އިންދިރާސް... (15)

''ކީއްކުރަން މިތަނަށް އައިސްގެން ތިއުޅެނީ؟...''

އަފްލާކް ކިތަންމެ މަޑުމަތިރިކޮށް ވާހަކަދައްކަން މަސައްކަތް ކުރިކަމުގައި ވިޔަސް އޭނަގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ރަމީޒު ފެނުމުން އޭނަގެ ޠަބީއަތު ޚަރާބުވިއެވެ. ހަނިކޮށްލެވުނު ދެލޮލުން ވެސް އެހިތުގައި ރަމީޒުއަށް އުފެދިފައިވި ނަފުރަތު ހާމަވެއެވެ. އޭނަ ދޫކުރަމުން ދިޔަ ފުންނޭވާތަކުން ވެސް ރުޅި ކޮންޓްރޯލްކުރަން ކުރަމުން ދިޔަ މަސައްކަތްތައް ފެނެއެވެ.

ވެދިޔަ ކަންތަކަށް ފަހު އެތަނަށް އަންނަން ރަމީޒުއަށް ހިތްވަރު ލިބުނީ ކިހިނެއްބާވައޭ ވެސް އަފްލާކްގެ ހިތަށް އެރިއެވެ. ލަދުހަޔާތުގެ ކަންފުޅެއް އަދި އިންސާނިޔަތުވަންތަކުގެ ކުނޑިފަށެއްހާ މިންވަރު ވެސް ހިލައަށްވަމުންދާ އެޖާހިލު ހިތުގައި ނުވާކަން ގައިމެވެ. އިންސާނުންގެ ގިންތީގެ ތެރޭގައި ވެސް ޝާމިލުވުމުގެ ހައްޤެއް ރަމީޒުއަކަށް ނެތެވެ. މީހާގެ އަމަލާއި ބަހުން އެކަން ރަގަޅަށް ސާބިތުކޮށްދީފިއެވެ. ރަމީޒު އެތަނަށް އައި ނިޔަތާ މެދު ހިތުގައި އުފެދުނު ސުވާލުތަކާއެކު އަފްލާކް އިތުރަށް ރުޅިއަންނަ ގޮތް ވިއެވެ.

އަފްލާކްއަށް އައިސްފައިިވި ބަދަލުތައް ފެނި ރަމީޒު ގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭނަ އަމާޒު ހިފީ އިތުރަށް އަފްލާކް ރުޅިއަރުވާލާށެވެ. އޭނަ އެތަނަށް އައި މަޤުސަދަކީ ވެސް އެއީއެވެ. އަފްލާކްގެ ނިކަމެތިކަން ހާމަކޮށްދޭށެވެ. މީހާ އިނދަޖެހިފައިވާކަން އަންގާދޭށެވެ. އޭނަގެ ބާރުގަދަކަމާއި ނުފޫޒު ގަދަކަމުގެ މިސާލު ދައްކާށެވެ. އޭނައާއި ކުރިމަތިލައިގެން ދުވަހެއްގެ ކޮޅުން ވިޔަސް އަފްލާކްއަށް ކުރިއެރުމެއް ނުލިބޭނެކަން އަންގާދޭށެވެ. އޭނައާއި ދެކޮޅުވާ ކޮންމެ މީހެއްގެ ދިރިއުޅުން އަނދާއަޅިއަށްވެ ނިިކަމެތިވެގެންދާނެ ކަން ހާމަކޮށްދޭށެވެ. ލޯބިވާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އަފްލާކް ފެއިލްވެފައިވާކަން ވެސް އަންގާދޭށެވެ.

''އަހަރެންގެ ހުރިހަމައެކަނި ދަރިފުޅަށް ހިތާމައެއް ލިބުމުން ނައިސް ހުންނާނީ ކިހިނެއް؟... ބައްޕައެއްގެ ހައިސިއްޔަތުން އަހަރެންގެ މައްޗަށް ބާރުއަޅާކަމެއްނު ދަރިފުޅުގެ ހުރިހާ ހިތާމައެއްގައި ބައިވެރިވުމަކީ!...''

އަފްލާކްއާއި ހަތަރުކަޅި ހަމަކުރަމުން ރަމީޒު ބުނެލިއެވެ. އެވަގުތު ރަމީޒުގެ ތުންފަތުގައި ދުވެލި މަލާމާތުގެ ހިނިތުންވުން ފާހަގަވުމާއެކު އަފްލާކްއަށް އޭނަގެ ރުޅި އިތުރަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ސިކުނޑީގެ މައްޗަށް ނަފުރަތުގެ ދިލަހޫނުކަން ވެރިވެގެން އައި ހިނދު އޭނައަށް ކުރިއަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އަދި ރަމީޒުގެ ގަމީހުގެ ގިރުވާނުގައި ހިފާ ޖެހި ލުއްކިއަށްފަހު އަތުގެ ތެރެއަށް ގިރުވާނު ބޮޑިކޮށްލިއެވެ. އޭރު އައިސްފައި ހުރި ރުޅީގެ ސަބަބުން އަފްލާކްގެ ދަތްދޮޅީގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ. އޭނަގެ ދެލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. މޫނުމަތިން ވެސް ފެންނަނީ އަނެކާ ޖެހިލުންކުރުވާ ކަހަލަ އަސަރުތަކެކެވެ.

