މޫނު ބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންނަށް ވަޒީފާ އަލުން ދީފިން: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ: އެކަމަނާ ވިދާޅުވީ، މޫނު ބުރުގާ އަޅައިގެން ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުށަހެޅި ހުރިހާ ޓީޗަރުންނަށް ވެސް މިހާރު ވަޒީފާ އިޔާދަކޮށް ދީފައިވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރު ސުކޫލް ތަކުގައި މޫނު ބުރުގާ އަޅައިގެން ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުށަހެޅި ހުރިހާ ޓީޗަރުންނަށްވެސް މިހާރު ވަޒީފާ އިޔާދަކޮށް ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުގައި މޫނު ބުރުގާ އަޅައިގެން ސްކޫލުތަކުގައި ކިޔަވައިދެއްވާ ބައެއް ޓީޗަރުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، މީހާ އަޅާ ހެދުމެއްގެ ސަބަބުން ނުވަތަ އެ މީހަކު ހުންނަ ގޮތަކުން، އެ މުވައްޒަފެއްގެ ވަޒީފާއިން ވަކިކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި މޫނު ބުރުގާ އަޅައިގެން ނުވަތަ މޫނު ބުރުގާ ނާޅާ ޓީޗަރުންނަށް ވެސް ސުކޫލްތަކުން މިހާރު ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އައި އެފަދަ [މޫނު ބުރުގާ އަޅާއިގެން ވަޒީފާއިން ވަކިކުރި ޓީޗަރުންގެ] މައްސަލަތައް މިހާރު ވަނީ ހައްލުކޮށް، އެބޭފުޅުންނަށް ވަޒީފާ އިޔާދަ ކޮށްދީފައި. އަދި އިތުރަށް މޫނު ބުރުގާ އަޅާއިގެން [ޓީޗަރުންގެ] އާ ވަޒީފާތަކަށް ވަންނަ ބެނުންވާ ފަރާތްތަކަށް އެކަންތައް [ވަޒީފާ] ހަމަޖައްސައި ދީފައި ވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މޫނު ބުރުގާ އަޅައިގެން ކިޔަވައި ދެމުން އަންނަ ޓީޗަރުންނަށް މިނިސްޓްރީން ޝަރުތެއް ކަނޑައަޅާފައިވާ ކަމަށެވެ.

"އެ ޝަރުތަކީ، ދަރިވަރުންނަށް އެނގެންވާނެ ކާކުކަން ކިޔަވައި ދެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް