ނާށިގަނޑު ހިފައިގެން ނުކުތީ ގައުމުގެ މިނިވަން ކަމަށްޓަކައި: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ---

އަތުގައި ހިފައި އެއްލާލީމާ މަގުމައްޗަށް ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ނުކުތީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ތިންވަނަ ދައުރަކަށް މާމިގިލީ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ކެމްޕެއިން އިއުލާނު ކުރެއްވުމަށް ގާސިމް މިރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެއްބަސްވުމާ ހިލާފުވެ، އަތުގައި ހިފައި ހޫރާލީމާ، މީހަކު ހަތަރު އަނާއެއް ވައްޓާލިއަސް އެކަން ގަބޫލުކުރަން ޖެހޭ ކަަމަށެވެ. އެހެން ނޫނީ ދެކޮޅެއް ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

" އަޅުގަނޑުމެން ދަންނަވައިފިން. އަޅުގަނޑުމެން ވަގަކަށް ނުކުރަން. އަޅުގަނޑުމެން އެވާހަކަ ރީތިކޮށް ބުނެފައި ހަތަރު ލީޑަރުންގެ ބައްދަލުވުމުގައިވެސް އެވާހަކަ ކިޔައިދީފައި. އަޅުގަނޑުމެން ނުކުމެ އެޅުގަނޑުމެން އެކަން ކުރަން ދިމާވީ." ގާސިމް ވިދާޅުވި އެވެ.

ނާށިގަނޑު ހިފައިގެން މަގުމައްޗަށް ނުކުތީ ގައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ސަލާމަތާއި އަމާން ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ސޯޝިއަލް މީޑިއާގައި އެމަނިކުފާނަށް ހުއްޓުމެއް ނެތި އެއްޗިހި ކިޔަމުންދާކަން ފާހަގަކޮށް ގާސިމް ވިދާޅުވީ އެކަމާ ބިރުން ނޫޅޭ ކަމަށެވެ.

" ކޮންމެ އެއްޗެއް ކިޔަސް ކޮންމެ ވާހަކައެއް ދެއްކިޔަސް ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ އިނގޭތޯ. ދުވާލުގެ އައްޔާއި ރޭގަނޑުގެ އަނދިރިކަން ފަދައިން ރާއްޖޭގެ ރައްޔިތުންނަށް މިއަދު އޮޅުންފިލާ ކަންތައް މިއީ. މިވަނީ ކިހިނެއް ކަން." ގާސިމް ވިދާޅުވި އެވެ.

ވިލާ ޓްރެވަލްސްގެ އެކައުންޓަށް އެސްއޯއެފްއިން ޑޮލަރުތަކެއް ޖަމާވި ކަމަށް އޭސީސީން ހާމަކުރި އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓުން ހާމަވެ އެވެ. އެކަމުގެ ތަފްސީލެއް މިރޭ ގާސިމް ދެއްވި އެވެ. ވިދާޅުވީ ވިލާ ޓްރެވަލްސްއަކީ އެތައް ބައިވަރު ބަޔަކަށް ދިވެހި ރުފިޔާއިން ޓިކެޓް ވިއްކަމުންދާ ބައެއް ކަމަށެވެ.

" ޑޮލަރު ގަންނަން އެބަޖެހޭ. އޭރުވެސް މިހާރުވެސް ޑޮލަރު ގަންނަމުން ދަނީ. އޭރުވެސް މިހާރުވެސް ހުރިހާ އިރަކުވެސް. ބެންކްތަކުން ނުލިބެންޏާ ވިއްކިތާކުން ވިއްކި މީހެއް އަތުން ގަންނަނީ." ގާސިމް ވިދާޅުވި އެވެ.

ޑޮލަރު ގަނެ ވިއްކުމަކީ ކުށެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމަކު އެކަމަށް އެމްއެމްއޭއިން ދޫކުރާ ހުއްދައެއް އޮންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

comment ކޮމެންޓް