ގްލޯބަލް މަނީ ވީކް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަނީ

ދިވެހި ފައިސާގެ ބައެއް ނޫޓުތައް -- ފޮޓޯ/ އެމްއެމްއޭ

މި އަހަރުގެ ގްލޯބަލް މަނީ ވީކް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމައިފިއެވެ.

ޒުވާނުންއި ކުޑަކުދިންގެ މެދުގައި އިގްތިސާދާއި ފައިސާގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވުމުގެ ގޮތުން ކޮންމެ އަހަރެއްގެ މާޗު މަހު ފާހަގަކުރާ ހަރަކާތެކެވެ. މިއީ ޗިލްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން 2012 ވަނަ އަހަރުން ފެށިގެން ހިންގާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ.

ގްލޯބަލް މަނީ ވީކްގެ ހަރރަކާތްތައް ފެށުމުގެ ގޮތުން، އެ ހަރަކާތަށް ހާއްސަކޮށްފައިވާ ފޭސްބުކް ޕޭޖުގައި މިއަދު އާންމުކުރި ވީޑިއޯއެއްގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެމްއެމްއޭއިން އެކި ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ ކުޑައިރުއްސުރެ ކުޑަކުދިންނަށް ފައިސާގެ މުހިންމުކަމާއި އިގްތިސާދުކުރެވޭނެ ރަނގަޅު ގޮތްތައް ކިޔައިދޭންޖެހޭ ކަމަށެވެ.

https://www.youtube.com/watch?v=c-hIK2Mqcwk

މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކުގެ ހަރަކާތްތައް ކުރިއަށްދާނީ އެމްއެމްއޭގެ އިސްނެގުމާއެކު އެޑިއުކޭޝަން މިނިސްޓްރީއާއި މާލީ ދާއިރާގެ ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކުގައެވެ.

މިއަހަރު ހިންގާ ހަރަކާތްތަކުގެ ތެރޭގައި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ސްކިޓު ހެދުމާއި ޒުވާން ވިޔަފާރިވެރިންގެ ފޯރަމެއް ހިމެނެއެވެ.

ގްލޯބަލް މަނީ ވީކްގެ ރާއްޖޭގެ ހަރަކާތްތައް "ގްލޯބަލް މަނީ ވީކް މޯލްޑިވްސް" ފޭސްބުކް ޕޭޖުން ފެންނާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ޕޭޖްގައި ވަނީ "ލައިކް ޝެއާ އެންޑް ވިން" ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ހަނދާނީ ނޫޓެއް ދިނުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.

comment ކޮމެންޓް