މާހައުލަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. އަފްލާކްއަށް ބަލަން ހުރި އާޒިމު ދެތިން ފަހަރަކު ވާހަކަދައްކަން އުޅުނެވެ. ނަމަވެސް އަފްލާކްގެ އުދާސްތައް ލުއިކޮށްދޭން އޭނައަށް ދެކެވޭނެ ވާހަކައެއް ނެތުމުން ޚިޔާރުކުރެވުނީ ހިމޭންކަމެވެ. އަފްލާކްއަށް މަދަދުވެރިވާން ގޮތް ހުސްވެފައިވާ މިންވަރު އާޒިމުގެ ދެލޮލުން ފެނެއެވެ. ފައިސާއާއި މުދަލާއި ބާރުވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ޖަރީމާއެއް ހިންގަން ވެސް ރަމީޒު ފަސްނުޖެހޭނެކަން ފާއިތުވި ދުވަސްތަކުގައި އެވަނީ ސާބިތުކޮށްދީފައެވެ. އިންސާނުންގެ ފުރާނައަކީ ރަމީޒުގެ ކުރިމަތީގައި އެއްވެސް އަގެއް ނެތް އެއްޗެއްކަން ވެސް އެވަނީ ހާމަކޮށްދީފައެވެ. ލިބިފައިވާ ބާރުގެ ބޭނުން މަކަރުވެރިކަމާއެކު ހިފަމުން އެދަނީ ތިމާގެ އަމިއްލަ މުހުތާދުތައް ފުއްދުމަށެވެ. ހިތާމައަކީ ރަމީޒުގެ ނުބައި ރޭވުންތަކަށް ހުރަސް އެޅުމުގައި އެމީހުނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާތީއެވެ. ނުފޫޒުގެ ބޭނުންކޮށްގެން އެމީހުނަށްވުރެ ރަމީޒު އުޅެނީ އަބަދުވެސް އެއްފިޔަވަޅު ކުރީގައެވެ.

ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު އަފްލާކްގެ ކޮނޑުގައި އާޒިމު އަތްތިލަ ޖައްސާލީ ހިތްވަރުދިނުމުގެ އިޝަރާތެއްގެ ގޮތުންނެވެ. އާޒިމަށް ބަލާލި އަފްލާކްގެ ދެލޮލުގައިވަނީ ދޭހަކުރަން އުނދަގޫ ޝުޢޫރުތަކެކެވެ.

''އޭނަގެ ސަބަބުން އިތުރު މީހަކަށް ދެރަގޮތެއް ވުމުގެ ފުރުސަތު އަހަރެން ނުދޭނަން، އޭނައަށް އެންމެ ތަންފުކެއް ވެސް ދެން އަހަރެން ދުލެއް ނުދޭނަން...'' އަފްލާކް ބުންޏެވެ. އޭނަގެ އަޑުގައި ހިތާމަޔާއި އެކުވެ ރުޅިވެރިކަމުގެ އަސަރުތައް ވެސް ވިއެވެ. އޭނަގެ ދެލޮލުން ރަމީޒުއާ މެދު އެހިތުގައި އުފެދިފައި އޮތް ނަފުރަތު ހާމަކޮށްދެއެވެ.

''އަފްލާކް، މިއީ ޖަޒުބާތުގައި ޖެހިގެން ކަންތައްކުރަންވީ ވަގުތެއް ނޫން، އަހަރެން ބޭނުމެއް ނޫން ރުޅީގެ މައްޗަށް އަފްލާކް އަމަލުކުރާކަށް، މިވަގުތު އަފްލާކްގެ އެހީ ޒޯހާއަށް ވަރަށް ބޮޑަށް ބޭނުންވާނެ... މިހިތާމަވެރި ވަގުތުގައި އަފްލާކް މޮޔަކަމެއް ކޮށްފިނަމަ އެކަމުގެ އަސަރު ހުރިހާ އެންމެނަށް ވެސް ކުރާނެ... އަހަރެން މިދޭ ނަސޭހަތުގައި ހިފާ... ރުޅީގެ މައްޗަށް ބުރަނުވޭ، އެހެންނޫނީ ފަހުން ހިތާމަކުރަންޖެހޭ ފަދަ ކަމަކާ ކުރިމަތިލާން ޖެހިދާނެ... ރަމީޒުއަށް އޭނަ ކުރި ކަންތަކުގެ އަޖުމަ ލިބޭނެ... ނުބައި މީހުންނަށް އަބަދަކު ކުރިއެރުމެއް ނުލިބޭނެ... އެމީހުން ކުރާ ނުބައިކަންތައް ކޮންމެވެސް އެއްދުވަހަކުން އެމީހުންނާ އެއްހަމަ ކުރާނެ، އެދުވަހަކުން ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެ، އެދުވަސް ލަހެއް ނުވެ އަންނާނެ...''

އާޒިމު މަސައްކަތްކުރީ އޭނަގެ އެކުވެރިޔާއަށް ވިސްނައިދޭށެވެ. ރުޅީގެ މައްޗަށް ކުއްލި ނިންމުންތައް ނުނިންމުމަށެވެ. އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާތައް ހަނދުމަކޮށްދިނެވެ. އެމީހުންނަށް އޮތީ ވިސްނުންތެރިކަމާއެކު ރަމީޒުއާ ކުރިމަތިލުމެވެ. ރަމީޒުއަށް މަދަދުވެރިވާ ހުރިހާ ފަރާތަކާ ރަމީޒުއާ އޮތް ގުޅުން ނެތިކޮށްލާށެވެ. ރަމީޒު އެކަހެރި ކުރާށެވެ. އޭރުން ރަމީޒު ބަލިކަށިވާނެއެވެ. ހައްޤަށް ނަސްރު ލިބެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ.

އަފްލާކް ޚިޔާރުކުރީ ހަމަހިމޭންކަމެވެ. އޭގެ ސަބަބުން އާޒިމަށް ލިބުނީ ނުތަނަވަސްކަމެވެ. ހަމަހިމޭންކަން އެކުލެވިގެންވި އަފްލާކްގެ މޫނަށް ބަލަން ހުރެވުނީ އެހިމޭންކަމުގެ މާނަ ނަގަންވީ ކިހިނެއްކަން ނޭގޭ ހާލުގައެވެ. އަފްލާކް ކަންތައްކޮށްފާނެ ގޮތަކާ މެދު އެހިތުގައި ވަނީ ބިރުވެރިކަމެވެ.

*****

ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރަމުން ދިޔަ ޒޯހާގެ ހިތަށް އެންމެ އަސަރު ކުރީ ބައްޕަގެ ކަފުން ބަންދުކުރަން އުޅުނު ގަޑީގައެވެ. އެއީ މިދުނޔެ މަތިން ހަމަލޮލަށް ބައްޕަ ފެންނާނެ ފަހު ފަހަރުކަން ތަސައްވަރު ކުރެވުމާއެކު މޭގައި އުފެދިގެން އައީ ބަރުދާސްތުކުރަން ދަތި ރިހުމެކެވެ. އެރިހުން މުޅި ޖިސްމުގެ ތެރެއަށް ފެތުރުނު ހިނދު ލޮލުން ކަރުނަ އޮހޮރިގެން އައީ ހިތުގެ ހާލު ބަޔާންކޮށްދެމުންނެވެ. އެގިލަންވެރިކަމުގެ ތެރޭގައި ފިސްފިސްވަމުން އައި ވަގުތު ޒޯހާއަށް އިތުރު ވޭނެއް ތަހައްމަލުކުރަން ޖެހުނެވެ. އަސަރާއެކު ރޮމުން ދިޔަ މަންމަ ހިފަހައްޓަން މަސައްކަތްކުރަމުން ދިޔަ ޒޯހާއަށް ގިސްލެވެމުން ދިޔަ އެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން ކަފުން ބަންދުކުރި މަންޒަރު ބަލަން ހުރިއިރު ޖިސްމުގައި އުފެދިފައި ވަނީ ގަދަފަދަ ވޭނެކެވެ. އެވޭން ތަހައްމަލުކުރުން ޒޯހާއަށް ވީ ދަތިކަމަކަށެވެ. މަންމަ ގައިގައި ބައްދާލެވުނީ ރޮމުންރޮމުންނެވެ.

*****

ޖަނާޒާގެ ކަންތައް ނިމުނު އިރު އިރުއޮއްސިއްޖެއެވެ. މުޅި ދުނިޔެއަށް ވެރިވެގެން އައި އަނދިރިކަން ރަމްޒުކޮށްދެމުން ދިޔައީ ޒޯހާގެ ހަޔާތަށް ވެސް ވެރިވެފައިވި އަނދިރިކަމެވެ. ހިތާމަތައް ބަރުދާސްތުކުރަން އޭނަ ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. މަންމަގެ ހިތްވަރެއްކަމުގައި ވާން ބޭނުން ވާތީއެވެ. ނަމަވެސް ޖަނާޒާގެ ކަންތައް ނިންމާފައި އައިސް މައިގެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު ހީވީ އުދާސްކަމުގެ ސައިލެއް އޭނަ ވަށާލައި ހާސްކުރުވަން ފެށިހެންނެވެ. ގޭތެރެއަށް އުކަމުން ދިޔަ ކޮންމެ ނަޒަރަކާއެކު ސިފަވަމުން ދިޔައީ ލޯބިވާ ބައްޕައެވެ. ހަމައެއާ ވިދިގެން ބައްޕަގެ ޖަނާޒާގެ މަންޒަރުތައް ވެސް ސިފަކުރުރެވެމުން ދިޔައެވެ.

މަންމަގެ ހިތްވަރުކަމުގައި ވާން މަސައްކަތްކުރަމުން އައި ޒޯހާ ބަލިކަށިވެގެން ދިޔައީ ދެނެވެ. ޒޯހާއަށް ރޮއިގަނެވުނު ހިނދު ގާތުގައި ހުރި މާރިޔާއަށް ޒޯހާ ގާތަށް ޖެހިލެވުނީ މަދަދުވެރިކަމުގެ އަތެއް ފޯރުކޮށްދޭށެވެ. އޭރު ހެޔޮއެދޭ މީހުންތައް ފިޔަވައި ގޭތެރެ އޮތީ ފަޅުވެފައެވެ. ކުރީގައި ހުރެ ހިނގަމުން ދިޔަ މޫނިސާ ވެސް ފަސްއެނބުރި ޒޯހާއަށް ބަލާލިއެވެ. ކުރިއާ އަޅާ ބަލާއިރު މޫނިސާ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އެހެނަސް، ވޭނުގައިވި ދަރިފުޅާއި އޭނަގެ ނަޒަރު ބައްދަލުވުމާއެކު އަނެއްކާ ވެސް އެދެލޮލުން ކަރުނަތައް ފައިބައިގަތެވެ.

ދުރުގައި މަންޒަރު ބަލަން ހުރި އަފްލާކްއަށް ފެންނަމުން ދިޔަ މަންޒަރުތަކުން ފުން އަސަރުތަކެއް ކުރިއެވެ. އޭނަގެ ނަޒަރު ޒޯހާއަށް ހުއްޓުނު ހިނދު މޭގެތެރޭގައި ހިތް ގެނބުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ޒޯހާ ގާތަށް ދިއުމަށް އަޅާލި ފިޔަވަޅުތަކުގައި ކަސްތޮޅު އެޅިގެން ދިޔައީ ރަމީޒު ބުނި ބަސްތައް ކަންފަތުގައި ތަކުރާރުވެގެން ދިއުމުންނެވެ. އެއާއެކު މުޅި މީހާ ގަނޑުވެއްޖެއެވެ. ޒޯހާ ގާތަށް ދިއުމުގެ ހިތްވަރެއް އަފްލާކްއަކަށް ނުލިބުނެވެ. ކުށްވެރިކަމުގެ އިހުސާސްތަކުން އޭނަ ޤައިދުކޮށްފައިވާ ކަހަލައެވެ. އިސްޖަހާލެވުން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ.

*****

ބޮޑުކޮޓަރީގެ ސޯފާގައި ޒޯހާ ބައިންދަމުން މާރިޔާ ބަދިގެއަށް ދިޔައީ ފެންތައްޓެއް ބަލާއެވެ. އޭރު ޒޯހާ ގާތުގައި މޫނިސާ އިނެވެ. އޭނަ ކަަރުނަތައް ފޮހެލަމުން ލަސްލަހުން ޒޯހާގެ އަތްތިލައިގައި ހިފާލިއެވެ. މަންމަގެ އެހަރަކާތުން ޒޯހާއަށް އިތުރަށް ރޮވުނީއެވެ. ވާހަކަދައްކަން މަސައްކަތްކުރި މޫނިސާއަށް އެކަން ކާމިޔާބު ނުކުރެވުނީ އޭނަގެ އަރުތެރެ ބެދުމުންނެވެ. އޭނަ ފުންނޭވާތަކެއް ދޫކޮށްލަމުން ޒޯހާގެ ގައިގައި ބައްދާލިއެވެ.

ތަބެއްގައި ފެންތަށިތަކެއް ހިފައިގެން އައި މާރިޔާ އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލީ މޫނިސާއާއި ޒޯހާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އޭނަ ބޮޑު ކޮޓަރިއަށް ނަޒަރު ހިންގާލި ވަގުތު އަފްލާކް ފެންނަން ނެތުމުން ހައިރާންކަން ލިބުނެވެ. އަފްލާކްގެ ޚަބަރެއް ބަލަން ދާން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލެވުނީ މޫނިސާއާއި އޭނަގެ ނަޒަރު ބައްދަލުވުމުންނެވެ. އެއާއެކު އޭނަ ހިނގައިގަތީ ސޯފާއާއި ދިމާއަށެވެ. އެވަގުތުކޮޅުގައި އޭނައަށް އަހައްމިޔަތުކަން ދެވުނީ މޫނިސާގެ ދެމައިންނަށެވެ. އެދެމައިންގެ ހިތާމައިގައި ބައިވެރިވާށެވެ.

ފަހުން އަފްލާކްގެ ޚަބަރެއް ބަލަން މާރިޔާ ގަސްދުކުރިއެވެ.

*****

މުޅި ކޮޓަރިއަށް ވެރިވެފައި ވަނީ އަނދިރިކަމާއި ހަމަހިމޭންކަމެވެ. އެ އެކަނިވެރި މާހައުލުގެ ތެރޭގައި އެނދުގެ ފައިލާ ކޮޅުގައި އިށީންދެގެން އިން އަފްލާކްގެ ފަރާތުން ފެންނަނީ މޮޅިވެރިކަމެވެ. އަތުގައި އޮތް ސިނގިރޭޓު ތުންފަތުގައި ޖައްސާލަމުން އޭގެ ދުންތައް އެތެރެއަށް ދަމާލުމަށްފަހު، އޭގެ ކުޑަ އިރުކޮޅެއް ފަހުން ދުންތައް ފަޒާގެ ތެރެއަށް ފޮނުވާލިއެވެ. އަހަރުތަކެއް ފަހުން އޭނަ ސިނގިރޭޓު ބޭނުން ކުރީ ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމަށް ލުޔެއް ހޯދައިދޭށެވެ. ނަމަވެސް އޭނަގެ ނަފުސަށް އެއްވެސް ކަހަލަ ހަމަޖެހުމެއް ނުލިބުނެވެ. ލޯމަރާލަމުން ފެންނަނީ ޒޯހާ ބަރުދާސްތުކުރަމުން ދިޔަ ހިތާމަތަކެވެ. އެހިތާމަތަކަށް ލުޔެއް ހޯދައިދިނުމުގައި އޭނަ ނުކުޅެދިފައިވާ މަންޒަރެވެ. އެހުރިހާކަމަކާއެކުވެ ރަމީޒުގެ ވިހަ ޖުމްލަތައް ވެސް ކަންފަތުގެ ތޫރީގެ ތެރޭގައި ގުގުމަމުން ދިޔައެވެ. އެވާހަތަކުގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް އެކުލެވިގެންވާކަމަށް ޤަބޫލުކުރެވުނު ހިނދު އަފްލާކްގެ ހިތަށް އިތުރަށް ތަދުވިއެވެ. މިއީ ޒޯހާއާއި އޭނަގެ ލޯބީގެ ފަހު ދުވަސްތައްކަމަށް ހީކުރެވުނެވެ. މިކަންތަކަށްފަހު އޭނައާއި ބައްދަލުކުރަން ޒޯހާ ބޭނުންނުވާނެކަމަށް ވެސް ހީކުރެވުނެވެ. ޒޯހާ އޭނަ ކުށްވެރިކުރާނެކަމަށް ވެސް ހީކުރެވުނެވެ.

*****

ވަގުތަކީ ހުރިހާކަމަށް ވެސް ވާ ޝިފާއެކެވެ. ވަގުތާއެކު ޒަހަމްތައް ފަސޭވެ ހާލަތު ބަދަލުވެގެން ދަނީ އެހެންވެއެވެ. އެއުސޫލުގެ ދަށުން އައްޔޫބުގެ ކުއްލި ވަކިވުމުން މޫނިސާއާއި ޒޯހާއަށް ލިބުނު ހިތާމަތަކަށް ވެސް ލުޔެއް ލިބެމުން ދިޔައެވެ. އައު އަޒުމަކާއެކު ދިރިއުޅުމާއި ކުރިމަތިލުމަށް ހިތްވަރެއް ލިބުނެވެ. އެހުރިހާ ވަގުތެއްގައި ވެސް މަދަދުވެރިކަން ފޯރުކޮށްދެން ގާތުގައި ހުރީ މާރިޔާއެވެ. އެކަމަށް މޫނިސާގެ ހިތުގައި ޝުކުރުވެރިކަން ވިއެވެ. އައްޔޫބުގެ ޖަނާޒާ އޮތް ދުވަހު ހިނގި ހަމަނުޖެހުމަށްފަހު ފަޒީލާގެ ޚަބަރެއް ވެސް ނުވިއެވެ. އެކަމާ މޫނިސާ ދެރަވިއެވެ. ނަމަވެސް އޭނަ ނިންމީ ދައްތައަށް ވަގުތު ދޭށެވެ. ފަހުން ދައްތައަށް ވިސްނޭނެކަމަށް އޭނަ އުއްމީދުކުރިއެވެ. ވެދިޔަ ކަންތަކުގައި މަރިޔާ އަދި އަފްލާކްގެ ކުށެއް ނުވާކަމާއި ހަޤީޤީ ކުށްވެރިޔަކީ ރަމީޒު ކަން ވިސްނޭނެ ދުވަހަކަށް އޭނަ ދިޔައީ އިންތިޒާރުކުރަމުންނެވެ. ހަމައެއާއެކު އޭނައާއި ޒޯހާ ހާލުގައި ޖެހި ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހުނު ދުވަހު ގާތުގައި ތިބި ބަޔަކީ ކޮބައިކަން ވެސް ވިސްނޭނެކަމަށް އޭނަ އުއްމީދުކުރިއެވެ.

ވެދިޔަ ކަންތަކުގައި ރަމީޒު ނޫން ފަރާތެއް ކުށްވެރި ނުވާތީ އިތުރު މީހެއްގެ ބޮލުގައި އިލްޒާމު އަޅުވަން މޫނިސާ ބޭނުމެއް ނުވިއެވެ.

