ރ. އަނގޮޅިތީމުގެ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅި ކަންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު އަނގޮޅިތީމު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށް ހުރި ދަތިތައް ރައީސް ސޯލިހާ ހިއްސާ ކޮށްފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ކައުންސިލް އިދާރާ އަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ރައީސް އާ ހިއްސާ ކުރައްވައިފަ އެވެ. ރަށުގެ ނަރުދަމާ އަދި ފެނުގެ މަޝްރޫޢުގެ މަސައްކަތްތަކާއި، ބަނދަރު މަރާމާތުކުރުމުގެ މަސައްކަތްތަކާއި ފުޓްސަލްދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ ރައީސް އަރިހު އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ހެލްތު ސެންޓަރަށް ކުރިމަތިވެފައިވާ ދަތިދަކާއި މަގުތައް އަޑިގުޑަންވެފައި އޮތުމުން ކުރިމަތިވަމުންދާ ދަތިތައް ވެސް ކައުންސިލުން ވަނީ ރައީސް އާ ހިއްސާ ކުރައްވައިފަ އެވެ.
މީގެ އިތުރުން ކައުންސިލް މެންބަރުން ވަނީ އަނގޮޅިތީމުގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ރަށުން ލިބެންހުރި އަސާރީ ތަކެތި ބެހެއްޓުމަށް މިއުޒިއަމެއް އިމާރާތްކޮށްދެއްވުމަށް ވެސް ރައީސް އަރިހުން އެދިވަޑައިގެންފަ އެވެ.
މިބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އަނގޮޅިތީމްގެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ކުރިއަށްދާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.