ކުޑަ ހިނދުކޮޅަކަށް ވިޔަސް ރަމީޒުގެ ހިތުގައި ޖެހިލުންވުން އުފެދުނެވެ. އަފްލާކް އެދަރަޖައަށް ރުޅިއައިސްފައި ހުއްޓާ އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އޭނަ ފޮނުވާލި ތީރު ނިޝާނަށް އަމާޒުވެފައިވާކަން ރަމީޒުއަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއެކު އޭނަގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ.

''ބޭކާރު ވާހަކަ ނުދައްކާ އަހަރެން ކުރި ސުވާލަށް ޖަވާބުދީ!... ކަލޭ މިތަނަށް އައީ ކީއްކުރަންހޭ!...''

ދަތްތަކަށް ބާރުލަމުން އަފްލާކް ބުނެލިއެވެ. ރުޅީގެ އަސަރުން ހޫނުވަމުން އައި ލެއިން ކަރުގެ ނަރުތައް ވަނީ ފުއްޕާލާފައެވެ.

''ބައްޕައަށް ޤަދަރުކުރުމެއް ވެސް ނެތީތަ؟... ކޮންކަހަލަ ތަރުބިއްޔަތެއްތަ އަފްލާކްއަށް ލިބިފައި ތިހުރީ؟...'' އަޑަށް މޮޅިވެރިކަން ގެންނަމުން ރަމީޒު އެހިއެވެ.

''ޤަދަރު؟... އެބަހަކީ ކަލޭގެ ދުލުން ނުކުންނަން ހެޔޮވާނެ ވަރުގެ ބަހެއް ނޫން!... ކަލޭ ތީ އެހެނިހެން މީހުންގެ ޤަދަރު ލިބެންޖެހޭ ވަރުގެ މީހެއް ނޫން!، އިންސާނުންގެ ގިންތީގެ ތެރެއަށް ނުފެތޭ މީހަކަށް ކޮން ޤަދަރެއްތަ ކުރަން ޖެހޭނީ؟...''

އަފްލާކް ރުންކުރުވިއެވެ. ވަށައިގެންވި މާހައުލަށް އަފްލާކްއަށް ދެވުނު ނަޒަރާއެކު މީހުންގެ ސަމާލުކަން ދެބަފައިންނަށް ހުއްޓެމުން ދިޔަ ތަން ފާހަގަ ކުރެވުނެވެ. އެއާއެކު މަސްލަހަތަށްޓަކައި އަފްލަކްއަށް މަޖުބޫރުވީ ރަމީޒުގެ ގިރުވާނުން ދޫކޮށްލާށެވެ. އެހެންނޫންނަމަ ބޮޑު ހަޅުތާލިގަނޑެއް ހިނގުން އޮތީ ދުރުގައެއް ނޫނެވެ. ރަމީޒު ބޭނުންވަނީ ވެސް އެފަދައިން ކަންތައް ވާށެވެ. ރުޅި އިސްކޮށް އޭނަގެ އަތުން ގޯހެއް ހަދާތަން ދެކޭށެވެ. ރަމީޒުގެ ނުބައި ރޭވުންތެރިކަން އޭނައަށް ފަހުމު އެބަވެއެވެ. ސަމާލުނުވެވިއްޖެނަމަ ކަރަށް ދަންމަޅިއެއް މެހިގެން ހިނގައިދާނެއެވެ.

''އެންމެ ރަގަޅު ވާނީ ކަލޭ މިތަނުން ދިއުން، ކަލޭގެ ސޫރަ ވެސް ދެކެން ބޭނުންވާ ބަޔަކު މިތާކު ނެތް، ރަގަޅު ގޮތުގައި މި ބުނަނީ މިތަނުން ދޭ، އެހެންނޫނީ އެކަމުގެ ނަތީޖާ ރަގަޅެއް ނުވާނެ!...''

ރަމީޒުއާއި ދުރަށް ޖެހިލަން ފަހަތަށް ފިޔަވަޅުތަކެއް އަޅާލި އަފްލާކް އިންޒާރެއް ދިނެވެ. އޭނަ ހުރީ ރަމީޒުގެ ކުރި ބައްދައިގެންނެވެ. އެތެރެއަށް ވަނުމަށް ރަމީޒުއަށް ހަމަހިލާ އޭނަ ފުރުސަތެއް ނުދޭނެއެވެ. ރަމީޒު ބޭނުންވަނީ ޒޯހާއަށް ލިބިފައިވި ފުން ޒަހަމްތަކުގައި ލޮނުމިރުސްލާށެވެ. އެޒަހަމްތައް ފަސޭހަ ވިޔަނުދީ ދިލަކަންމަތީ ދާއިމަށް ދެމިއޮތްނާނެހެން މަގުތައް ކޮށުމަށެވެ. އެފަދައިން ކަންތައް ވުމުގެ ފުރުސަތެއް އޭނަ ހަމަހިލާ ނުދޭނެއެވެ. ހަށީގައި ފުރާނަ ހުރިހާ ހިނދަކު ޒޯހާއަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން އޭނަ މަސައްކަތްކުރާނެއެވެ. އިތުރަށް ޒޯހާ ބިކަވެގެން ދިއުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. ހިތާމަޔާއި އުދާސްތަކުން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭނެއެވެ. އޭނަގެ މަޖުބޫރީ ހާލަތުގެ ފައިދާ ނެގުމުގެ އިތުރު ފުރުސަތެއް އޭނަ ރަމީޒުއަކަށް ނުދޭނެއެވެ.

''ޖަނާޒާއެއް ކުރިއަށް ދާތަނެއްނު މިއީ، މައްޔިތާގެ މޫނު ބާލާފައި ނޫނީ އަހަރެން ނުދާނަން...''

ރަމީޒު އޭނަގެ ގޮތުގައި ހިފަހެއްޓިއެވެ. އެއާއެކު ރުޅި ގަދަވި އަފްލާކްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަމަވެސް ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ނަފުސު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެެވެ. ރަމީޒު އަތުރަމުން އެދާ މަޅިފަތިތަކުގައި ހައްޔަރުވުމުގެ ފުރުސަތު ދޭން އޭނަ ބޭނުމެއް ނުވިއެވެ. ކުރިން ވިސްނާނުލެވުމުން ރަމީޒު ވަނީ އޭނަގެ މަޖުބޫރީތަކުގެ ނާޖާއިޒު ފައިދާ ނަގާފައެވެ. އެކަންތައް ތަކުރާރުވާން އޭނަގެ ޒަމީރު ފުރުސަތެއް ނުދިނެވެ.

''ކަލޭގެ ހުރި ނުބައިކަން ދެކިބަލަ، ކަލޭގެ ސަބަބުން މިއަދު ޒޯހާގެ ޢާއިލާއަށް މިފަދަ ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހިފައިވަނީ... އަދިވެސް ކަލޭގެ ހިތެއް ނުފުރޭތަ، ކަލޭ ބޭނުންވަނީ ކޮންކަމެއްތަ؟...''

ދެލޯ ހަނިކޮށްލަމުން އަފްލާކް ވާހަކަދެއްކިއެވެެ.

''އަހަރެންގެ ސަބަބުންތަ މިކަމެއް ދިމާވެގެން މިއުޅެނީ؟... ރަގަޅަށް ވިސްނާލަބަލަ، އޭރުން މިކަމެއް ފަހަތުގައިވަނީ ކާކުކަން އެނގޭނެ!...''

ރަމީޒުގެ ތުންފަތުގައިވި ހިނިތުންވުން ގެއްލި މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިވެގެން ދިޔައީ ކުއްލިޔަކަށެވެ. އޭނަގެ މިޒާޖައަށް އެއައި ކުއްލި ބަދަލުން އަފްލާކް ވެސް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.

''އަފްލާކްގެ ސަބަބުން މިހެން މިވީ!، އަހަރެން ބުނި ގޮތަށް ކަންތައް ކުރިނަމަ މިއަދު މިދުވަސް ދެކޭކަށް ނުޖެހުނީސް!، ވިސްނައިދޭން އުޅުނު ދުވަހު ބޯހަރުނުވެ އަހަރެން ބުނި ގޮތަށް ހެދިނަމަ ކަލޭގެ ލޯބިވެރިޔާ މިއަދުދުވަހު ނިކަމެއްޗެއް ނުވާނެ!، ރަށަށް ބަދުނާމުވެ މީހުންގެ ކުރިމަތީގައި އަގެއް ވެސް ނުވެއްޓުނީސް!، އެކަމަކު އެދުވަހު ކަލޭ އަހަރެން ދެއްކި ވާހަކަތައް އަޑު ނޭހީމެއްނު!، މިއަދު އެކަމުގެ ހިތިކަން ކަލެއަށް ތިފެންނަނީ، ކަލޭ ދެން ކިހިނެއްތަ އެއަންހެނާއާއި ކުރިމަތި ލާނީ؟، ކަލޭ ގައިމު ވަޢުދު ވީމެއް ނޫންތަ އޭނަގެ ބައްޕަ ޖަލުން ސަލާމަތްކޮށްދޭން؟، އޭނަގެ މައްޗަށް އުފުލުނު ދައުވާތަކުން އޭނަ މިނިވަންކޮށްދޭން!، އެކަމަކު ކަލެއަށް އެއްވެސް ކަމެއް ހާސިލުވެއްޖެތަ!؟، ނުވިއެއްނު!... އޭނަ މަރުވެގެން ދިޔަ އިރުވެސް ކަލެއަށް އެހީގެ އަތެއް ފޯރުކޮށެއް ނުދެވުނެއްނު!، އޭނަގެ މައްޗަށް އުފުލުނު ދައުވާތައް ވެސް ބާޠިލެއް ނުކުރެވުނު، ކަލޭގެ ނާޤާބިލުކަން އެކަމުން އަންގާދެނީ، ދެން ކޮން މޫނަކާއެކުގަތަ ކަލޭ އެއަންހެނާގެ ކުރިމައްޗަށް އަރާނީ؟، އޭނަގެ ޢާއިލާއަށް ލިބުނު ހުރިހާ ހިތާމައެއްގެ ފަހަތުގައި ވަނީ ހަމަ ކަލޭ، އަހަރެންގެ ގޮތް ކަލެއަށް ރަގަޅަށް އެނގި ހުރެއެއް ނޫންތަ ކަލޭ އަހަންނާ ދެކޮޅަށް ތެދުވީ!، މިއަދު އޭނަގެ ޢާއިލާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ނާކާމިޔާބީގެ ޒިންމާ ނަގަންޖެހޭނެ މީހަކީ ވެސް ކަލޭ، އެހުރިހާ ކަންތަކަށް ފަހުގައި ވެސް އޭނައާއި ކުރިމަތިލުމުގެ ހިތްވަރު ކަލެއަށް ލިބޭނެތަ؟... އޭނައާއި އެކުގައި ކަލެއަށް އުޅޭވޭނަތަ؟... ކަލޭ އޭނައާއެކު ހޭދަކުރާ ކޮންމެ މިނެޓެއްގައި ވެސް ކަލޭގެ ނާޤާބިލުކަން ހާމަވެގެންދާނެ، އޭނަގެ ބައްޕަގެ ސަލާމަތްކޮށްދިނުމުގައި ފެއިލްވިކަން އިހުސާސްކުރެވޭނެ، އޭނަގެ ބައްޕަ މަރުވި ހަޤީޤީ ސަބަބަކީ ކޮބައިކަމާ މެދު ވެސް އޭނައަށް ވިސްނޭނެ، ހަޤީޤަތުގައި މިހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނެ މީހަކީ ކަލޭ، އެއަންހެނާގެ ބައްޕަގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ މީހަކީ ވެސް ކަލޭ، ކަލޭ މަށަށް މަޖުބޫރުނުކުރިނަމަ މިފަދައިން ކަންތައް ނުވީސް، މިއީ ކަލޭ ކުރިވި ކަންތައް!!!...''

އަފްލާކްއާއި ދާދި ގާތަށް ރަމީޒު ހުއްޓުނެވެ. އަދި އޭނަގެ ވާހަކަތައް އަތުރާލީ ނަފުސާނީ ގޮތުން އަފްލާކްއަށް ހަމަލާދެވޭނެ ގޮތަކަށެވެ. ވިސްނުންތެރިކަމާއެކު އަފްލާކް ކުށްވެރިކޮށްފައި ވާހަދަކެއްކީ އިތުރަށް ޒޯހާއާއެކު އުޅުން އަފްލާކްއަށް ތަކުލީފަކަށް ހަދާށެވެ. ކުށްވެރިކަމުގެ އިހުސާސްތަކުގައި ޤައިދުކުރާށެވެ. އޭނަގެ ދަންތުރަތަކުން މިނިވަންވުމުގެ ފުރުސަތު ނުދޭށެވެ.

''ހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނެ މީހަކީ ކަލޭ... ކަލެއަށް ހީވޭތަ ގިނަ ދުވަސް ވަންދެން އެއަންހެނާ ކަލެއާއެކު އުޅޭނެހެން؟... އޭނަގެ މަންމަ ކަލެއާ ރުހޭނެހެން؟.... އެހެން ހީކުރެވޭކަމުގައިި ވާނަމަ އެއީ ކުށްހީއެއް، އޭނަ މިހާރު އެދަނީ އޭނަގެ ބައްޕަގެ ކުއްލި މަރާ ގުޅިގެން ހިތާމަކުރަމުން، އެހިތާމަތަކުގެ ތެރޭން އޭނަގެ ބައްޕަގެ މަރުގެ ޒިންމާ އަޅުވަން މީހަކު ބޭނުންވާނެ، އެދުވަހަކުން އޭނަގެ ނަޒަރުގައި ކުށްވެރިވާނެ މީހަކީ ކަލޭ، ކަލެއާއި ރައްޓެހިވުން އެއީ އޭނަގެ ޢާއިލާގެ ނިމުމުގެ ފެށުންކަން ޔަޤީންވާނެ، ކަލޭ ތީ އޭނަގެ ބަދުނަސީބާއި ގުޅިފައިވާ ފަރާތްކަން ވެސް ހާމަވެގެންދާނެ، އެދުވަހުން އޭނަ ކަލޭ ދޫކޮށްފައި ދާނެ، ލަހެއްނުވެ އެދުވަސް އަންނާނެ... ރަގަޅު ވާނީ ކަލޭ ތިއުޅެމުންދާ ހުވަފެނުން ވީހާވެސް އަވަހަކަށް ހޭލުން، ލަސްތަކެއް ނުވެ އޭނަ ކަލެއާއެކު އުޅެން ބޭނުމެއް ނުވާނެ... އޭނަގެ ބައްޕަ މަރުވީ ކަލޭގެ ސަބަބުން، ކަލޭ މަށަށް މަޖުބޫރުނުކުރިނަމަ މިހެން ކަންތަކެއް ނުވީސް، މިކަމާ މެދު ވިސްނާލާ، ޔުއާރ ރެސްޕޮންސިބްލް ފޯރ އޯލް ދިސް މެސް!!!...''

އަފްލާކްގެ ކަންފަތްދޮށުގައި ރަމީޒު ބުނެލިއެވެ. އަދި ހިމޭންވެފައި ހުރި އަފްލާކްގެ މޫނަށް އޭނަ އަވަސް ނަޒަރެއް ދިނެވެ. އޭނަގެ ތުންފަތުގައި މަކަރުވެރިކަމުގެ ހިނިތުންވުމެއް ދުވެލީ އަފްލާކްއަށް އައި ބަދަލުތައް ފާހަގަވުމުންނެވެ.

''ދުނިޔެ ހިގާނީ ބާރު ހުރި މީހުން ބޭނުންވާ އުސޫލުން އަދި އެމީހުންގެ ބާރުން.... ބާރު ނެތް ބަޔެއްގެ އުސޫލެއް މިދުނިޔެއަކު ނޯންނާނެ، ފާއިތުވި ދުވަސްތަކުގައި އެކަން ކަލެއަށް ރަގަޅަށް ވިސްނިފައި އޮންނާނީ، އަދިވެސް ވިސްނާ، އިތުުރު ބޮޑިއެއް ނުލިބި ސަލާމަތް ވެވޭނީ އޭރުން...''

ރަމީޒު އޭނަގެ ޚިޔާލު ބަދަލުކޮށްލަމުން ގޮސް އެރީ އޭނަގެ ކާރަށެވެ. އޭރު އޭނަގެ ތުންފަތުގައި ވަނީ ފުން ހިނިތުންވުމެކެވެ. ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލަމުން އަދިވެސް އެއްފަހަރު އަފްލާކްއަށް އޭނަ ބަލާލިއެވެ. އޭނަ އަމާޒުކުރި ވިހަ ޖުމްލަތައް އަފްލާކްގެ މޭގެ އެންމެ ފުންމިނަށް ހެރިއްޖެކަން އޭނައަށް ޔަޤީންކުރެވުނީ އަފްލާކް ހަމަހިމޭންވެފައި ހުރިތަން ފެނިފައެވެ. އަފްލާކްގެ ސިކުނޑިއާ ކުޅެލެވިއްޖެކަމުގެ އުފާވެރިކަން ރަމީޒުގެ ހިތުގައި ވިންދުޖަހަން ފެށިއެވެ.

*****

އަފްލާކްގެ ޚަބަރެއް ބަލާލަން މައިގެއިން މަގަށް ނިކުތް މާރިޔާއަށް ހުއްޓެވުނީ ދުއްވާލި ކާރު ފެނިފައެވެ. މާރިޔާއަށް ބަލަން ހުރެވުނީ ހުއްޓުން އަރާފައެވެ. ކާރުގެ ކުޑަދޮރުގެ ލޫވާރގެ ފަރުމާގެ ސަބަބުން އެތެރޭގައި ތިބި މީހުން ދެނެގަނެވޭ ގޮތެއް ނުވިއެވެ. އޭރު ހިސާބެއްގެ ހައިރާންކަމެއް ވެސް އޭނައަށް ލިބިފައި ވިއެވެ.

ކާރާއި ވަކިވެގެން ދިޔަ މާރިޔާގެ ނަޒަރު އަފްލާކްއަށް ހުއްޓުމާއެކު އެމޫނުން އޭނައަށް ފެނުނީ ބަޔާންކުރަން ދަތި ޝުޢޫރުތަކެކެވެ. އެއާއެކު ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހާލިއެވެ. މީގެ އިރުކޮޅެއްކުރިން ފަޒީލާ ހިންގާލި ހަޅުތާލީގެ އަސަރު އަފްލާކްއަށް ކޮށްފައިވާ މިންވަރު މާރިޔާއަށް އަންދާޒާކޮށްލެވުނެވެ.

މާރިޔާ ދެރަ ވިއެވެ. އެހުރިހާކަމެއްގެ އުދާސްކަން ބޮޑިވެގެން އައި ހިނދު މާރިޔާގެ ހިތް އިތުރަށް ނުތަނަވަސް ކުރުވީ މަގުން ފެނުނު ކާރުގެ ސަބަބުންނެވެ. އެއީ ކާކުގެ ކާރެއް ކަން އޭނައަށް ނަގައިގަނެވުނީތީއެވެ. ސުވާލު އުފެދިފައިވާ ހާލު އަފްލާކް ގާތަށް ދިއުމަށް މާރިޔާ މިސްރާބު ޖެހިއެވެ.

''ދަރިފުޅާ...''

އަފްލާކް ގާތަށް ހުއްޓިލަމުން މާރިޔާ ގޮވާލިއެވެ. ނަމަވެސް އަފްލާކްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެއާއެކު އަފްލާކްގެ މުލައްދަނޑީގައި މާރިޔާ އަތްތިލަ ޖައްސާލިއެވެ.

މާރިޔާގެ އެހަރަކާތުން އަފްލާކްއަށް ލިބުނީ ސިހުމެވެ. އޭގެ ސަބަބުން މާރިޔާއަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ. މަގުގެ ކޮޅަށް ގޮސް އޮބާލަން އުޅުނު ކާރަށް ދެވުނު އަވަސް ނަޒަރާއެކު މާރިޔާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ހަމައެއާއެކު އަފްލާކްގެ ހަމަހިމޭންކަމުން އޭނަގެ ހިތަށް އުނދަގޫކުރުވިއެވެ.

''އެކާރު... ދެންމެ... ދެންމެ އައީ ރަމީޒު ތަ؟....''

ނުތަނަވަސްކަން ލިބުނު މާރިޔާއަށް އަހާލެވުނެވެ. ނުތަންވަޅު ގަޑިއެއްގައި ރަމީޒު އަންނަން ޖެހުނު ސަބަބާ މެދު އޭނައަށް ވިސްނެމުން ދިޔައެވެ. ހަމައެއާއެކު އަފްލާކްއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ވެސް މާރިޔާއަށް ނަގައިގަނެވުނެވެ. އެކުއްލި ބަދަލުގެ ފަހަތުގައި ރަމީޒުގެ އަތެއްވާނެކަން އޭނަގެ ޒަމީރަށް ޔަޤީންކުރެވުނެވެ. އެނަގެ ހިތަށް ބިރުވެރިކަން ވަނީ އެހެންވެއެވެ.

''އަފްލާކް...''

މަރިޔާގެ ސުވާލުތަކަށް ޖަވާބު ނުލިބެނީސް އިވިގެން ދިޔައީ އާޒިމުގެ އަޑެވެ. އަޑުއައި ދިމައަށް ބަލާލެވުނު ހިނދު ފުލުހުންގެ ޔުނިފޯމުގައި ހުރި އާޒިމު އެދިމާއަށް ހިނގާފައި އަންނަނީއެވެ.

އަފްލާކްއަށް ބަލާލަމުން އާޒިމު ބަދަލުކޮށްލި ލޮލުގެ އިޝާރާތްތަކުން ވާހަކައެއް ހިއްސާކުރަން ބޭނުންވެފައި ހުރިކަން ހާމަވިއެވެ. އެއާއެކު އަފްލާކްއަށް ބަލާލެވުނީ ގާތުގައި ހުރި އޭނަގެ މަންމަ އަށެވެ.

''މަންމަ އެތެރެއަށް ގޮސްލަން ވީނު، އަހަރެން އަންނާނަން އިރުކޮޅަކުން...''

އަފްލާކް ބުނެލިއެވެ. އޭނަ ބޭނުންވީ މަންމަ އެތަނުން ފޮނުވާލާށެވެ. އޭނައަޘް ލިބިފައިވި އުދާސްކަމާއި ހާސްކަން މަންމައަށް ފޮރުވަން އަފްލާކް މަސައްކަތްކުރިއެވެ.