*****

ފާއިތުވެގެން ދިޔަ ދުވަސްތަކާއެކު މާރިޔާ ހުރީ އަފްލާކްއާ މެދު ފިކުރުބޮޑުވެފައެވެ. މިހާރަކަށް އައިސް އަފްލާކް ހުންނަނީ އަބަދުމެ ހިމޭންވެފައެވެ. އެއްވެސްކަމެއް ހިއްސާއެއް ނުކުރެއެވެ. ޒޯހާއާއި ވެސް ބައްދަލުކުރާކަށް ނުދެއެވެ. ގެއިން ބޭރަށް ނުގޮސް މުޅި ދުވަސްހެން ހޭދަކުރަނީ ކޮޓަރީގެ ހަތަރުފާރުތެރޭގައެވެ. އެކަނިވެރިކަމުގެ ތެރޭގައެވެ. ސިނގިރޭޓު ބޭނުން ކުރާކަން ވެސް ފަޅާއެރީ ކޮޓަރީގައި ހަރުލާފައިވާ ވިހަ ދުމުގެ ވަހުންނެވެ. އަފްލާކްއަށް އައި ބޮޑެތި ބަދަލުތައް ފާހަގަކުރެވެން ފެށުމާއެކު މާރިޔާ ނުތަނަވަސްވިއެވެ. އެބަދަލުތަކުގެ ފަހަތުގައިވާ ސަބަބުތައް ހޯދަން އޭނަ ކުރި މަސްކަތްތައް ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ގޮތްހުސްވެފައި ވަނިކޮށް އަފްލާކްއާއި ބައްދަލުކުރަން ޒޯހާ އައެވެ.

*****

އަފްލާކްގެ ކޮޓަރީގެ ދޮރުގައި ދެތިން ފަހަރު ޒޯހާ ޓަކި ދިނެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އެއާއެކު ޒޯހާއަށް ދޮރުގެ ތަޅުގައި ހިފާ އަނބުރާލެވުނެވެ. ތަޅުނުލާ ހުރުމުން ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ފުރަތަމަ ވެސް ޒޯހާގެ ނޭފަތުގައި ޖެހުނީ ސިނގިރޭޓުގެ ވަހެވެ. އޭނަގެ ސަމާލުކަން ކޮޓަރީގެ ތެރެއަށް ހުއްޓުނީ ދެނެވެ. އަނދިރިކަން ވެރިވެފައި އޮތުމުން އެތެރެއަށް އަޅާލި ފިޔަވަޅާއެކު ފާރުގައި ހުރި ސްވިޗުބޯޑުގައި އަތް ހިންގާލަމުން ބޮކިތައް ދިއްލާލިއެވެ. ކޮޓަރީގެ ތަރުތީބު ގެއްލިފައިވާ މަންޒަރާއި ރޫޖެހިފައިވި ޓީޝާޓަކާއި ސޯޓުބުރިއެއްގައި އެނދުގައި އޮތް އަފްލާކް ފެނި ޒޯހާއަށް ބަލަން ހުރެވުނީ ހިތާމަވެރިކަމުގެ ނަޒަރަކުންނެވެ.

ކޮޓަރިއަށް ވެރިވެގެން އައި އަލިކަމާއެކު އެނދުގައި އޮތް އަފްލާކްއަށް އުނދަގޫވިއެވެ. ދޮރާއިދިމާއަށް ބަލާލެވުނު ހިނދު ޒޯހާ ފެނުމާއެކު އަފްލާކްއަށް ކޮޅަށް ތެދުވެވުނީ ކުއްލިޔަކަށެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިއުމާއެކު ޒޯހާގެ ދެލޮލުން އަފްލާކްއަށް ކަރުނަ ވިދާލި ތަން ފެނުނެވެ. އެއާއެކު އޭނަގެ ހިތުގައި ރިހުމެއް އުފެދުނެވެ.

''ޒޯހާ...'' އަފްލާކްއަށް ގޮވާލެވުނެވެ.

''އަހަރެންގެ ހާލު ބަލާލަން ވެސް އައުމެއް ނެތި ތިއީތަ އަފްލާކް އުޅެންވީ ގޮތަކީ؟...'' ކުރިއަށް އަޅާލި ފިޔަވަޅާއެކު ޒޯހާ ޝަކުވާކުރިއެވެ. ''އަފްލާކްއަށް ތިހާ ބޮޑު ބަދަލެއް އައިސްގެން ތިއުޅެނީ ކީއްވެގެންތަ؟، އަހަރެން އަފްލާކްއަށް އެންމެ ބޭނުންވި ދުވަހ ުވެސް މަސައްކަތްތިކުރަނީ ދުރުގައި ހުންނަން، އަހަންނާ މެދު އެއްފަހަރު ވެސް ވިސްނާލިނަމަ ތިހެން އަފްލާކްގެ އަމަލުތައް ނުބެހެއްޓީސް، މިހާރު ސިނގިރޭޓު ވެސް ބޯންފެށީތަ؟... އަފްލާކް ޖެހޭނީ އަހަރެންގެ ސުވާލުތަކަށް މިއަދު ދޭން، ތިހެން ކަންތައްކުރަން ހަދައިގެން އަފްލާކްގެ މަންމަ ކަންބޮޑުވެފައިވާ މިންވަރެއް ވެސް ނުފެނޭތަ؟... އަހަރެންގެ ހިތުގައި ޖެއްސޭ ވަރެއް ނޭގޭތަ؟...''

އަފްލާކް ޚިޔާރުކުރީ ހިމޭންކަމެވެ. ޒޯހާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަފްލާކްއަށް ނޭގޭ ކަހަލައެވެ. އޭނައާއި ބައްދަލުކުރަން ޒޯހާ އައުމުން އަފްލާކްއަށް ހައިރާންކަން ވެސް ލިބިފައި ވިއެވެ. އޭނަ ހީކުރީ ރުހުމުގެ ލޮލަކުން ޒޯހާ އޭނައަށް ބަލާވެސް ނުލާނެ ކަމަށެވެ. ރަމީޒުގެ ވާހަކަތަށް ބަރޯސާވެވުނުކަމުގެ މޮޔަކަން އަފްލާކްއަށް ރޭކާލީ އެދަނޑިވަޅުގައެވެ. ކަރުނުން ފުރިފައިވި ޒޯހާގެ ދެލޮލުން އަފްލާކްއަށް ލޯބި ފެނުނެވެ. އޭނައާއި މެދު ފިކުރުބޮޑުވެ ދެރަވެފައިވާ މިންވަރު ވެސް ފެނުނެވެ. ޒޯހާގެ ހިތް ޒަހަމްވެފައިވާ ވަގުތެއްގައި އެހިތަށް އިތުރު އަނިޔާތަކެއް ދެވިއްޖެކަން އަފްލާކްއަށް ތަސައްވަރުކުރެވުނީ ދެނެވެ. އެއާއެކު އޭނަ ދެރަވިއެވެ. ހިތަށް މަޔޫސްކަން ވެރިވިއެވެ.

އަފްލާކްއާއި ޒޯހާ ވާހަކަދައްކައިގެން އެދެމެދަށް ވެރިވެފައިވި ނުތަނަވަސްކަމަށް ހައްލެއް ހޯދިއެވެ. އެއީ އެދެމެދުގައި އޮތް ސާފު ލޯބީގެ ގުޅުން ހާމަކޮށްދިން ވަގުތުކޮޅެކެވެ. ކިތަންމެ ގިނަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސް އެދެމެދުގައި އޮތް ލޯތްބަށް ބަދަލެއް ނާންނާނެކަން އަންގާލަދިން ވަގުތުކޮޅެކެވެ.

''އައެމް ސޮރީ...'' އަފްލާކް މަޢާފަށް އެދުނެވެ. ނޭގިނަމަވެސް ޒޯހާގެ ހިތުގައި އޭނައަށް ވަނީ ޖެއްސިފައެވެ.

''މީގެ ފަހުން އެފަދަ ގޮތަކަށް އަފްލާކް ވިސްނައިގެން ނުވާނެ، ވެދިޔަ ކަންތަކުގައި އަހަރެން އަފްލާކް ކުށްވެރި ކުރަންވީ ކީއްވެގެންތަ؟، އަފްލާކް ދެކެ ރުޅި އަންނަންވީ ކީއްވެގެންތަ؟... ބައްޕަ ސަލާމަތްކުރަން އަފްލާކް ކުރި މައްސައްކަތްތައް އެންމެ ގާތުން ފެނުނު މީހަކީ އަހަރެން، ބައްޕަ ނިޔާވުމުން އެކަމުގެ އިލްޒާމު އަފްލާކްގެ ބޮލުގައި އަހަރެން އަޅުވަންވީ ކީއްވެގެންތަ؟، އަހަންނަށް އެނގޭ ބައްޕައަށް ދެރަގޮތެއް ވާން އަފްލާކް ބޭނުންނުވާނެކަން، ބައްޕަ ނިޔާވުމުން އެކަމުގެ އަސަރު އަފްލާކްއަށް ކުރި ތަން ވެސް އަހަންނަށް ފެނުނު... ރަމީޒު މަސައްކަތްއެކުރަނީ ނަފުސާނީ ގޮތުން އަފްލާކް ބަލިކަށިކޮށްލަން، އެހެންވެ އޭނަ އެދުވަހު އައިސް އެފަދައިން ވާހަކަދެއްކީ... އަފްލާކް ކުށްވެރިކޮށްފައި ވާހަކަދެއްކީ އަފްލާކްގެ ވިސްނުމާއި ކުޅެލަން ވެގެން... އޭނަ ބޭނުންވަނީ އަހަންނާއި އަފްލާކް ދުރުކުރުވަން... އޭނައަށް އެފުރުސަތު ދޭކަށް އަހަރެން ބޭނުމެއް ނޫން... އޭނަ ކުރި ހުރިހާކަމެއްގެ އަޖުމަ އޭނައަށް ލިބެން އަހަރެން ބޭނުން، ބައްޕަގެ ބޮލުގައި އެޅިފައިވާ ދޮގު އިލްޒާމުތައް ވެސް ރަގަޅުކުރަން އަހަރެން ބޭނުން، އެފަދައިން ކަންތައް ކުރެވޭނީ އަހަރުމެން އެންމެން އެކީގައި އޭނައާއި ކުރިމަތިލައިގެން...''

ޒޯހާގެ ވާހަތަކުން އަފްލާކްގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބުނެވެ. ޒޯހާގެ އަތްތިލައިގައި ހިފާލަމުން މަޑުމަޑުން ފިތާލިއެވެ. އެއަށްފަހު ޒޯހާއަށް ފަނޑު ހިނިތުންވުމެއް ދިނެވެ.

''އަދި އެއްވާހަކަ، ދެން މީގެ ފަހުން ސިނގިރޭޓެއްގައި އަތްލައިގެން ނުވާނެ، ކުރިން އަހަންނަށްވި ވަޢުދު އުވާލައި ސިނގިރޭޓުގައި އަތްލުމުން ރުޅި އައިސްފައި މިހުރީ...'' ޒޯހާ މާޒީގެ ދުވަސްތައް ހަނދުމަކޮށްދެމުން ބުންޏެވެ. އޭނައާއި އަފްލާކް ބައްދަލުވީ ކޯސް ހަދަމުން ދިޔަ ދުވަސްވަރުގައެވެ. އޭރު އަފްލާކްގެ އެންމެ ގާތް ރައްޓެއްސަކީ ސިނިގިރޭޓެވެ. ނަމަވެސް އެވިޔާނުދާ އެކުވެރިޔާ ދޫކޮށްލީ އޭނައާއި އަފްލާކްއާއި ދެމެދުއެކުވެރިކަން ބަދަހިވެ އެއެކުވެރިކަން ލޯތްބަށް ބަދަލުވީ ހިސާބުންނެވެ.

''ސޮރީ، ދެން މީގެ ފަހުން އަތެއް ނުލާނަން... ކިތަންމެ ވަރަކަށް ސްޓްރެސް ވިޔަސް އަތެއް ނުލާނަން...'' އަފްލާކް ޔަޤީންކަން ދިނެވެ.

******

ދެ ހަފްތާ ފަސް...

ރަމީޒު މިހާރަކަށް އައިސް ހުންނަނީ އަބަދުމެ ރުޅި ގަދަވެފައެވެ. އޭނަ އުއްމީދުކުރި ފަދައިން އަފްލާކްއާއި ޒޯހާގެ ގުޅުމުމުގައި ނިމުމުގެ ސިއްކަ ނުޖެހުމުން އެކަމާ ހުރެ އޭނަ ހުންނަނީ ރުންކުރުވެފައެވެ. އީތަން ލައްވާ އަބަދުމެ ޒޯހާއާއި އަފްލާކްގެ ޚަބަރުދަބަރު އޭނަ އޮޅުން ފިލުވައެވެ. އެއިން ކޮންމެފަހަރަކު ރުޅި އައިސްގެން ގޮސް އޭނަ ހުންނަނީ ދޮންވެފައެވެ. މިވީހާ ދުވަހު އޭނަ ހާސިލުކުރަން ބޭނުންވި ލަނޑުދަނޑިތަކާ ހަމައަށް ވާސިލުނުވެވުނީތީއެވެ.

ހަމައެއާއެކު އައްޔޫބުގެ މައްސަލަގަނޑަށްފަހު އޭނައާއި ފަހީމްއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވާކަން ރަމީޒުއަށް ފާހަގަކުރެވުނެވެ. ކުރިން މޭފުއްޕާލާފައި އުޅުނުހެން އުޅެން އޭނަ މިހާރު ޖެހިލުންވެއެވެ. ލަސްލަހުން އޭނަގެ މުށުތެރޭން އަރާއި ބާރު ދޫވަމުންދާ ކަހަލަ އިހުސާސް ވެސް ކުރެވެމުން ދިޔައެވެ. ހަމައެއާއެކު އޭނަގެ ވިޔަފަރިއަށް ވެސް އެތަކެއް ނާކާމިޔާބީތަކާ ކުރިމަތިވެ އިތުރު ނުތަނަވަސްކަމެއް ލިބެން ފެށިއެވެ. އެހުރިހާކަމެއްގެ އިލްޒާމު އޭނަ އެޅުވީ ޒޯހާގެ ބޮލުގައެވެ.

''އެސުންޕާ އަންހެނަކާ ހެދި މިހުރިހާކަމެއް ދިމާވަނީ، އޭނަ ނޫޅެޔޭ އަފްލާކް ދޫކޮށް ދާކަށް ވެސް، އެކަމާ ހުރެ ފަހީމް ހުންނަނީ އަހަރެން ދެކެ ހިތްހަމަނުޖެހިފައި... މިހެން ކަންތައް ދާނަމަ އިތުރަށް އަހަރެންދެކެ ފަހީމް ރުޅި އަންނާނީ... އެހެން ކަންތައް ވާނަމަ އަަހަންނަށް އިތުރު ފިއްތުންތަކެއް ކުރިމަތިވުން ނޫންކަމެއް ނުވާނެ، ކިހިނެއްބާ ހަދަންވީ؟...'' ރުޅިގަދަވެގެން ގޮސް ރަމީޒު ހީވަނީ ފަޅާއިގެންދާން ކައިިރިވެފައި ހުރި އަލިފާން ފަރުބަދައެއް ހެންނެވެ.

*****

ރެސްޓޯރެންޓަށް ވަދެގެން އައި ކިޔާރާގެ ނަޒަރު ހޯދަމުން ދިޔައީ އަފްލާކްއެވެ. ކުއްލި ގޮތަކަށް އޭނައަށް ގުޅާފައި ބައްދަލުކުރަން ބޭނުން ވާހަކަ އަފްލާކް ބުނުމުން ކިޔާރާއަށް ލިބުނީ ހައިރާންކަމެވެ. ހަމައެއާއެކު އުފާވެސް ވިއެވެ. ޒޯހާއި އަފްލާކްގެ ގުޅުމަށް ނިމުން އައީ ކަމުގައި ހީކުރެވި އޭނަގެ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔަ ކަހަލައެވެ. ރެސްޓޯރެންޓަށް އައީ ވެސް ނިކަން ނަލަހެދިގެންނެވެ.

ދުރުގައި ވަކިން މޭޒެއްގައި އިން އަފްލާކް ފެނުމާއެކު ކިޔާރާގެ ހިނިތުންވުން ފުންވިއެވެ. އަފްލާކް ގާތަށް ދިއުމަށް އޭނަ މިސްރާބު ޖެހީ ބަނޑިބަނޑު ލައްވަމުންނެވެ. ކައިރި މޭޒުތަކުގައި ތިބި ފިރިހެނުންގެ ލޯތައް ކިޔާރާގެ ފަރިކަމަށް ހުއްޓެމުން ދިޔައެވެ. ނަމަވެސް އެ ހުރިހާ މީހުންގެ ތެރެއިން ވެސް ކިޔާރާގެ ސަމާލުކަން ދެވިފައިވަނީ ހަމައެކަނި އެންމެ ފަރާތަކަށެވެ. އަފްލާކް އަށެވެ.

''ހޭއި ސްވީޓްހާޓް...''

ގޮނޑީގައި އިށީންނަމުން ކިޔާރާ ބުނެލީ ތުއި އަޑަކުންނެވެ. ކިޔާރާއަށް ބަލާލި އަފްލާކްގެ ފަރާތުން ޝައުޤުވެރިކަމެއް ނުފެނުނެވެ. އޭގެ ސަބަބުން ކިޔާރާގެ އަނގަސަކަރާތްވާ ގޮތް ވިއެވެ. ދެރަވެސް ވިއެވެ. ގޮނޑީގައި އިށީން އިރު އަފްލާކްއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އުފާވެރި ޚަބަރެއް ދޭން ނޫން ގޮތެއްގައި އަފްލާކް އޭނައަށް އިސްވެ ގުޅީ ކީއްވެގެން ހެއްޔެވެ؟ ބައްދަލުކުރަން އެދުނީ ކީއްވެގެން ހެއްޔެވެ؟

''އަހަރެން ނެތިން ގިނަ ވާހަކައެއް ދައްކާކަށް... ކިޔާރާ ކުރަމުން ތިދާ ކަންތައް ހުއްޓާލާ، ގަދަ މަޖުބޫރުން ލޯތްބެއް ހާސިލެއް ނުކުރެވޭނެ... އަހަންނާއި ޒޯހާ ދުރުކޮށްގެން ކިޔާރާއަށް ފަހަރެއްގައި އަހަންނާއި ކައިވެނި ކުރެވިދާނެ، އެކަމަކު އަހަރެންގެ ހިތާ ހަމައަށް ދުވަހަކު ވެސް ވާސިލެއް ނުވެވޭނެ، އަހަރެންގެ ހިތުގައި ވަނީ ހަމައެކަނި ޒޯހާ، އިތުރު ފަރާތަކަށް މިހިތުން ދުވަހަކު ޖާގައެއް ނުލިބޭނެ، އެހެންވެ މިބުނަނީ އަހަރެން ހާސިލުކުރަން ތިކުރާހާ މަސައްކަތެއް ހުއްޓާލާށޭ... އެކަމުން ނިކުމެފައިވާ ނާތީޖާތައް ކިޔާރާއަށް ނުފެންނަނީތަ؟... ނޫނީ ނުފެންނަ ކަމަށް ހަދަން ބޭނުންވަނީތަ؟... އަހަރެންގެ ބައްޕަގެ ފަރާތުން ޒޯހާގެ ޢާއިލާއަށް ލިބެމުންދާ ނިކަމެތިކަން ހަމަ ނުފެންނަނީތަ؟، އެހުރިހާކަމެއްގެ އަސްލާ ގުޅިފައިވަނީ ކިޔާރާގެ އަމިއްލައެދުމާއި... ޒޯހާގެ ބައްޕަ މިދުނިޔެ ދޫކޮށްދާން ޖެހުނީ ވެސް އެކަންތަކާ ހެދި... އަހަރެން ހާސިލުކުރަން ހަދައިގެން ކިތައް މީހުންގެ ދިރިއުޅުން ބަރުބާދުކޮށްލެވިއްޖެ، އަދިވެސް ވިސްނައިގަންނާކަށް ނޭގޭތަ؟، ރަގަޅު ގޮތް ހޯދާކަށް ނުވޭތަ؟... ނޫނީ މީހާގެ ޖާހިލުކަމުން ހެޔޮނުބައި ވިސްނައިގަންނަން ބޭނުންނުވަނީތަ؟... ކިޔާރާ ތިކުރާ ކަންތަކުން އަހަރެންގެ ހިތުގައި އިތުރަށް ކިޔާރާއާ މެދު ނަފުރަތު ނޫން އިހުސާސެއް ނުއުފެދޭނެ...''

އަފްލާކް ބުނެލިއެވެ. އެއަޑުގައި ރުޅިވެރިކަމެއް ނުވެއެވެ. ވަނީ މޮޅިވެރިކަމެވެ. ކިޔާރާއަށް ރަގަޅު ގޮތް ވިސްނައިދޭން މަސައްކަތްކުރާ ކަހަލައެވެ.

''މީގެ ޒަމާންތަކެއް ކުރީން އަހަރެންގެ ހިތުގައި ކިޔާރާއަށް އިހުސާސްތަކެއް ވިޔަސް އެކަންތައް ބަދަލުވެއްޖެ، ވަގުތާއެކު އެހުރިހާކަމެއް ވަނީ ބަދަލުވެފައި... އެކަންތައް ބަދަލުކުރި މިހަކީ ވެސް ޚުދު ކިޔާރާ، އެދުވަހު އަހަރެން ހުށަހެޅި ލޯބީގައި ކޮޅުފައިން ނުޖެހިނަމަ އަހަރެން ހުންނާނީ ކިޔާރާއާއެކު، އެކަމަކު އެދުވަހު ކިޔާރާ ޚިޔާރުކުރީ އެހެން މީހަކު، އެކަން ޤަބޫލުކޮށް އަހަރެން ވެސް ދިރިއުޅުމާއިގެން ކުރިއަށް ދިއައީ... މިއަދު މީ ކިޔާރާގެ ފަހަރު... އަހަރެން މިވަނީ ޚަޔާތުގެ ބައިވެރިޔަކަށް ޒޯހާ ޚިޔާރުކޮށްފައި، އެދުވަަހު ކިޔާރާގެ ނިންމުމަށް އަހަރެން ޤަދަރުކުރިހެން މިއަދު އަހަރެންގެ ނިންމުމަށް ކިޔާރާ ޤަދަރުކުރޭ... އަހަރެން ބޭނުމެއް ނޫން މިކަންތައް އިތުރަށް ގޯސްވާކަށް، މިކަމުން އިތުރު މީހަކަށް ގެއްލުމެއް ލިބޭކަށް ވެސް...'' އަފްލާކް ބުންޏެވެ.

ކިޔާރާ އިނީ ހިމޭންވެފައެވެ. އޭނަ އަފްލާކްއަށް ބަލަން އިދެފައި ވާހަކަދައްކަން ފެށިއެވެ. އަފްލާކްގެ ވާހަތަކުން އެހިތަށް އަސަރުކޮށްފައިވާ ކަހަލައެވެ. އޭނަ ވީ އޮޅުބޮޅުންގަނޑެއްގެ ތެރޭގައެވެ. އަފްލާކްގެ އޭނަގެ ބޮލުގައި އަޅުވަމުން ދިޔަ އިލްޒާމުތަކާއި ތުހުމަތުތައް ކިޔާރާއަށް ދޭހައެއް ނުކުރެވުނެވެ. އޭނަގެ ނަޒަރުގައި އޭނަ ގޯސްކަމެއް ނުކުރެއެވެ.

''ކީއްވެގެންތަ ޒޯހާގެ ބައްޕަ މަރުވީ އަހަރެންގެ ސަބަބުންނޭ ތިބުނަނީ؟... އެމީހާ އަމިއްލައަކަށް ނޫންތަ މަރުވީކީއެއް؟... ޑްރަގްސް ވިއްކުމުގެ ތެރޭގައި ފަޅާއެރުމުނެއްނު އޭނަ އެހެން ކަންތައް ކުރީ، އެކަމުގެ އިލްޒާމު އަހަރެންގެ ބޮލުގައި ތިއަޅުވަނީ ކީއްވެގެންތަ؟... އަފްލާކް ތިބުނާ އެއްވެސް އެއްޗެއް އަހަންނަކަށް ނުވިސްނޭ...'' ކިޔާރާ ބުނެލިއެވެ.

''ކިޔާރާ އެއްފަހަރު ވެސް ވިންނާލިނަމަ އެނގޭނެ އެއީ ދޮގެއްކަން، ޒޯހާ ދޫކޮށްލަން އަހަންނަށް މަޖުބޫރުކުރަން ރޭވިރޭވުމެއް އެއީ... އެކަމުން އެދެވޭ ކަހަލަ ނަތީޖާއެއް ނުނެރެވުމުން ޒޯހާގެ ބައްޕަ މަރާލީ... އެކަމުގެ ފަހަތުގައި ވާނީ އަހަރެންގެ ބައްޕަކަން ޔަޤީން، މިހުރިހާކަމެއްގެ ފަހަތުގައި ވަނީ އަހަރެންގެ ބައްޕަ، ކިޔާރާގެ ޢާއިލާގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކުން ބައްޕަ އެހެން ކަންތައް އެކުރަނީ، ހީޒް ޑްސްޕެރޭޓް ޓު ބީ އޮން ޔޯރ ފާރދާރސް ގުޑް ސައިޑް...'' އަފްލާކް ބުނެލިއެވެ.

''ފަހުގެ ފުރުސަތެއް މިދެނީ ހެދުނު ގޯސްތައް އިސްލާހުކުރުވަން...'' އަފްލާކް ބުނެލިއެވެ.

އަފްލާކް އޭނަ ހިއްސާކުރަން ބޭނުން ވާހަކަތައް ހިއްސާކޮށްލުމަށްފަހު މޭޒު ދޫކޮށް ދިއުމާއެކު ކިޔާރާއަށް ވިސްނަން ހުރެވުނެވެ. އޭނައަށް އެކަންތައް ޤަބޫލުކުރަން އުނދަގޫވެފައިވާ ކަހަލައެވެ. ވިސްނުންތަކެއްގެ ތެރެއަށް މީހާ ގެއްލުނެވެ. އަފްލާކްގެ ވާހަކަތަކުން އޭނައަށް އަސަރުތަކެއް ކޮށްފައި ވިއެވެ. އަފްލާކް ހާސިލުކުރަން ހަދައިގެން އޭނައަށް ހެދިފައިވާ ބޮޑެތި ގޯސްތައް ކިޔާރާއަށް ފާހަގަވި ދަނޑިވަޅާކީ އެއީއެވެ. އޭނައަށް އަފްލާކް ދެއްކި ވާހަަތަކާ މެދު ތަކުރާރުކޮށް ވިސްނެމުން ދިޔައެވެ. ހިތުގައި ލެވެމުން ދިޔަ ހިލައިގެ ފަށަލަ ފުނޑުފުނޑުވެ ރަހުމު އިހުސާސްކުރެވުނީ ދެނެވެ. ހަސަދަވެރިކަމުން އޭނަގެ ދެލޯ އަނދިރިވެފައިވި މިންވަރު ވެސް މެއެވެ. ހެޔޮމަގަށް ރުޖޫޢުއަވުމަށް ލިބުނު އިލްހާމެއް ކަހަލައެވެ.

*****

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ފަހީމްއާއި ރަމީޒު ތިބީ ބޮޑުކޮޓަރީގައެވެ. އެދެމެދުގައި ވާހަކަތަކެއް ބަދަލުކުރެވެމުން ދިޔަ އެވެ.

''ވަގުތު ހަމަވާކަން އެބަ އިނގޭ ދޯ؟...'' ރަމީޒުއަށް އޭނަ ދީފައިވި މުހުލަތު ހަމަވަމުން އަންނަކަން ފަހީމް ހަނދާންކޮށްދިނެވެ.

''އާނ، އެބަ އެނގޭ، އެހެންވެ ފަހުގެ ހަމަލާއާ މެދު މަޝްވަރާކޮށްލަން މިއުޅެނީ!...'' ރަމީޒު ބުނެލިއެވެ. ފަހީމްގެ ޚިޔާލާ ނުލައި އޭނަގެ ރޭވުމާ އެއްގޮތަށް އަމަލުކުރަން ރަމީޒު ހުރީ ޖެހިލުންވެފައެވެ.

