވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ޓްރާންސްފާ ކުރި 33،000 ޑޮލަރު މަހުލޫފުގެ އެކައުންޓަށް ވަދެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
މަހުލުފުގެ އެކައުންޓަށް ފައިސާ ވަންކަން ހާމަވެފައިވާ އިރު މީގެ ކުރިން އޭނާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުއްލަވައިފަ އެވެ. އެގޮތުން ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން އޭނާ ވަނީ ކުރީގެ ރައީސް، ރައީސް ޔާމީން ދިރިއުޅުއްވި ގ. ދޫވެހި ކުރިމައްޗަށް ފޭކް ޑޮލަރުތަކެއް ވެސް އަޅުއްވައިފަ އެވެ.
މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވީ، ރައީސް ޔާމީންގެ ފޮޓޯ ޖެހި ޑޮލަރު މޭމަތީ ޖައްސަވައިގެން އެމަނިކުފާނު ދިރިއުޅުއްވި ގެ ކައިރިއަށް ފޭކް ޑޮލަރު އުކައި އެމަނިކުފާނުގެ މައްސަލަ ފުލުހަށް ހުށަހަޅުއްވައި ހެއްދެވީ އޭނާ ވައްކަމެއް ކޮށްފައި ނޯންނާނެތީ ކަމަށެވެ. އަދި ވައްކަމެއް ކުރެެއްވި ނަމަ އޭނާ މިއަދު ހުންނަވާނީ ރައީސް ޔާމީންގެ ކައިރީގައި ތާށިވެފައި ކަމަށް މަހްލޫފު ވިދާޅުވި އެވެ.
"އެފަދަ ކަމެއް އޮތްނަމަ ހުރީހީ ޔާމީން ކައިރީ ތާށިވެފައި. އެފަދަ ކަމެއް އޮތް ނަމަ ފުރަތަމަ ޖަލަށް ލާނެ އެކަކީ އަޅުގަނޑު،" މަހްލޫފު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ރިޕޯޓު އާންމު ކުރުމާ އެކު މަހްލޫފު ވަނީ އޭނާ ކުރި މުއާމަލާތުގެ ތަފްސީލާއި ވިޔަފާރީގެ ރަސީދުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެސްއޯއެފް އިން ޑޮލަރު ޖަމާ ކުރީ ސައްހަ ޑޮލަރު ގަތުމުގެ މުއާމަލާތަކާ ގުޅިގެންނެވެ.
ރިޕޯޓް އިއްވުމުގެ ދެ ވަނަ ދުވަހު ރައީސް އިބްރާހިމް ސޯލިހު ވަނީ އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ގޭގައި މަޑުކުރުމަށް މަހްލޫފަށް އަންގަވައިފަ އެވެ. އަދި އެ މައްސަލާގައި އެއްވެސް ކުށެއްވާ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.