''އެކަމަކު...'' މާރިޔާ ހުރީ އޭނަގެ ސުވާލުތަކަށް ޖަވާބު ބޭނުން ވެފައެވެ.

''މަންމާ، އެއްވެސް ކަމެއް ނުވެޔޭ... އެކާރުގަ އައީ ބައްޕަގެ ޑްރައިވަރަކަށް އުޅޭ ހަމީދު، އައްޔޫބުބޭގެ އަވައްޓެރިއެއްނު އެއީ، އެހެންވެ ޖަނާޒާގައި ބައިވެރިވެލަން އައީ، އެކަމަކު ކުއްލިޔަކަށް ތަނަކަށް ދާން ޖެހިގެން ފަހުން އަންނާނެ ވާހަކަ ބުނެފަ އެދިޔައީ...''

އަފްލާކް މޮޅު ވާހަކައެއް ހަދާލިއެވެ. މަންމަ ގާތު ދޮގު ހަދަން ޖެހުމުން އޭނައަށް އުނދަގޫ ވެސް ވިއެވެ. ނަމަވެސް އެއީ މަސްލަހަތަށް އޮތް އެންމެ ރަގަޅު ހައްލެވެ. މިނާޒުކު ވަގުތުގައި ރަމީޒުގެ ސަބަބުން އެއްވެސް މީހަކަށް އިތުރު ނުތަނަވަސްކަމެއް ލިބެން އަފްލާކް ބޭނުމެއް ނުވިއެވެ. ރަމީޒުގެ ކަންތައް އެކަނިމާއެކަނި ހަޖަމުކުރަން އޭނައަށް މަޖުބޫރުވީ ވެސް އެހެންވެއެވެ.

އަފްލާކްއަށް ބަލަން ހުރި މަރިޔާގެ ދެލޮލުގައި އަދިވެސް ކަންބޮޑުވުން ވިއެވެ. އޭނައަށް އަފްލާކް ދެއްކި ބަހަނާ ޤަބޫލުކުރަން އުނދަގޫވީކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެތަނަށް އައިސް ހުއްޓުނު އާޒިމަށް ބަލާލަމުން އެެތެެރެއަށް ވަންނަން ހިނގައިގަތީ ވިސްނުމެއްގައި ހުރެފައެވެ. އެހިސާބުން އެވާހަކަތައް މަޑުޖައްސާލުމުގެ ވިސްނުމެއް މާރިޔާގެ ނެތެވެ. އަފްލާކްގެ ނުތަނަވަސްކަމުގެ ފުނަށް ފީނަން އޭނަ ހުރީ އަޒުމުކަނޑައަޅައިގެންނެވެ.

*****

އަފްލާކްއާއި އާޒިމު ވާހަކަދައްކަން މަޑުކޮށްލައިގެން ތިބީ މީހުންނާއި އެކަހެރި ސަހަރައްދެއްގައެވެ. ދެޒުވާނުންގެ ދެމެދުގައި ހިއްސާކުރެވޭ ވާހަކަތައް ތިންވަނަ ކަންފަތަކާ ހަމައަށް ފޯރަން ބޭނުން ނުވާތީއެވެ.

''އަހަންނަށް އެނގޭ މިއީ މިވާހަކަދައްކަން ރަގަޅު ވަގުތެއް ނޫންކަން ވެސް... އެކަމަކު އަފްލާކްއަށް އެނގުން މުހިންމު ކަމަކަށް ވާތީ މިބުނެލަނީ، އައްޔޫބުބޭގެ މަރުގެ މައްސަލަ ތަހުގީގުކޮށް ނިމިއްޖެ، ތަހުގީގު ޓީމުން ބުނަނީ އެއީ ސުއިސައިޑްއެއް ކަމަށް، ބޭރުފުށުން އެއްވެސް ގެއްލުމެއް ހަށިގަނޑަށް ލިބިފައި ނެތް، ލިޔުނު ސިޓީއާއި އައްޔޫބުބެގެ ލިޔުމާއި އެއްގޮތްކަމަށް އެމީހުން އެބަބުނޭ، އެކަމަކު އެލިޔުން އިތުރު މީހަކަށް ނުއެއްދައްކާ، އެލިޔުމެއްގެ ކަންތަށް މީޑިޔާއަށް ލީކުވި ގޮތެއް ވެސް ނޭގޭ... އަހަންނަށް އެނގޭހާ ވެސް އެއްޗަކީ މިއީ ބޮޑެތި މީހުން ރާވައިގެން ކޮށްފައި އޮތް ކަމެކޭ، އެމީހުންގެ ވަކި އެޖެންޑާއެއް ސާބިތުކުރަން ކޮށްގެން އުޅޭކަމެއް މިއީ... ސުއިސައިޑްއެއްކަމަށް ރޫލް ކުރަން އެމީހުން ތިބީ ވަރަށް ބޮޑަށް ފޫގަޅާފައި... އެހެެންވެ ރަގަޅު ތަހުގީގަކާ ނުލާ މިކަންތައް ނިންމާލަން އުޅެނީ... މިކަމުގައި އަހަރުމެންނަށް ކުރެވޭނެ ކަމެއް ވެސް ނެތް، އެމީހުން ހުރިހާ ހެއްކެއް އެބަދައްކާ ސުއިސައިޑްއެއްކަން ސާބިތުކޮށްދޭން... އަހަރެން ބުނާނީ މިއީ...''