''ކޮން ހަމަލާއެއް؟...'' ފަހީމް ބުމަ އަރުވާލިއެވެ. ރަމީޒުއަށް އެއްވެސްކަމެއްގައި އިތުބާރުކުރުން ފަހީމް ވަނީ ހުއްޓާލާފައެވެ. އޭނަގެ ހިތުގައި ރަމީޒުގެ ނިޔަތާ މެދު އެތަކެއް ސުވާލެއް އުފެދިފައި ވިއެވެ.

''ޒޯހާ ރަހީނުކުރަން މި ވިސްނަނީ... އެއަށްފަހު އަފްލާކްއަށް ކިޔާރާއާއި ކައިވެނިކުރަން މަޖުބޫރުކުރާނީ... ކައިވެނިކުރުމުން ޒޯހާ ދޫކޮށްލާނީ...'' ރަމީޒު ބުނެލިއެވެ. ރަމީޒު އެވާހަކަތައް ހިއްސާކުރިއިރު އޭނަގެ ހިތުގައި ފޮރުވިފައިވާ ސިއްރެއް އޮތެވެ. ސަލާމަތުން ޒޯހާ ދޫކޮށްލުމުގެ ވިސްނުމެއް އޭނަގެ ނެތެވެ.

ދެމީހުންގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް ހުއްޓުމަކަށް އައީ ކިޔާރާ އެތަނަށް އައުމުންނެވެ. އޭނައަށް ދެންމެ ދެއްކި ވާހަކަތައް އަޑުއިވިއްޖެކަން އެމޫނުން ފެންނަމުން ދިޔަ ކުލަވަރުތަކުން ހާމަކޮށްދިނެވެ.

''ބައްޕާ، އަހަރެން ބޭނުމެއް ނޫން އަފްލާކްއާއި ކައިވެނި ކުރާކަށް...'' ކިޔާރާ ބުނެލިއެވެ. އެއާއެކު ރަމީޒުގެ އިތުރުން ފަހީމްގެ ފަރާތުން ވެސް ސިހުން ފެނުނެވެ.

''ކިޔާރަ؟...'' ރަމީޒުއަށް ބުނެލެވުނެވެ.

''ތިއިން އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން، އަހަންނަށް އެއްޗެއް މިހާރު ވިސްނިއްޖެ، މިހުރިހާ ދުވަހު އަހަރެން ހީކުރީ މަޖުބޫރުކޮށްގެން ވިޔަސް އަހަންނަށް އަފްލާކް ހާސިލު ކުރެވިދާނެކަމަށް، އެކަމަކު އެހެން ކަންތައް ނުވާނަކަން އަހަންނަށް އެނގިއްޖެ، މަޖުބޫރުކޮށްގެން އަހަންނަށް އަފްލާކްއާއި ކައިވެނިކުރެވިދާނެ، އެކަމަކު އަފްލާކްގެ ފަރާތުން އަހަންނަށް ލޯތްބެއް ނުލިބޭނެ، އަފްލާކްގެ ހިތުގައި ވަނީ ހަމައެކަނި ޒޯހާ، އިތުރުފަރާތަކަށް އެހިތުގައި ޖާގައެއް ނުވޭ... ބައްޕައަށް މަޖުބޫރުކޮށްގެން އަހަރެން ކުރުވި ކަންތަކުން އަފްލާކްގެ ހިތުގައި އަހަންނަށްޓަކައިވަނީ ނަފުރަތު އުފެދިފައި، އެހުރިހާކަމެއްގެ ސަބަަބުން އަފްލާކް ލޯބިވާ ފަރާތުގެ ދިރިއުޅުން ވަނީ ބަރުބާދުކޮށްލެވިފައި، އަހަރެންގެ އަމިއްލަ އެދުމުގެ ސަބަބުން ޒޯހާގެ ބައްޕަ ވެސް މިދުނިޔެ ދޫކޮށް ދިޔައީ... އަހަރެން ބޭނުމެއް ނޫން މިކަންތައް އިތުރަށް ކުރިއަށް ދާކަށް... އަހަންނަށް މިހާރު ވިސްނިއްޖެ، ޒޯހާއާ މެދު ހިތުގައިވި ހަސަދަވެރިކަމާއި އަފްލާކް ހާސިލުކުރަން ހިތުގައިވި އެދުމެއްގެ ސަބަބުން އަހަންނަށް ކުރިން ނުވިސްނުނީ، އެކަމަކު މިހާރު ހަޤީޤަތަށް އަހަރެން ލޯހުޅުވިއްޖެ...'' ކިޔާރާ ބުނެލިއެވެ. އެއާއެކު ރަމީޒުގެ ފަރާތުން ސިހުން ފެނުނެވެ. ބިރުވެރިކަން ވެސް ފެނުނެވެ. އަފްލާކްއަށް ފިލާވަޅެއް ދޭން ބޭނުންކުރަމުން ދިޔަ ހަތިޔާރު މުށުތެރޭން ބީވެއްޖެކަމުގެ ހިލަން އޭނައަށް ވިއެވެ. އެއާއެކު އެނައަށް ތެޅިގަނެވުނެވެ.

''އަފްލާކް އެއްޗެކޭ ބުނީތަ؟...'' ރަމީޒުއަށް އަހާލެވުނެވެ.

ފަހީމް ހުރީ ހިމޭންކަމާއެކު ކިޔާރާއަށް ބަލާށެވެ.

''އަފްލާކް ވަނީ އަހަންނަށް ހުރިހާއެއްޗެއް ވެސް ބުނެދިނީ... ބައްޕާ... ބައްޕަ ވެސް އެއްބަސް ވެެގެންތަ ޒޯހާގެ ބައްޕަ ޑްރަގް މައްސަލައިގައި ފްރޭމް ކުރެވުނީ؟... ބައްޕަވެސް އާނ ބަސް ދީގެންތަ ޒޯހާގެ ބައްޕަ މަރާލެވުނީ؟...'' ކިޔާރާ ސުވާލުކުރީ ފަހީމްއާއެވެ. އެއާއެކު ފަހީމްގެ ފަރާތުން ސިހުން ފެނުނެވެ. އެކަންތަކުން ކިޔާރާގެ ޝައްކު ޔަޤީންކޮށްދިނެވެ.

''އަހަރެން ފަހަރެއްގައި ވެސް ހިޔެއް ނުކުރަން އަހަންނަށް ވި ވަޢުދު ފުއްދަން ބައްޕަ އެދަރަޖައަށް ގޮސްފާނެއެކޭ... މީހެއްގެ ފުރާނަ ދުއްވާލާނެއެކޭ ވެސް... މިހާރު އަހަރެން ދެރަ އެބަވޭ ޒޯހާގެ ބައްޕައަށް އަމާޒުކޮށް ބުނެވުނު ބަދު ބަސްތަކުން، ހަޤީޤަތް އެނގުނުނަމަ އަހަރެން ފަހަރެއްގައި ވެސް އެފަދައިން ކަންތައް ނުކުރީމުސް، މިހުރިހާކަމެއް މިވީ އަހަރެންގެ ސަބަބުން...'' ކިޔާރާގެ އަޑު ކުރެހުނެވެ.

''ދަރިފުޅާ... އެއީ ބައްޕައަށް އެނގިގެން ހިނިގަކަމެއް ނޫން، ބައްޕަ ދުވަހަކު ވެސް މީހެއްގެ ފުރާނައަށް އަރައެއް ނުގަންނާނަން، ދަރިފުޅުގެ ހިތްހަމަޖައްސަދޭން ވިޔަސް އެފަދަ ފާފައަކަށް ބައްޕަ ނާރާނަން!...''

ފަހީމް ކިޔާރާއަށް ކަންތައް ހިނގައި ދިޔަ ގޮތް ކިޔައިދިނެވެ. އެއާއެކު ރަމީޒު ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރުތަކުން އޭނަގެ ނިމުން ކުރިމަތިން ފެންނަމުންދާ ކަހަލަ އިހުސާސެއް އޭނައަށް ކުރެވުނެވެ.

''ބައްޕާ، މިކަންތައް މިހާހިސާބުން ނިންމާލާ، އަހަރެން ބޭނުން ޒޯހާގެ ބައްޕައަށް އިންސާފު ލިބެން، އެންމެނަށް ހަޤީޤަތް އެނގެން... ކުށްކުރި މީހާއަށް އަދަބު ލިބެން...'' ކިޔާރާ ބަލާލީ ރަމީޒު އަށެވެ. އެދެލޮލުގައި ނުރުހުންތެރިކަން ވިއެވެ.

*****

ކަރުތާ ފެނަށް ވެއްޓިފައިވި ރަމީޒުއަށް އިތުރު ހާސްކަމެއް ލިބުނީ ރަށުގެ ފަޅު ސަހަރައްދެއްގައި ވަޅުލާފައި އޮތް ސަބާގެ ހަށިގަނޑު ފެނިގެން ބަޔަކު ފުލުހަށް ރިޕޯޓުކުރުމުންނެވެ. އެއާއެކު އޭނަގެ ކަރަށް ދަންމަޅިއެއް މެހިއްޖެކަމުގެ އިހުސާސްކުރެވުނެވެ. ފުރަތަމަވެސް ފުލުހަށް އޭނަ ހާޒިރުކުރެވުނެވެ. އެމަކުން ބޯދަމައިގަންނަން އުޅުނުކަމުގައި ވިޔަސް އެކަމެއް ނުކުރެވުނެވެ. ފަހީމްގެ ފަރާތުން ލިބެމުން އައި އެއްބާރުލުން ގެއްލިގެން ދިއުމާއެކު އޭނަގެ ނުފޫޒު ގެއްލިގެން ދިޔައެވެ. އޭނަ ހައްޔަރުކުރެވުނީ އީތަންގެ ހެކިބަހާއެކުގައެވެ. ސަލާމަތްވާން ކުރަމުން ދިޔަ މަސައްކަތް ހުއްޓުމަކަށް އައީ ދެނެވެ.

