ރާނީގެ ފިލްމު "މަރްދާނީ"ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ މަހު

މަރްދާނީގެ މަންޒަރެއްގައި ރާނީ--

ދެހާސް ސާދަ ވަނަ އަހަރު ރިލީޒްކުރި ފިލްމު "މަރްދާނީ"ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް ނިންމައިފި އެވެ.

މުމްބާއީގައި ފިލްމު ޝޫޓް ކުރަން ފަށަން ނިންމާފައިވާ އިރު އެ ފިލްމުގެ ދެވަނަ ބައިގައި ވެސް ފެނިގެންދާނީ ފުރަތަމަ ބައިންވެސް ފެނުނު ކާމިޔާބު ބަތަލާ ރާނީ މުކަރްޖީ އެވެ.

ފުލުހެއްގެ ރޯލުން ރާނީ ފެނިގެންދާ އެ ފިލްމު ޑައިރެކްޓް ކުރަނީ ގޯޕީ ޕުތުރަމް އެވެ. އެ ފިލްމު ޕްރޮޑިއުސްކުރަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިންނެވެ.

ފިލްމުގެ ޝޫޓިން ފަށާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

ފިލްމުގެ ދެވަނަ ބައިގައި އެކްޝަން ގިނަ މަންޒަރުތައް ހިމެނޭ އިރު ފިލްމުގެ ބާކީ ކާސްޓުން އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް މިފަހަރުގެ ފިލްމުގެ ވިލަންގެ އެއްގެ ރޯލުން ކުޅަދާނަ ތަރިއެއް ފެންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ޔާޝް ރާޖް ފިލްމްސް އިން ގެނެސްދިން އެ ފިލްމުގައި ރާނީ ފެނިގެންދިޔައީ ވަރަށް ވަރުގަދަ އަންހެން ޝަހްސިއްޔަތެއްގެ ރޯލުންނެވެ.

ރާނީ މީގެ ކުރިން ވެސް ވަނީ "މަރްދާނީ"ގެ ދެވަނަ ބައެއް ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

"ފިލްމު އޮފާސް އެބަ ލިބޭ. ލޯބީގެ ފިލްމެއް ބާވައޭ. ނޫނީ މަރްދާނީގެ ފިލްމެއް ބާވައޭ. ނުނިންމިފައި މިހުރީ އަދި ކުޅޭނެ ފިލްމެއް،" އޭނާ ކުރިން ބުނެފައިވެ އެވެ.

އޭނާ އެންމެ ފަހުން ފެނުނީ ކާމިޔާބު ފިލްމު "ހިޗްކީ"އިންނެވެ.

comment ކޮމެންޓް