އާޒިމު އޭނަގެ ޖުމްލަ ފުރިހަމަ ކުރުމެއް ނެތި ބަލާލީ އަފްލާކް އަށެވެ. އޭނަގެ ދުލުކުރީގައި އޮތް ނަން ހާމަވުމުން އަފްލާކްއަށް ހިތާމައެއް ލިބިދާނެ ކަމަށް ހީކުރެވުނީތީއެވެ. ރަމީޒުއާއި އަފްލާކްއާ ދެމެދު ކިތަންމެ މައްސަލައެއް ޖެހިފައި އޮތްކަމުގައި ވިޔަސް އެއީ އަފްލާކްގެ ބައްޕައެވެ. ރަމީޒު ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް ބައްޕައެއްގެ ހައިސިއްޔަތުން ދެކެން ހުރި ހަމައެކަނި މީހަކީ ވެސް ރަމީޒުއެވެ. އެހުރިހާ ކަމަކާއި ކުރިމަތިލާން އަފްލާކްއަށް އުނދަގޫވާނެކަން ގައިމެވެ.

''ރަމީޒު!...'' އާޒިމުގެ ޖުމްލަ ފުރިހަމަ ކުރީ އަފްލާކް އެވެ.

''އޭނަގެ ނަން ބުނަން އާޒިމު ޖެހިލުންވީ ކީއްވެތަ؟، އަހަރެން ދެރަވެދާނެ ކަމަށްތަ؟... ނޫން!، ފަހަރެއްގައި ވެސް އެހެން ހީނުކުރާތި!... އޭނައާ މެދު އަހަަރެންގެ ހިތުގައި އޮތް ގުޅުމެއް ވިއްޔާ މީގެ އެތައް އަހަރެއް ކުރިން އޭނަ ވަނީ ނެތިކޮށްލާފައި، ހަދާންތަކުގައި ހަރުލާފައި ވަނީ އޭނަގެ ފަރާތުން އަހަންނަށް ލިބުނު އަނިޔާތައް އެކަނި، އޭނަގެ ފަރާތުން ކުރިމަތިވި ރަހުމުކުޑަ ސަޒާތައް، އަހަރެންގެ ހަށިގަނޑުގައި އޭނަ ދިން ޖިސްމާނީ އަނިޔާތަކުން އެޅި ވޭން، އޭނަގެ ގާތު އަހަރެން ރޮމުން ކުރި އާދޭސްތައް، މަންމަ އަހަރެންގެ ދިފާއުގައި ތެދުވުމުން މަންމައަށް އޭނަ ދިން އަނިޔާތައް، މަންމަ އަހަަންނަށްޓަކައި ހޭދަކުރި ހިތްދަތި ދިރިއުޅުން، ވި ޤުރުބާންތައް... އޭނަގެ ފަރާތުން އަހަންނަށް ލިބުނު އަނިޔާތަކަށް ހޭނުނުކަމުގައި ވިޔަސް އޭނަ މަންމައަށް ކުރި އަނިޔާތަކަށް އަހަރެން ނުހޭނުނު، އެއަނިޔާވެރިޔާގެ ވަކިތަކުން އަހަރެން ލޯބިވާ ހުރިހާ ފަރާތެއް މިނިވަންކުރަން އަހަރެން ބޭނުންވި... އެކަހަލަ މީހަކަށްތަ ބައްޕައޭ ކިޔަންވީ!... މިއަދު އޭނަ ކުރަމުން އެދާކަންތަކުން އޭނައަށް ދޭނެ ނަމެއް އަހަންނަކަށް ނޭގޭ!...''

އަފްލާކްގެ އަޑުގައި ހިތިކަމެއް ވިއެވެ. ލޮލުގައި ކަރުނައިގެ ދިލަކަން ވެސް ވިއެވެ.

(ނުނިމޭ...)

http://sun.mv/115099

comment ކޮމެންޓް