އެއާއެކު ރަމީޒު ކުރި ހުރިހާ ނުބައިކަމެއް އޭނައާއި އަރައި އެއްހަމަ ކުރިއެވެ. އޭނަ ކޮށްފައިވި ހުރިހާ ނުބައިކަމެއް ފުލުފުލުގައި ހާމަވަމުން ދިޔައެވެ. އައްޔޫބުގެ މަރުގެ މައްސަލަ ވެސް އޭނަގެ މައްޗަށް ސާބިތުވާވަރަށް ހެކި ލިބުނީ ފަހީމްގެ ފަރާތުންނެވެ. އެކުށްކުރަން ރަމީޒު ބޭނުންކުރި ހުރިހާ އުކުޅެއް އެހާހިސާބުން ފަޅާއެރިއެވެ. ހަމައެއާއެކު އެކަމުގައި އީތަން ވެސް ބައިވެރިވުމުން އޭނަ ހުރިހާކަމެއް ހިނގާ ދިޔަ ގޮތް ރަގަޅަށް ކިޔާދިނެވެ. ރަމީޒުއަށް މަދަދުވެރިވުމުގެ ކުށުގައި ފަހީމް ވެސް ހައްޔަރުކުރެވުނެވެ.

*****

ތަހުގީގުތައް ނިމި ކޯޓުގެ މަރުހަލާއާ ހަމައަށް ދެވުނު އިރު އޭނައާއި ދެކޮޅަށް ލިބިފައި ހުރި ސާބިތު ހެއްކާ އެކުގައި ވެސް ކުށަށް ރަމީޒު އިންކާރުކުރަމުން ދިޔައެވެ. ފަހު ވަގުތާ ޖެހެން ދެން ވެސް ކުށުން ބޯދަމައިގަންނަން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް ހުރިހާ ދިމާއަކުން ވެސް އޭނަ ހުރީ ހައްޔަރުވެފައެވެ. ސަލާމަތުގެ އައްސޭރިއެއް ނުލިބުނެވެ.

ސަބާއާއި އައްޔޫބުގެ މަރުގެ މައްސަލަ ސާބިތުކުރެވޭނެވަރަށް ހެކިހުރުމުގެ ސަބަބުން ސަލާމަތްވުމުގެ ހުރިހާ ދޮރެއް ރަމީޒުއަށް އޮތީ ބަންދުވެފައެވެ. ކަރަށް މެހިފައިވި ދަންމަޅިން ސަލާމަތެއް ނެތްކަން އޭނައަށް ރޭކާލީ ދެނެވެ. އެހެނަސް ކުރެވުނު ކުށްތަކާ މެދު ދެރަވެ ޖެހިލުންވެފައިވި ކަހަލަ އިހުސާސެއް އޭނަގެ ފަރާތުން ނުފެނުނެވެ. އެއާޚިލާފަށް ރަމީޒުގެ ހިތުގައިވީ މުދަލާއި ފައިސާގެ އިތުރުން އޭނަގެ މުށުތެރޭގައިވި ބާރުވެރިކަން ގެއްލިދާނެކަމުގެ ބިރެވެ.

ސަބާގެ އިތުރުން އައްޔޫބުގެ މަރުގެ މައްސަލަ ރަމީޒުގެ މައްޗަށް ސާބިތުވުމާއެކު ރަމީޒުގެ މައްޗަށް އިއްވުނީ މަރުގެ ހުކުމެވެ. ހުކުން އިއްވި ގަޑީގައި ރަމީޒު ހުރީ ހަމަހިމޭންވެފައެވެ. ޤަބޫލުކުރަން ދަތިވެފައެވެ. އެހެނަސް، ހަމަހޭވެރިކަން ވުމާއެކު ކޯޓުގެ ހުރުމަތްކަނޑާލައި ގާޒީންނާ ދިމާއަށް ވެސް އަވަގުރާނަގޮވަން ފެށިއެވެ. ކްރިމިނަލް ކޯޓުން އެމައްސަލަ ނިންމާލުމުގެ ވިސްނުމެއް އެވަގުތު ވެސް ރަމީޒުގެ ނެތެވެ. އިސްތިއުނާފަށް މައްސަލަލައިގެން ސަލާމަތްވެވެން އޭނަ އަޒުމުކަނޑައެޅިއެވެ.

އިސްތިއުނާފަށް ލައިގެން ވެސް ރަމީޒުއަށް ކުރިއެރުމެއް ނުލިބުނެވެ. މަތީ ކޯޓުތަކުން ވެސް ތާއީދު ކުރީ ރަމީޒުގެ މައްޗަށް އިއްވުނު މަރުގެ ހުކުމް ތަންފީޒުކުރުމަށެވެ. އެއާއެކު ރަމީޒު އިނދަޖެހުނެވެ. ގޮތް ހުސްވެ މީހާ ނިކަމެތިވިއެވެ. ބާރު ހުރި ދުވަހު އުޅެވުނު ގޮތާ މެދު ވިސްނުނެވެ. ނިކަމެތިންގެ މައްޗަށް އަނިޔާވެރިވެވުނު ގޮތާ މެދު ވެސް ވިސްނުނެވެ. އެހެނަސް އޭނައަށް އެކަމުން ފިލާވަޅެއް ދަހެއް ނުކުރެވުނެވެ. ހިތާމައެއްވެސް ނުކުރިއެވެ. އެއާ ޚިލާފަށް އޭނަގެ ހިތުގައި ވަނީ ރުޅިވެރިކަމެވެ. ފަހުވަގުތާ ޖެހެންދެން ވެސް ހުކުމުން ސަލާމަތްވާން ރަމީޒު މަސައްކަތްކުރިއެވެ.

*****

މަރުގެ ހުކުމް ތަންފީޒުކުރާ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ރަމީޒުއަށް ލިބިފައިވި ބިރުވެރިކަން އޭނަގެ ސިކުނޑިއަށް ވެރިވެ ނަފުސާނީ ގޮތުން މީހާ ބަލިކަށިކޮށްލިއެވެ. އެހާ ހިސާބުން އޭނައަށް ހަމަނުދި ނުލިބެއެވެ. ރަގަޅަކަށް ނުކެވެއެވެ. މުޅި މީހާ ބަލިކަށިވެއްޖެއެވެ. އެކަނިމާއެކަނި ގޮޅީގެ ތޭރިތަކުގެ ތެރޭގައި ވަގުތު ގުނަމުން ދާއިރު އަބަދުމެ ހުންނަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަފުސާނީ ގޮތުން މީހާ ބަލިކަށިވި ހިނދު އެހެނިހެން މީހުންގެ ލޮލަށް ނުފެންނަ ހަޤީޤަތާ ހިލާފު މަންޒަރުތައް ވެސް އަސްލެއްގެ ސިފައިގައި ރަމީޒުއަށް ފެންނަން ފެށިއެވެ. އޭނަގެ އަތުން މަރުވި މީހުންގެ ރޫހުތައް އައިސް އައިސް އޭނައަށް ހަމަލާދޭން މަސައްކަތްކުރާހެން ވެސް ހީވިއެވެ. އެމީހުންގެ އަތްދަށުވެ ކޮންމެ ދުވަހަކު އެތައް ހާސްމަރަކުން މަރުވާކަމުގެ އިހުސާސް އޭނައަށް ކުރެވެއެވެ. ޚިޔާލީ ފުރޭތަތަކުގެ ފުށުން ރަހުމެއް ނެތި ލިބެމުން އައި ސަޒާތަކުގެ ގަދަފަދަ ވޭން އެކަނިމާއެކަނި ބަރުދާސްތުކުރަން ޖެހުނެވެ. އެކަންތަށް ރަމީޒުއަށް ސިފަކުރެވެެމުން އައީ ހަޤީޤަތެއްގެ ގޮތުގައެވެ. އެތައްފަހަރު ހޭނެތިގެން ވެއްޓ ި ފަރުވާވެސް ދެވުނެވެ. ނަފުސާނީ ޑޮކްޓަރުންނަށް ދައްކައިގެން ވެސް އެދެވޭ ކަހަލަ ބަދަލެއް ނުފެނުނެވެ.

ގިނަ ބަޔަކަށް އެކަންތައް ހީކުރެވުނީ ރަމީޒު ކުޅެމުން ދިޔަ މޮޅު ޑްރާމާއެއްގެ ގޮތުގައެވެ. މަރުގެ ހުކުމުން ސަލާމަތްވުމަށެވެ. އެހެންވެ އެއްވެސް ބަޔެއްގެ އަޅާލުމާއި ރައްކާތެރިކަމެއް އަދި ކުލުނެއް ވެސް ރަމީޒުއަކަށް ނުލިބުނެވެ. އޭނަ މުޅިން ބާކީވެ ނިކަމެތިވީ ދެނެވެ. އަމިއްލަ ޚިޔާލީ ފުރޭތަތަކުގެ އަތްދާސުވެ ހާނާވެގެން ދިޔައެވެ. ސަލާމަތުގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވެ މީހާ ބިކަވެގެން ދިޔައެވެ.

އެބިރުވެރިކަމެއްގެ ތެރޭގައި މަސްތަކެއް އުޅުމަށްފަހު އެކަންތައް ބަރުދާސްތުނުކުރެވޭ ހިސާބަށް ދެވުމުން އެބިރުވެރިކަމުން ސަލާމަތްވާން ރަމީޒުއަށް ފެނުނު ހަމައެކަނި މަގަކަށް ވީ އަމިއްލައަށް މަރުވުމެވެ.

ތޫނު އެއްޗަކުން ކަނދުރާގައި ފުންކޮށް ޅިޔަ އަޅާލުމާއެކު ކުރެވުނު ކަންތަކުގެ މޮޔަ ރަމީޒުއަށް ހީވިއެވެ. އަތުގައި އޮތް ކުޑަ ރޭޒަލުން ދޫކޮށްލެވުނު ހިނދު އޭނައަށް ކަރުގައި އަތްއަޅާލެވުނެވެ. އޭރު ކަނދުރާގައިވި ޒަހަމުން ހޯސްލާފައި ލޭތައް ފައިބަމުން ދިޔައެވެ. ނޭވާނުލެވިގެން ގޮސް ރަމީޒު ދެލޯ މުދިނަށް އެރިއެވެ. އަނގަހުޅުވާލައިގެން ވިޔަސް ނޭވާލާން މަސައްކަތްކުރިއެވެ. އެހެނަސް އަރުތެރެއަށް ޖަމާވެފައިވި ލޭތައް ކެއްސުންގަނޑަކާއެކު އަނަގައިގެ ތެރެއަށް ޖަމާވެ ނޭވާލުމަށް އިތުރު ހުރަހެއް ކުރިމަތިވިއެވެ. ކަރުގައި ދެއަތުން ބާރަށް ހިފަހައްޓަން މަސައްކަތްކުރަމުން ދިޔަ ރަމީޒު ކުޑަކަކޫމައްޗަށް ތިރިވެވުނެވެ. އޭރު އޭނަގެ މޫނު މައްޗަށް އަނދިރިވަމުން ދިޔައެވެ. ނޭވާ ނުލެވިގެން ގޮސް އޭރު ރަމީޒުގެ މޫނު ހުދުވާން ފަށައިފިއެވެ. ލޯވެސް ބޮޑުވެ މީހާ ހުއްޓުމަކަށް އަންނަން ކައިރިވެއްޖެއެވެ. މޫނު މައްޗަށް އަނދިރިވެއްޖެއެވެ. އެއަށްފަހު ކުއްލިޔަކަށް ފެނުނީ އަނގަވަތަށް ރަމީޒު ބިންމައްޗަށް ވެއްޓުނު މަންޒަރެވެ. އެއާއެކު މަރަށް ތެޅިފޮޅުނެވެ. އޭރު މުޅި ތަނުގައި ވަނީ ލޭގެ ކޯރެއް ދަމާލާފައެވެ. މިނެޓްތަކެއް ފަހުން ރަމީޒުގެ ހަރަކާތްކެނޑި ހަމަހިމޭންވެގެން ދިޔަ ހިނދު ރަމީޒުގެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭބޭރުވަމުންދިޔައެވެ.

*****

ފަސް އަހަރު ފަސް...

އޮއްސެމުން ދިޔަ އިރުގެ ދަޅަތަކުގެ ކުލަވަރު ހަރީފު މޫސުމުގެ ކުލަތަކާއެކުވެގެން ފެންނަމުން ދިޔަ ގޮތް ނިކަން ފުރިހަމައެވެ. ތަފާތު އެކިކަހަލަ ބިޔަ ގަސްތައް ހަރީފުގެ ކުލަތަކުން ރަންގުވެފައިވާ ހިނދު ބިންމައްޗަށް ފައިބާފައިވި ފަތްތަކުގެ ދޫލަތަކުން މާހައުލުގެ ހިތްގައިމުކަން އިތުރުކުރުވައެވެ. ހަމައެއާއެކު އުދަރެސްމަތި ޖަރީވެފައިވި އިރުގެ އަލިފާން ކުލައިން ޤުދުރަތުގެ މަންޒަރަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

އަތުގައި އޮތް ފޯނުން ޤުދުރުތުގެ މަންޒަރުތައް ރައްކާކުރަމުން ދިޔަ ޒޯހާގެ ތުންފަތުގަިއ ވަނީ ފުން ހިނިތުންވުމެކެވެ. ދުރުދުރަށް ދާންދެން ފެތުރިފައި އޮތް ފަތުގެ ދޫލަތަކުގެ ތެރޭގައި ދުވަމުން ދިޔަ ތިން އަހަރަށްދާ ކުޑަ ފިރިހެންކުއްޖާއަށް ބަލާލި ޒޯހާގެ ހިތަށް އުފާވެރިކަމުގެ ރާހަތު ގެނެސްދިނެވެ. ހަމައެއާއެކު އެކުޑަ ފިރިހެންކުއްޖާގެ ފަހަތުން ދުވަމުން ދިޔަ އަފްލާކްއަށް ނަޒަރު ހުއްޓުމުން ޒޯހާގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ގެނެސްދިނެވެ. އެއީ އޭނަގެ މުޅި ދުނިޔެއެވެ. އޭނަ ލޯބިވާ ޢާއިލާއެވެ.

އުދާސްކަމާއި ހިތްދަތިކަމަށްފަހު ބަނަ ދުވަސްތަކަކަށްފަހު، މިހާރު އަބަދުމެ ގުލްޝަނުގެ ދާނެއްގައި އުޅޭވޭ ކަހަލައެވެ. އިންދިރާސްވަމުން އައި އޭނަގެ ހަޔާތް ބާއްޖަވެރިވެފައިވާކަމުގެ އިހުސާސް އަބަދުމެ ޒޯހާއަށް ކުރެވެއެވެ. އޭނަގެ ކުޑަކުޑަ ޢާއިލާއަކީ ﷲގެ ރަހުމަތުން އޭނައަށް ލިބިފައިވި މަތިވެރި ނިޢުމަތެކެވެ. ދުޢާއަކީ އަބަދުމެ އުފާވެރިކަމުގެ ހިޔާވެހިކަން އޭނަގެ ލޯބިވާ ޢާއިލާއަށް ލިބުނެވެ. ރަހުމަތުގެ ވާރޭ އަބަދު ވެއްސެވުމެވެ.

''ދަރިފުޅާ ޒޯހަން... ދުވެދުވެ ވަރުބައލިއެއް ވެސް ނުވޭތަ؟...'' ލޯބިވާ ދަރިފުޅުގެ ގާތަށް ހިނގައިގަންނަމުން ޒޯހާ ވާހަދެއްކިއެވެ. އެވަގުތުކޮޅަކީ އަފްލާކް ގޮސް ޒޯހަން އުރާލި ވަގުތެވެ. ފަސްއެނބުރި ބަލާލަމުން އަފްލާކް ޒޯހާއަށް ހިނިތުންވެލިއެވެ. އެއާއެކު ޒޯހާގެ ތުންފަތުގައި ވެސް ލުއި ހިނިތުންވުމެއް ދުވެލިއެވެ.

*****

ގެއަށް ދިއުމަށް އަފްލާކްގެ ދެމަފިރިންނާއި ދަރިފުޅު މިސްރާބު ޖެހިއެވެ. މީގެ ފަސް އަހަރު ކުރިން ރާއްޖެ ދޫކޮށް އެމެރިކާގެ ނިއު ޔޯކަށް ދެމަފިރިންގެ ދިރިއުޅުން ބަދަލުކުރީ ރާއްޖޭގެ މާހައުލާއި ދުރަށް ދިއުމަށެވެ. ހިތާމަޔާއި އުދާސްކަމުގެ ހަނދާންތަކާއި ދުރުވެލުމަށެވެ. އޭގެ ފަހުން ފަސްއަހަރު ފާއިތުވެގެން ދިޔައިރު ވެސް ރާއްޖެ ދިއުމުގެ ވިސްނުމެއް ދެމަފިރިންގެ ނެތެވެ. މިހާރު މާރިޔާގެ އިތުރުން މޫނިސާ ވެސް އުޅެނީ އެދެމަފިރިންނާއި ދެމަފިރިންގެ ދަރިފުޅު ޒޯހަންއާއެކު ނިއުޔޯކް ގައެވެ.

ޕާކިން ޒޯނުގައި އޮތް ކާރާއި ދިމާއަށް ދެމަފިރިން ހިނގާފައި ދިޔައިރު އަފްލާކް ހުރީ ޒޯހަން އުރާލައިގެންނެވެ. އަފްލާކްއާއި ކައިރިވެލަމުން އަފްލާކްގެ މުލައްދަނޑީގައި ޒޯހާ ހިފާލިއެވެ. ދެމަފިރިންގެ ދެމެދުގައި ބަދަލުކުރެވުނު ހިނިތުންވުމުން އެދެމެދުގައި އޮތް ސާފު ލޯބި ހާމަކޮށްދިނެވެ. އުފާވެރި ޚަޔާތަކަށް މަރުހަބާ ކިޔަމުން ދެމަފިރިން ކުރިއަށް ފިޔަވަޅުތައް އަޅަމުން ދިޔައީ މާޒީގެ ހިޔަނި އެ އުފާވެރިކަމަށް އެޅެން ބޭނުންނުވާ ހާލުގައެވެ. ދެވަނަ ފަހަރަށް ހަޔާތް އިންދިރާސްވުމުގެ ފުރުސަތު ދޭން ދެމަފިރިން ވެސް ބޭނުމެއް ނުވެއެވެ. ހިތްވަރާއެކު އަބަދުމެ މަސައްކަތްކުރާނީ ހަޔާތުގެ އިމްތިހާނު ތަކުގައި އުފާވެރިކަން ހާސިލުކުރުމަށެވެ.

(ނިމުނީ).

http://sun.mv/115252

comment ކޮމެންޓް